18 ޖެނުއަރީ 2018 - 11:02

ވިލާ ހޮޓެލްސް އިން ހިންގާ ހުރިހާ ރިސޯޓްތަކަށް ރޭ ކޯޓު އަމުރެއްގެ ދަށުން ކަސްޓަމްސްގެ އޮފިޝަލުން އަރައިގެން ހިންގީ ވަކި ކުންފުންޏަކަށް އަމާޒުކުރި އޮޕަރޭޝެއް ނޫން ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ އެއް ކުންފުނީގެ ރިސޯޓްތަކުގައި ހިންގާ އޮޕަރޭޝަނާ ގުޅޭ ގޮތުން ސުވާލުކުރުމުން ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އިބްރާހިމް ޝަރީފް ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު މައުލޫމާތު ދެއްވެން ނެތް ކަމަށެވެ. ނަމަވެސް ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް އިން ރަލާއި އޫރުމަސް ދޫކުރާ ތަން ފިޔަވައި އެހެން ތަނަކަށް ގެންދޭތޯ އަބަދުވެސް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް އިން ދޫކުރާ ތަންތަނުން އެހެން ތަނަކަށް ގެންދޭތޯ ބަލާނެ. އަދި 72 ގަޑިއިރުގެ ތެރޭގައި އެކަން ޕޯޓަލް އަށް ރިޕޯޓްކުރަން ޖެހޭނެ. އެކަން ނުކުރާ ނަމަ މި ތަނުން ބަލައި އަޅަން ޖެހޭ ފިޔަވަޅު އަޅާ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮންޑެޑް ވެއާހައުސް އިން ވަކި ތަނަކަށް ދޫކުރާ ރަލާއި އޫރުމަސް އެނޫން ތަނަކަށް ގެންދޭތޯ ޕޯޓަލްގެ އިތުރުން އިންޓެލިޖެންސް މެދުވެރިކޮށް ވެސް ބަލަމުން ގެންދާ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
މީގެ ކުރިން އެއްވެސް ރިސޯޓެއްގައި ކަސްޓަމްސް އިން އެފަދަ އޮޕަރޭޝަނެއް ހިންގާފައިވޭތޯ ދެންނެވުމުން ކޮމިޝަނަރު ވިދާޅުވީ އެ މަގާމާ އޭނާ ހަވާލުވެވަޑައިގެންނެވި ފަހުން ރިސޯޓެއްގެ އެ އޮޕަަރޭޝަން ހިންގާފައި ނުވާ ކަމަށެވެ. ނަމަވެސް ބައެއް ސަފާރީތަކުގައި އެފަދަ އޮޕަރޭޝަން ހިންގާފައިވާ ކަމަށް ވިދާޅުވި އެވެ.
"ރިސޯޓެއްގައި އޮޕަރޭޝަނެއް ހިންގާ ނަމަ ޓޫރިޒަމަށް އޭގެ އިމްޕެކްޓް ކުޑަވާނެ ގޮތަށް ކުރިޔަށް ގެންދެވޭތޯ ބަލަން،" ޝަރީފް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ހޮޓެލްސް އިން ހިންގާ ސަން އައިލެންޑް ރިސޯޓް ފާސްކުރަން ނެރުނު އަމުރުގައި އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ، ކަސްޓަމްސްގެ ބޮންޑެޑްވެއާ ހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމަންޓުގެ ނަމުގައި ދޫކުރި ބަނގުރާ، ސަން އައިލެންޑަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައާ ގުޅުން ހުރި ހެކި ހޯދުމެވެ.
ވިލާ ހޮޓެލްސްގެ ގްރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ރޭ ވިދާޅުވީ އެ ކުންފުނީގެ ރިސޯޓްތައް ކަސްޓަމްސް އިން ފާސްކުރިޔަސް، ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި ކަަސްޓަމްސްގެ އަމަލުން ލިބުނީ ކުއްލި ސިހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ މި ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމަށް ސިޔާސީ ގޮތުން ގެއްލުންދޭން ސަރުކާރުން އަޑީގައި އޮވެގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. މި ކުންފުނިން ގާނޫނާ ހިލާފު އެއްވެސް ކަމެއް ނޯންނާނެ،" ގައިސަރު ވިދާޅުވި އެވެ.
ވިލާގެ ރިސޯޓުތަކަށް ކަސްޓަމްސްގެ އޮފިސަރުން ފުލުހުންނާ އެކު އަރައި ރޭ އެ އޮޕަރޭޝަން ހިންގިއިރު، އެ ކުންފުނީގެ ޗެއާމަން ގާސިމަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ކުށުގައި ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. ނަމަވެސް އެ ހުކުމްކުރި ފަހުން ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު މިހާރު ހުންނެވީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ޖަރުމަނުގަ އެވެ.
ގާސިމްގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކޮށްފައިވެ އެވެ. އެގޮތުން 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެންމެ ފުރަތަމަ ކުރި ދައުވާތައް ކުރިއަށް ދަނިކޮށް މިހާރު ވަނީ ގާސިމްގެ ތިން ކުންފުންޏެއް އަތުން އިތުރު 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މީރާ އިން ދައުވާކޮށްފި އެވެ.