18 ޖެނުއަރީ 2018 - 09:38

ލަންޑަން (ޖެނުއަރީ 18) - ޕެނަލްޓީ ޖަހައިގެން 5-3 އިން ނޯވިޗް ސިޓީ ބަލިކޮށް އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ހަތަރު ވަނަ ބުރުން ޗެލްސީ ޖާގަ ހޯދައިފި އެވެ.
މި ދެ ޓީމު ނޯވިޗް ދަނޑުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ޗެލްސީ އަށް މިޝީ ބަޓްޝުއާޔީ ދެ ވަނަ ހާފުގައި ލީޑުނަގައިދީފައިވަނިކޮށް އިތުރު ވަގުތު ތެރޭ ނޯވިޗަށް އެއްވަރުކޮށްދިނީ ޒުވާން ކުޅުންތެރިޔާ ޖަމާލް ލެވިސް އެވެ.
އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ޗެލްސީގެ އަލްވާރޯ މޮރާޓާ އާއި ޕެޑްރޯ ރޮޑްރިގޭޒަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. މި ކުޅުންތެރިންނަށް ކާޑު ދެއްކީ ޕެނަލްޓީ ހޯދުމަށް ޑައިވް ކުރިކަމަށް ބެލުމަށް ފަހު އެވެ. މި މެޗުގައި ޗެލްސީން ގިނަ ޕެނަލްޓީތަކަކަށް އެޕީލްކުރި ނަމަވެސް މެޗުގެ ރެފްރީ ގްރަހަމް ސްކޮޓް ވީޑިއޯ އެސިސްޓަންޓް ރެފްރީގެ (ވީއޭއާރް)ގެ އެހީތެރިކަން އެހާ ބޮޑަށް ހޯދާފައިނުވެ އެވެ.
މެޗުގެ ތެރެއިން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ތަކުރާރުކޮށް އެކަމާ ގުޅިގެން ހަތަރު ވަނަ އޮފިޝަލަށް ޝަކުވާކޮށްފަ އެވެ.
ޕެނަލްޓީގައި ޗެލްސީން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. އެހެން ނަމަވެސް ނޯވިޗަށް ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ އެވެ. އެ ޓީމުގެ ނެލްސަން އޮލިވޭރާ ފޮނުވާލި ޕެނަލްޓީ ރޭ ޗެލްސީގެ ގޯލުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ދެ ވަނަ ކީޕަރު ވިލީ ކަބަލޭރޯ ވަނީ މަތަކޮށްފަ އެވެ.
މިއީ ޗެލްސީން 2018 ވަނަ އަހަރު ހޯދި ފުރަތަމަ މޮޅެވެ. މި މެޗުގެ ކުރިން އެ ޓީމު ކުޅުނު ތިން މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ރޭގެ މެޗަށް ފަހު ޗެލްސީގެ ތަރި އެޑެން ހަޒާޑް ބުނީ މެޗަށް ނުކުތްއިރު ވެސް މިއީ އުނދަގޫވާނެ މެޗެއްކަން އެނގޭ ކަމަށެވެ.
"މިއީ އެފްއޭ ކަޕް. މި މުބާރާތުގެ މެޗުތައް ފަސޭހަނުވާނެ. އަހަރެމެން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު މީގެ އިން ވެސް އެނގޭ ކަމަކީ މި ޓީމުގެ ހިތްވަރު އެބަހުރިކަން. މިއީ ކުރިއަށް ދިއުމަށް ރަނގަޅު ފިޔަވަޅެއް،" ހަޒާޑް ބުންޏެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުތަކުން ވިގަން އެތުލެޓިކް ވަނީ 3-0 އިން ބޯންމައުތު ބަލިކޮށްފަ އެވެ. އަދި ސްވަންސީ ސިޓީ ވަނީ 2-1 އިން ވުލްވްސްގެ މައްޗަށް ކުރިހޯދައިފަ އެވެ.
އެފްއޭ ކަޕް ހަތަރު ވަނަ ބުރުގައި ޗެލްސީ އަމިއްލަ ދަނޑުގައި ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.