17 ޖެނުއަރީ 2018 - 20:25

ޑެންގީ ހުން ފެތުރެމުން ދިޔަ ހއ. ފިއްލަދޫ އާއި ހދ. ހަނިމާދޫގައި މިހާރު ބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެ ދެ ރަށުގެ ސިއްހީ މަރުކަޒުން މިއަދު ބުނެފި އެވެ.
ފިއްލަދޫ ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާ ހެލްޓް ސާވިސް، މުހައްމަދު ނާސިއު ވިދާޅުވީ މިއަހަރުގެ މިހާތަނަށް އެރަށުން ޑެންގީ ޖެހިގެން ޑޮކްޓަރަށް ދެއްކީ 18 މީހުން ކަމަށާއި އޭގެ ތެރޭގައި ގިނައީ 10 އަހަރުން ދަށުގެ ކުދިން ކަމަށެވެ. ނަމަވެސް މިހާރު އެ ބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ޑެންގީ ޖެހިގެން މީހަކު ޑޮކްޓަރަށް ނުދައްކާތާ ހަތަރު ދުވަސްވެފައިވާ ކަމަށް ނާސިއު ވިދާޅުވި އެވެ.
ހދ. އަތޮޅު ހެލްތު ސާވިސަސްގެ ކޮމިއުނިޓީ ހެލްތް އޮފިސާ ފާތިމަތު ހަސަން ވިދާޅުވީ ހަނިމާދޫން 21 މީހަކަށް ޑެންގީ ޖެހިގެން ފަރުވާ ހޯދާފައި ވާއިރު މިހާރު އެ ހުން ޖެހިގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.
އެ ދެ ރަށުން ވެސް ބުނީ ޑެންގީ ޖެހިގެން މީހެއްގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތަކަށް ނުދާ ކަމަށެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނިޝާން ވިދާޅުވީ ޑެންގީ ފެތުރިގެން މި ދުވަސްވަރު ރިޕޯޓް ކުރަނީ ފިއްލަދޫ އާއި ހަނިމާދޫން އެކަނި ކަމަށެވެ. ރާއްޖޭގެ އެހެން ހިސާބުތަކުގައި ޑެންގީ ހުން ފެތުރެމުންދާކަން އަދި ފާހަގަކުރެވިފައި ނުވާ ކަމަށް ނިޝާން ވިދާޅުވި އެވެ.
މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ، މޭ، ޖޫން އަދި ޖުލައި މަހު ރާއްޖޭގައި އިތުރުވެ އެވެ.
އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނިޝާން ވިދާޅުވީ ޑެންގީ ކޮންޓްރޯލް ކުރުމަށް، މަދިރި ނައްތާލުމުގެ ޕްރޮގްރާމްތައް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގަމުން އަންނަ ކަމަށެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާ އެކު ހުން އައުމާއި ބޮލާއި ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެ އެވެ.