އިންތިހާބު މާ ފަސޭހަ ކޮށްލައިގެން ނުތިބޭ، ލަނޑެއް ލިބިދާނެ: އަލީ ވަހީދު
އިންތިހާބު މާ ފަސޭހަ ކޮށްލައިގެން ނުތިބޭ، ލަނޑެއް ލިބިދާނެ: އަލީ ވަހީދު

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ މަސައްކަތްތައް މާ ފަސޭހަކޮށްލައިގެން ތިބެއްޖެ ނަމަ އިދިކޮޅު ފަރާތްތަކަށް ލަނޑެއް ލިބިދާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަގުބޫލު ލީޑަރުންގެ ކެންޑިޑެސީތަކާ މެދު ގޮތެއް ނިންމޭނީ އެ ވަގުތު ޖެހުމުން ކަމަށެވެ. އެކަން އެހެން އޮތަސް، ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ބާރު ކުރަން ޖެހޭ ކަމަށާއި މާ ފަސޭހަކޮށްލައިފި ނަމަ ލަނޑެއް ލިބުމަކީ ވެދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްކާވެތިބިއްޔާ ދަތުރު ކަމަށާއި އެކަކު ނެތިއްޔާ އަނެކަކު ހުންނާނެ ނުވަތަ ހުންނަންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަކު ނެތިއްޔާ އަނެކަކު ހުންނަންވާނެ ކަމަށް ވިދާޅުވެ އަލީ ވަހީދު ޓުވީޓް މި ކުރެއްވީ، އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އިދިކޮޅު ފަރާތްތަކުން ނެރޭނެ ކެންޑިޑޭޓަކާ މެދު ޕާޓީތަކުން މަޝްވަރާ ކުރަމުން އަންނަނިކޮށެވެ. އެ މަޝްވަރާތަކުން އަދި ވަކި ގޮތެއް ނުނިމެ އެވެ.

އިދިކޮޅު ލީޑަރުންގެ ތެރެއިން އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

އެކަމަކު ނަޝީދާއި ގާސިމަށް ވެސް އިންތިހާބަށް ކުރިމަތިލެއްވޭނީ ގާނޫނީ ގޮތުން ހައްލުތަކެއް ހޯދިގެންނެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބުނާ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ގާސިމްގެ އުމުރުން މިހާރު ވަނީ 65 އަހަރު ވެފަ އެވެ. ނަޝީދު ހުންނެވީ ރައީސްކަމަށް ކުރިމަތިލާ މީހަކާ ބެހޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގަ އެވެ.

ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބަހުސްގައި އިދިކޮޅު ފަރާތްތައް "ތާށިވެފައި" ތިބިއިރު، ވެރިކަން ކުރާ ޕީޕީއެމުން އަންނަނީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަމުންނެވެ. އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި، ރައީސް ޔާމީނަށް ތާއީދު ހޯދަން، އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އިސްވެ ހުންނަވައި މިހާރު ވަނީ ރަށްތަކަށް ދަތުރުތައް ވެސް ފަށައިފަ އެވެ.