ދިވެހިންނަށް: ޖަސްޓިން ޓްރޫޑޯ އާއި ކެނެޑާގެ ޑިމޮކްރެސީ
ދިވެހިންނަށް: ޖަސްޓިން ޓްރޫޑޯ އާއި ކެނެޑާގެ ޑިމޮކްރެސީ

އަހަރެން ކެނެޑާ އަށް ބަދަލުވިކަން އެނގުނީމާ އުތުރިގަތް ފޭސްބުކް ރައްޓެހިންގެ ކިބައިން މައާފަށް އެދެމެވެ! ފުރަތަމަ، ތި އެންމެން ލޯބިވާ ޖަސްޓިން ޓްރޫޑޯއާ ބެހޭ ގޮތުން އަޑުއަހަން ބޭނުން ނުވާ ވާހަކަތަކެއް މީގައި ހުރެދާނެ އެވެ. ދެވަނަ ކަމަކަށް، ޓްރޫޑޯއާ ބައްދަލުވެވިދާނެ ކަހަލަ ފުރުސަތެއް ދޫކޮށްލައިފީމެވެ.

ދިވެހިންނަށް: ޖަސްޓިން ޓްރޫޑޯ އާއި ކެނެޑާގެ ޑިމޮކްރެސީ
ދިވެހިންނަށް: ޖަސްޓިން ޓްރޫޑޯ އާއި ކެނެޑާގެ ޑިމޮކްރެސީ

ބޭރު މީޑިއާގައި ރާއްޖެއާ ބެހޭ ގޮތުން ލިޔެފައި އޮތް އެއްޗެއް ފެނިފައި ދުވަހަކު ވެސް ހައިރާންވި ހެއްޔެވެ؟ ރާއްޖޭގެ ކަންކަން އެއްގޮތަކަށް ވެސް ނޭނގޭ މީހަކު ރާއްޖޭގެ ވާހަކަ ދައްކަނީއޭ ގައިމު ވެސް އަހަންނަށް ބައެއް ފަހަރު ހީވެފައި އެބަހުއްޓެވެ. ފަހަރުގައި އަހަރެމެންނަށް ކެނެޑާގެ މަޝްހޫރު ބޮޑުވަޒީރު އެނގެނީ ވެސް މި ބުނި ގޮތަށެވެ. އެތެރޭގައި ހިނގަނީ ކޮން ކަމެއްކަން މާ ބޮޑަށް ރޭކާނުލައި ހަމައެކަނި ބޭރު ފުށުންނެވެ.

ދިވެހިންނަށް: ޖަސްޓިން ޓްރޫޑޯ އާއި ކެނެޑާގެ ޑިމޮކްރެސީ
ދިވެހިންނަށް: ޖަސްޓިން ޓްރޫޑޯ އާއި ކެނެޑާގެ ޑިމޮކްރެސީ

މި ބުނެވުނީ މައުލޫއުއާ މާ ބޮޑު ގުޅުމެއް ނެތް ވާހަކައެއް ކަމަށް ވެދާނެ އެވެ. ހަގީގަތުގައި މި އުޅެނީ ޖަސްޓިން ޓްރޫޑޯ އަށް ފާޑުކިޔާކަށް ނޫނެވެ. މިއީ އޭގެ އިދިކޮޅު ކަމަށް ވެސް ވެދާނެ އެވެ. އޭނާއާ މެދު ވަކި އަތަކަށް އަހަރެން ބުރައެއް ނުވަމެވެ. އެކަމަކު، އެންމެ ބައްދަލުވުމަކުން، ޓްރޫޑޯ އާއި އޭނާގެ ރައްޔިތުންގެ ކިބައިން އަހަންނަށް ފެނުނު ދެތިން ކަމެއް ދިވެހިންނާ ހިއްސާކޮށްލުން ވަރަށް މުހިއްމޭ ހިތަށްއެރީ އެވެ.

ފަހަތަށް ދާ ޅަ ޑިމޮކްރެސީއެއް އޮތް ތަރައްގީވަމުން އަންނަ ކުޑަކުޑަ ގައުމަކުން، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ޑިމޮކްރެސީ އަށް އަދި ދުނިޔޭގެ އެންމެ ބޮޑު ހަތް އިގްތިސާދު ހިމެނޭ ޖީ7ގެ އެއް ގައުމަށް އައިސް ހުރި މީހަކަށް އާ ވާނެ ލައްކަ ކަންތައް ހުންނާނެތާ އެވެ! ކެނެޑާގައި ދިރިއުޅޭތާ އެންމެ ތިން މަސް ދުވަސް ވީ ބިދޭސީއަކަށް މި ތަނުގެ ކަންކަން އެންމެ ރަނގަޅަށް ނޭނގޭނެ ކަން ދެނެހުރި ހާލު ވެސް، ކުރިއަށް ދާނަމެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކޮންމެ އަހަރަކު ވެސް ގައުމުގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރައްވާ ޓްރޫޑޯ މި އަހަރުގެ ސިލްސިލާ ބައްދަލުވުންތައް ނޯވާ ސްކޯޝިއާ އިން ފެއްޓެވުމަކީ ކިހާ ފައްކާ ކަމެއް ހެއްޔެވެ؟ އަހަރެން ދިރިއުޅޭ ޕްރޮވިންސަށް ޓްރޫޑޯ ވަޑައިގަތުމަކީ ވަރަށް ބޮޑު ކަމެކޭ އިހުސާސް ކުރެވުނެވެ. އެކަމަކު ގަޑިއެއްހާ އިރު ދަތުރުކޮށްފައި ގޮސް ދިގު ކިޔުއެއްގައި ޖެހިގެން ރޭގަނޑުގެ އެ ބައްދަލުވުމުން ޖާގައެއް ލިބޭތޯ އުޅޭހާ ބޮޑު ޝައުގުވެރިކަމެއް އެ ކަމަކަށް ނުދެވުނެވެ. އެންމެ ފަހުން ގޭގައި އިނދެގެން ފޭސްބުކް ލައިވްއަކުން ބައްދަލުވުން ބަލައިލީ އެވެ. އެއީ ހަޔާތުގެ ވަރަށް މުހިއްމު ތަޖުރިބާއެއް ކަމަށް ބުނެފާނަމެކޭ އޭރު ހިތަކަށް ނާރަ އެވެ؛ އެކަމަކު އެ ދޮޅުގަޑިއިރު ނިމިގެންދިޔަ އިރު އަހަންނަށް ކުރެވުނީ ޑިމޮކްރެސީގެ ހަގީގީ މިސާލެއް ފުރަތަމަ ފަހަރަށް ފެނުނު ކަމުގެ އިހުސާސެވެ.

ގާނޫނުހަދާ މަޖިލީހުގެ މެމްބަރުކަމާ އެކު އިންތިޚާބީ އޮފިޝަލަކަށް ވެވަޑައިގެންނެވިތާ 10 އަހަރު ފަހުން ހެލިފެކްސްގެ ހައި ސްކޫލެއްގައި ވާހަކަދައްވަން ޓްރޫޑޯ ފެއްޓެވި އިރު އޭނާގެ ވަށައިގެން ޖަހައިފައިވާ ގޮނޑިތައް ހުރީ ފުރިފަ އެވެ. ފުރަތަމަ ގޮނޑިބަރިން ފެށިގެން ވެސް އާއްމުނެވެ. މެދުގައި ބަހައްޓާފައި ހުރި ލެނގެވެން ނެތް އުސް ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑީގައި ފެން ޖަގަކާއި ބިއްލޫރިތައްޓެއް ބަހައްޓާފައި ހުރި އިރު އަނެއް ގޮނޑި ހުހަށް ހުރީ ޓްރޫޑޯ އިށީނދެވަޑައިގަތުމަށެވެ. އެކަމަކު ބައްދަލުވުމުގެ ގިނަ ވަގުތުތަކުގައި ކޮޅަށް ހުންނަވައިގެން ޓްރޫޑޯ ކޯޑްލެސް މައިކަކުން ވާހަކަދައްކަވަމުން ގެންދެވީ ވަށައިގެން ތިބި އެންމެންނަށް ވެސް މޫނުފުޅު ފެންނާނެކަން ޔަގީންކުރައްވަމުންނެވެ.

ފުރަތަމަ ކަމަކަށް، ސިޔާސީ ލީޑަރަކު މި ކަހަލަ އާދައިގެ ގޮތަކަށް ރައްޔިތުންނާ ބައްދަލުކުރައްވާ މަންޒަރު ރާއްޖެ އިން ދުށީ ކިތައް ފަހަރު ހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގެން "ރައްޔިތުންނާ" ބައްދަލުކުރައްވަން ބާއްވާ ޖަލްސާއެއް ހިތަށް ގެންނަމާ ހިނގާށެވެ! އުސް ޕޯޑިއަމެއްގެ ފަހަތުގައި ހުންނަވައިގެން ރައީސް ވާހަކަފުޅުދައްކަވާ އިރު އެންމެ ކުރީ ގޮނޑިބަރިތަކުގައި ސަރުކާރުގެ ވަޒީރުންނާއި ރައީސްގެ ޕާޓީގެ އިސް ބޭބޭފުޅުންނާއި ކަމުވޮށިގެންވާ މީހުންނެވެ. އެ މީހުންގެ ބޯތައް މަތިން ކިރިޔާ ރައީސްގެ އިސްތަށިފުޅު ފެންނަ ހިސާބުގައި ތިބޭ އާއްމު ރައްޔިތުންނަކީ ރައީސްގެ ޕާޓީގެ މެމްބަރުންނެވެ. އިދިކޮޅު ފިކުރެއްގެ މީހަކަށް އެ ތަނާ ކައިރި ވެސް ނުވެވޭނެ އެވެ. ޕޯޑިއަމްގައި ރައީސް ބޭނުންފުޅުވާ ވާހަކައެއް ދައްކަވާފައި ފައިބާވަޑައިގަންނަވާނީ އެވެ.

އެހެންވީމާ، ބޭނުން މީހަކަށް ބޭނުން ކޮންމެ ސުވާލެއް ޖަސްޓިން ޓްރޫޑޯއާ ކުރެވޭ ގޮތަށް ބައްދަލުވުމެއް ބާއްވާކަން ގަބޫލުކުރަން ދަތިވާ ހާލަތަކަށް އަހަރެން ނުގޮސް ހިނގައިދާނެ ހެއްޔެވެ؟ ބައްދަލުވުން ކުރިއަށް ގެންދިޔަ ތަނުގެ ބޭރުގައި ކުރަމުންދިޔަ މުޒާހަރާ ހުއްޓުވުމެއް ނެތި އަދި ނުވިތާކަށް، އެ ހޯލު ތެރެއަށް ވަތް މުޒާހަރާގެ ދެ ބައިވެރިއަކަށް ބޮޑުވަޒީރާ ސުވާލުކުރަން ފުރުސަތު ވެސް ދީގެން އެ ބައްދަލުވުން ކުރިއަށް ގެންދާތަން ބަލަން އިން އިރު އަހަރެން ހައިރާންވެ އަންތަރީސްވުމަކީ މައްސަލައެއް ހެއްޔެވެ؟

ފަހަރުގައި ޓްރޫޑޯއާ އިދިކޮޅު މީހުން (އާނ! ޓްރޫޑޯ ދެކެ ރުޅިއަންނަ މީހުން ކެނެޑާގައި ބައިވަރު!) ދައްކަނީ ރަނގަޅު ވާހަކައެކެވެ. ކުރިން ބޮޑުވަޒީރުކަން ކުރެއްވި ބައްޕާފުޅުގެ "ގަނޑުވަރު ތެރެއިން" ވަޑައިގެންނެވުމުން މީހުން އޭނާއާ މެދު ދެކޭ ތަސައްވުރު ބަދަލުކުރައްވަން އުޅުއްވަނީ އެވެ. ކުޑަ ކަމެއް ވެސް ވައްޓާނުލައި ޓްރޫޑޯގެ ބައްދަލުވުން ބޮޑުވާ ބިއްލޫރީގެ ދަށަށް ލައި ތަހުލީލުކޮށް، ދިރާސާކޮށް، މާނަކުރި މީޑިއާ އިން އިވުނު އެއް ޚިޔާލަކީ، ޓައިގެ ގޮށް ކުޑަކޮށް ދޫކޮށްލައްވައިގެން ދެ އަތުކުރި އުޅަނބޮއްޓާ ހަމައަށް އޮޅާލައްވައިގެން ޓްރޫޑޯ ހުންނެވީ އެންމެ އާދައިގެ ރައްޔިތުމީހާއެކޭ އޭނާއެކޭ އެއްފަދަކަން ދައްކަވައި ހިތްތައް އަތުލައްވަން ކަމެވެ. އެއީ ތެދަކަށް ވެސް ވެދާނެ އެވެ. އެކަމަކު އޭނާ ރައްޔިތުންނަށް ކޮށްދެއްވި ކަންތައްތަކުގެ ވާހަކައިން ކަލަގޮވައި ސަރުކާރުގެ މޮޅުކަމާއި ވިސްނުންތެރިކަމޭ ވިދާޅުވެ ބޮޑާވެގަތުމުގެ ބަދަލުގައި ސަރުކާރުގެ ކާމިޔާބީތަކުގެ ހުރިހާ ކްރެޑިޓެއް ރައްޔިތުންނަށް ދެއްވީމާ އެއީ ނަމޫނާއެއް ކަމަށް ބަލަން އަހަންނަށް މަޖުބޫރުވި އެވެ.

ސުވާލުކުރަން އާއްމުންނަށް ފުރުސަތު ދެއްވުމުގެ ކުރިން ދެއްކެވި އަށެއްކަ މިނިޓުގެ ކުރު ވާހަކަކޮޅުގައި، އޭނާގެ ސަރުކާރުގެ ދެ އަހަރު ތެރޭ އިގްތިސޯދީ ހާލަތު ރަނގަޅުވެފައިވާ ކަމަށް ޓްރޫޑޯ ވިދާޅުވި އެވެ. އެ ގޮތުން ފާހަގަކުރެއްވީ ޖީ7ގެ ގައުމުތަކުގެ ތެރެއިން އިގްތިސޯދީ ދުވެލި އެންމެ ރަނގަޅު ގައުމަށް ކެނެޑާ ވެފައިވާ އިރު ވަޒީފާ ނެތް މީހުންގެ އަދަދު 40 އަހަރު ތެރޭ އެންމެ ދަށް މިންވަރަށް ތިރިކުރެވިފައިވާ ކަމެވެ. ދެން އޭނާ ވިދާޅުވީ މިހެންނެވެ؛

"އެކަމަކު އަޅުގަނޑު ވަރަށް ސާފުކޮށް ކަމެއް ބަޔާންކޮށްދޭން ބޭނުންވޭ. އިގްތިސޯދާ ބެހޭ ގޮތުން މި ހުރިހާ އުފާވެރި ޚަބަރުތަކެއް މި ލިބެނީ އަޅުގަނޑުމެންގެ ސަބަބަކުން ނޫން. މިކަން މި ހާސިލްކުރެވުނީ ތިޔަ ބޭފުޅުންގެ ސަބަބުން. މިކަން މި ހާސިލްކުރެވުނީ ކެނެޑާގެ ރައްޔިތުންގެ ސަބަބުން. އަޅުގަނޑުމެން ކެނެޑާގެ ރައްޔިތުންނަށް އިތުބާރުކޮށް، ކާމިޔާބީ ހޯދަން އިތުރު ފުރުސަތުތަކެއް ދީފިއްޔާ...އެ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ރައްޔިތުން މިހާރަށް ވުރެ ރަނގަޅު ކުރިމަގެއް ބިނާކުރާނެ. އެހެންވީމާ އަޅުގަނޑުމެންނަށް ރަނގަޅަށް ކަމެއް ކުރެވެންޏާ، އެކަން އެ ކުރެވެނީ މި ސަރުކާރުގެ ސަބަބަކުން ނޫން. އެއީ އެއް އައްސޭރިން އަނެއް އައްސޭރިން އަނެއް އައްސޭރި އަށް، ކެނެޑާގެ ރައްޔިތުން ކުރަމުން އަންނަ ބުރަ މަސައްކަތް. އެހެންވީމާ މި ހުރިހާ ކަމަކަށްޓަކައި ތިޔަ ބޭފުޅުންނަށް ޝުކުރު އަދާކުރަން އަޅުގަނޑު ބޭނުންވޭ."

ކޮންމެ ޕާޓީއެއް ތަމްސީލްކުރިޔަސް ގާނޫނުހަދާ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާކަން ގަބޫލުކުރައްވާ ކަމަށާއި "އަޅުގަނޑުމެންގެ ވަޒީފާގެ އެންމެ މުހިއްމު ބަޔަކީ ތިޔަ ބޭފުޅުން ތަމްސީލްކޮށް ޚިދުމަތްކުރުން"ކަން ފާހަގަކުރެއްވުމާ އެކު ޓްރޫޑޯގެ ވާހަކަކޮޅު ނިންމަވާލެއްވި އެވެ. އެއާ އެކު، ސުވާލުކުރަން ފަހަރަކު މީހަކަށް ފުރުސަތު ދެއްވަމުން ޓްރޫޑޯގެ ޖަވާބުތައް ކުރިއަށް ގެންދެވި އިރު އެއީ އަނދުން އެޅުވުމުގެ ބައްދަލުވުމަކަށް ނުވެ ހިނގައިދާނެބާވައޭ ފުރަތަމަކޮޅު އަހަރެންގެ ހިތަށް ވެސް އެރި އެވެ. އެއީ ހަމައެކަނި ޓްރޫޑޯގެ ސަޕޯޓަރުންނަށް ފުރުސަތު ދީ، ރާވައިގެން ކުރުވާ ސުވާލުތަކަކަށް ވެދާނެތީ އެވެ. އެކަމަކު އެއީ ކުށް ހީއެއްކަން އިސާހިތަކު ކަށަވަރުވެގެން ދިޔައީ ޓްރޫޑޯ އަށް މި ދަނޑިވަޅުގައި ކުރިމަތިވެފައިވާ އެންމެ ބޮޑެތި ފާޑުކިޔުންތަކާއި އެ ނޫން ވެސް ކަންކަމާ ގުޅޭ ގޮތުން ވަރަށް އުނދަގޫ، ސީދާ ސުވާލުތައް އެކި މީހުން ކުރިމަތިކުރަން ފެށީމަ އެވެ.

ޓްރޫޑޯ އަށް އެންމެ ފުރަތަމަ ރައްދުވި ހޫނު ސުވާލުގައި ޒުވާން އަންހެނަކު އޮޅުންފިލުވަން ބޭނުންވީ "ކުށެއް" ކުރެއްވި ފުރަތަމަ ބޮޑު ވަޒީރަށް ވެވަޑައިގަތުމުން "ކުރެއްވެނީ ކޮން ކަހަލަ އިހުސާސެއްތޯ؟" އެވެ. ޖަވާބު ދެއްވުމުގެ ކުރިން ޓްރޫޑޯ ފުރަތަމަ ވެސް ކޮށްލެއްވީ ސަމާސައެކެވެ. އޭނާ ވިދާޅުވީ "މި ތަނަށް އައުމުގެ ކުރިން އަޅުގަނޑުމެން ސުވާލުތައް ވަރަށް ރަނގަޅަށް ބަލައި ފާސްކުރިކަން އެބަ ފެނޭ ދެއްތޯ" އެވެ.

ސުވާލުކުރި މީހާ އެ އިޝާރާތްކުރީ، މަހުޖަނެއްގެ ޕްރައިވެޓް ރަށަށް އޭނާގެ ހެލިކޮޕްޓަރުގައި ޓްރޫޑޯ އާއި އޭނާގެ އާއިލާ ކުރެއްވި ޗުއްޓީ ދަތުރަކާ ގުޅިގެން ކެނެޑާގެ އެތިކްސްއާ ބެހޭ މުއައްސަސާ އިން ބެލި ސުލޫކީ މައްސަލައަކަށެވެ. އެ ތަހުގީގަށް ފަހު އެތިކްސް ކޮމިޝަނަރު ނިންމެވީ ކޮންފްލިކްޓް އޮފް އިންޓްރެސްޓް ގާނޫނާ ޓްރޫޑޯ ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ. މިއީ ބޮޑުވަޒީރެއްގެ މައްޗަށް މިފަދަ އަމަލެއް ސާބިތުވި ފުރަތަމަ ފަހަރެވެ. ޓްރޫޑޯ އަށް ފާޑުކިޔުންތައް ދަނީ އޮހެމުންނެވެ. އެކަމަކު އެތިކްސް މުއައްސަސާގެ ނިންމުން އާއްމުކުރުމާ އެކު ޓްރޫޑޯ ވަނީ އަމިއްލަފުޅަށް ނޫސްވެރިން ކުރިމައްޗަށް ވަޑައިގެން، އެ ނިންމެވުން ބަލައިގެންނެވިކަން ހާމަކުރައްވައި އެކަމަށްޓަކައި މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

ދިވެހިރާއްޖެ އިން މިފަދަ އެންމެ މިސާލެއް ވެސް ދައްކަބަލާށެވެ!

ސިޔާސީ މީހުންގެ ނަޒާހާތްތެރިކަން ކަށަވަރުކުރަން މިފަދަ ކަންކަން ތަހުގީގުކުރެވޭނެ ނިޒާމެއް ކެނެޑާގައި އޮތްކަން ފާހަގަކުރައްވައި ޓްރޫޑޯ ވަނީ އެ ނިޒާމަށް ފުރިހަމަ އަށް އިހުތިރާމްކުރައްވާކަން ހާމަކުރައްވައިފަ އެވެ. ރާއްޖޭގައި ނަމަ، ގޮތަކަށް ބުނަންޏާ، ޖެހިގެން އަންނަ ދުވަހު ކޮމިޝަނަރު ހުންނާނީ ގޭގަ އެވެ. ސިޔާސީ މީހުން އޭނާގެ މިނިވަންކަމާއި ނަޒާހާތްތެރިކަމާއި އޭނާގެ ނިންމުމުގެ "އަޑީގައި އޮތް" މަގްސަދަކާ މެދު ސުވާލުތައް އުފައްދައި، ސަރުކާރުގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، މަގާމުން ބޭރުކޮށްލާނެ އެވެ. ނޫން ހެއްޔެވެ؟

ނޯވާ ސްކޯޝިއާ އަށް ޓްރޫޑޯ ވަޑައިގެންނެވި އިރު ބަޔަކު އުޅުނީ، ހިނގަމުންދިޔަ އިމިގްރޭޝަން މައްސަލައަކާ ގުޅިގެން، ބައްދަލުވުން އޮތް ހައިސް ސްކޫލު ދޮށަށް އެއްވެގެންނެވެ. ކުޑައިރު ސޯމާލިއާ އިން ކެނެޑާ އަށް ހިޖުރަކޮށް ސަރުކާރުގެ ބެލުމުގެ ދަށުން މި ތަނުގައި ބޮޑުވި ޒުވާނަކު ކުރި ކުށަކާ ގުޅިގެންނާއި އޭނާ އަށް ކެނެޑާގެ ރަށްވެހިކަން ލިބިފައި ނެތުމުން އޭނާ ޑީޕޯޓްކޮށްލަން އުޅޭ އުޅުމާ ދެކޮޅަށެވެ. ބައްދަލުވުމާ އެކުއެކީގައި މުޒާހަރާ ކުރިއަށް ގެންދަން ޖާގަ ލިބުނީ އެކަންޏެއް ނޫނެވެ. އޭނާގެ ހައްގުގައި އަޑުއުފުލަން ގޮސް ތިބި ދެ މީހަކަށް ހޯލަށް ވަދެ ޓްރޫޑޯއާ ވާހަކަދެއްކުމުގެ ފުރުސަތު ލިބި، އެކަމާ މެދު ފިޔަވަޅެއް ނާޅުއްވަނީ ކީއްވެގެންތޯ ސީދާ ބޮޑުވަޒީރު އަރިހުން ސުވާލުކުރުމުގެ ހައްގު އެ ޒުވާނާގެ ދައްތަ އަށް ލިބުނެވެ.

އެކަން އެކަންޏެއް ނޫނެވެ. ކެނެޑާގައި ޒަމާނުއްސުރެން ހައްގުތައް ނިގުޅައިގަނެވިފައިވާ ފުރަތަމަ ވަޒަންވެރިންގެ ދަރިކޮޅަކަށް ނިސްބަތްވާ ދެ އަންހެނަކަށް "ގައުމުގެ އެންމެ ފަގީރު ބަޔަކީ އަޅުގަނޑުމެން ކަމަށް ވާންވީ ކީއްވެގެންތޯ؟" ޓްރޫޑޯއާ ސުވާލުކުރުމުގެ ފުރުސަތު ވެސް ލިބުނެވެ. އަދި ކެމްޕެއިންގައި ޓްރޫޑޯ ވައުދުވެވަޑައިގެންފައިވާ ގޮތުގެ މަތިން އެކަމާ ބެހޭ ގޮތުން އެ މީހުންނާ ވާހަކަދައްކަވަން ވަޑައިގަތުމަށް "ކެނެޑާގެ ހުރިހާ ރައްޔިތުންނަށް ފެނި، ހެކިވެވޭނެ ގޮތަށް" ބޮޑުވަޒީރަށް އެ މީހުން ދައުވަތު ވެސް ދިނެވެ.

ބައްދަލުވުމުގެ ތެރެއިންނާއި ބައްދަލުވުން ހިނގަމުން ދިޔަ ވަގުތު ސޯޝަލް މީޑިއާގައި ކެނެޑާ މީހުން ފާޅުކުރަމުންދިޔަ ޝުއޫރުތަކުން އެއް ކަމެއް ސާފެވެ. ލިބެރަލް ޕާޓީގެ ޒައާމަތުގައި 2015ގައި ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ޓްރޫޑޯގެ ހަނީމޫން ނިމިއްޖެ އެވެ.

ނޯވާ ސްކޯޝިއާ އަށް ޓްރޫޑޯ ވަޑައިގެންނެވީ އޭނާ އަށް ތާއީދު އޮތް މިންވަރު ފުރަތަމަ ފަހަރަށް 50 ޕަސެންޓަށް ވުރެ ދަށަށް ހިނގައްޖެ ކަމުގެ ޚަބަރު އަޑުއައްސަވައިފަ އެވެ. އެތިކްސް ގާނޫނާ ޚިލާފުވެވަޑައިގަތުން ކަމަށް ވިޔަސް، މާލީ އަދި އިގްތިސޯދީ ސިޔާސަތުތަކާ ހެދި ކަމަށް ވިޔަސް، ވައުދުތައް ނުފުއްދަވާ ކަމަށް ގަބޫލުކުރެވިގެން ކަމަށް ވިޔަސް އަދި ސީރިއާގެ ރެފިއުޖީންނަށް ކެނެޑާ ހުޅުވާލުމާއި އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލުމުގެ ތުހުމަތުގައި ގުއަންޓަނާމޯ ބޭގައި 10 އަހަރު ބަންދުކޮށްފައި ހުރި ކެނެޑާ ރައްޔިތަކަށް ގެއްލުމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން 10.5 މިލިއަން ޑޮލަރު ދިނުން ފަދަ މުސްލިމުންނާ ގުޅުން ހުރި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ކަމަށް ވިޔަސް، ސާވޭތައް ދައްކާ ގޮތުން، ކެނެޑާގައި މިހާރު ޓްރޫޑޯ އަށް ތާއީދުކުރާ މީހުންނަށް ވުރެ ގިނައީ ނުކުރާ މީހުންނެވެ.

އެއްވަރަކަށް އަންހެނުންނާއި ފިރިހެނުން ހިމެނޭ ކެބިނެޓެއް އެކުލަވާލައްވައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހިތްތައް އަތުލައްވައި އެކި ކަހަލަ ސާދާ ފެނިލުންތަކުން މަގްބޫލުކަން ހޯއްދަވާފައިވާ ޓްރޫޑޯ ބައެއް ދިވެހިން ދަންނާނީ މި ގޮތަކަށް ނޫނެވެ. އެކަމަކު ކެނެޑާގައި ގިނަ ބަޔަކަށް އޭނާގެ ހަމައެކަނި މޮޅުކަމަކީ އެއީ އެވެ؛ މަޝްހޫރުވުމެވެ. އެފަދަ މީހުން ޓްރޫޑޯ އަށް ދެނީ ވެރިކަން ކުރަން ނޭނގޭ، އުރައްޕެއް ނެތް، ސެލެބްރިޓީއެއްގެ ހައިސިއްޔަތެވެ. މީޑިއާގެ ފާޑުކިޔުންތަކުގައި އޭނާ ސިފަކުރެވެނީ "ސެލްފީ ކިންގު"ގެ ގޮތުގަ އެވެ.

މި ހިތްހަމަނުޖެހުންތަކަކީ ޓްރޫޑޯގެ ބައްދަލުވުމުގެ ކުލަތަކާއި އަޑުތަކަށް އަހަރެން ޝައުގުވެރިވި މައިގަނޑު ސަބަބެވެ. އޭނާ ގައުމު ހިންގަވާ ގޮތާ މެދު ހިތްހަމަނުޖެހޭ އެތައް ބަޔަކު އެ ތަނުގައި ތިބި އިރު ވެސް ބައްދަލުވުން ނިމުނީ އަމާން އޮމާންކޮށެވެ. އެންމެ ބޮޑަށް ނުރުހުންވެފައި ތިބެގެން ޓްރޫޑޯއާ ސުވާލުކުރި މީހުންގެ ބަސްމަގު ވެސް ބެހެއްޓީ، ކިތަންމެ ސީދަލަށް ނަމަވެސް، ރީތިކޮށެވެ. ބޮޑުވަޒީރުގެ ގޮތުގައި ޓްރޫޑޯ އަށް ހައްގު އިހުތިރާމް ދިނެވެ. އެއްވެ ތިބި އެންމެން އެކަކު އަނެކެއްގެ ޚިޔާލާއި ފިކުރަށް ޖާގަ ދިނެވެ. ހަޅޭއްލަވައި އަޑުގަދަކޮށް ހޯއްގޮވި އެކަކު ވެސް އެ ތާކު ނެތެވެ.

އެހެންވީމާ ފަހަރުގައި ޓްރޫޑޯ އަށް ވުރެ ބޮޑު ތައުރީފެއް ހައްގުވަނީ ކެނެޑާގެ ޑިމޮކްރެސީ އަށާއި ރައްޔިތުންނަށެވެ. ރައްޔިތުން އެ މީހުންގެ ޑިމޮކްރެޓިކް ހައްގުތަކުގެ ބޭނުން ޒިންމާދާރު ގޮތުގައި ފުރިހަމަ އަށް ހިފާތީ އެވެ. ކިތަންމެ ބޮޑު ތާއީދެއް ލިބިގެން ވެރިކަމަށް އަޔަސް ވައުދުތަކާއި ރައްޔިތުން އެދޭ ކަންކަން ފުރިހަމަކޮށް ނުދެންޏާ ވެރިމީހާއާ ސުވާލުކުރަން ފަސް ނުޖެހޭތީ އެވެ. ބޮޑުވަޒީރު ވިޔަސް ނުކިއްސަރު ކަމެއް ކޮށްފިއްޔާ ޖަވާބުދާރީކުރެވޭތީ އެވެ. އަދި މި ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް، އެ ކަންކަމަށް މަގުފަހިކޮށްދީ، ހިތްވަރުދޭ ޑިމޮކްރެޓިކް ވެއްޓެއް ކަށަވަރުވެފައި އޮތީމަ އެވެ.

ކެނެޑާގައި މައްސަލަތައް ބައިވަރެވެ. މި ތަނުގައި ހުރިހާ ކަމެއް ހިނގަނީ ރަނގަޅަކަށް ނޫނެވެ. އެކަމަކު ޓްރޫޑޯގެ ބައްދަލުވުމުން އަހަންނަށް ފެނުނީ ޑިމޮކްރެސީގެ ނަމޫނާއެކެވެ؛ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިންނެވެ. ސާހިބަކީ ރައްޔިތުންނެވެ. ވެރިމީހާއަކީ ޚާދިމެވެ. މީގެ ހަގީގީ މިސާލެއް އަލަށް ފެނުނު ކަމުގެ އިހުސާސްކުރެވުނީމާ އަމިއްލަ ނަފްސާ މެދު ހައިރާން ވެސް ވި އެވެ.

ހަގީގަތުގައި ރައްޔިތުންނަށާއި ޑިމޮކްރެޓިކް ނިޒާމަށް ބޯލެނބުން ނޫން ގޮތެއް ޓްރޫޑޯއަކަށް ނެތެވެ. އޭނާގެ ފަރާތުން އަހަންނަށް ފެނުނު ޚާދިމެއްގެ ބަސްމަގާއި އަޚުލާގުގެ ހައްގު ކްރެޑިޓް އޮތީ، ސަރުކާރުގެ ކާމިޔާބީތަކާ ބެހޭ ގޮތުން ޓްރޫޑޯ ވެސް ވިދާޅުވި ފަދައިން، ކެނެޑާގެ ރައްޔިތުންނަށެވެ.

އެކަމަކު ޓްރޫޑޯގެ ފޭނުން ދެރަ ނުވާށެވެ. މަގްބޫލުކަން ކުޑަވިޔަސް އޭނާ އަދިވެސް އުޅުއްވަނީ ވާދަވެރިންނަށް ވުރެ ކުރީގަ އެވެ.