ފިނިވުމުން އަރިދަފުސް ރޯގާ ފަސޭހައިން ޖެހެނީ ކީއްވެ؟
ފިނިވުމުން އަރިދަފުސް ރޯގާ ފަސޭހައިން ޖެހެނީ ކީއްވެ؟

ސައިންސްވެރިން މި ވާހަކަ މި ދައްކަނީ މާ ފަހުން ކަމަށް ވެދާނެ އެވެ. މާބޮޑަށް ފިނިވެއްޖެ ނަމަ އަރިދަފުސް ރޯގާ ޖެހިދާނެ ކަމަށާއި ރޯގާ ޖެހިފައި ހުއްޓާ ފިނިވެއްޖެ ނަމަ އަދި މާބޮޑަށް ގޯސްވާނެ ކަމަށް އަހަރެމެން އަބަދުވެސް ގަބޫލުކުރެ އެވެ. އާ ދިރާސާއަކަށް ފަހު ސައިންސްވެރިން ބުނަނީ މި ވިސްނުން ރަނގަޅު ކަމަށެވެ.

ޔޭލް ޔުނިވަސިޓީގެ ރިސާޗަރުން ބުނަނީ ހަށިގަނޑު ހޫނުވުމުން އަރިދަފުސް ރޯގާގެ ވައިރަސް ފެތުރުން ވަރަށް ގިނަ ގޮތްގޮތުން މަޑުޖައްސަލާ ކަމަށެވެ.

މި ދިރާސާކުރުމަށް އިމިއުނޮލޮޖީ ޕްރޮފެސަރު އަކީކޯ އިވަސާކީ އާއި އޭނާގެ ޓީމުން ވަނީ އިންސާނުންގެ "އެއާވޭސް ސެލްސް" ދިރާސާކޮށްފަ އެވެ. މިއީ އަރިދަފުސް ރޯގާއާ ދެކޮޅަށް މަސައްކަތްކުރާ އިންޓަފެރަންސް ޕްރޮޓީންސް އުފައްދައިދޭ ސެލްއެކެވެ.

މި ސެލްތަކަށް ވައިރަސް އިންފެކްޓްކޮށް ލެބްގައި އިންކިއުބޭޓްކޮށް ހަށިގަނޑުގެ ފިނިހޫނުމިނުގައި އަދި އެއަށް ވުރެ ފިނިކޮށް ބެހެއްޓި އެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ހަށިގަނޑުގެ އާންމު ފިނިހޫނުމިނުގައި ނަމަ އަރިދަފުސް ރޯގާގެ ވައިރަސް އަވަހަށް މަރުވެ އެވެ. އަދި ވައިރަސް އާލާވުމަށް ވެސް ދަތިވެ އެވެ. މި ދިރާސާ އިން ކުރީގެ ދިރާސާއަކަށް ވެސް ބާރު ލިބެ އެވެ. ޔޭލް ޔުނިވަސިޓީން މީގެ ކުރިން ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި މީދަލުގެ ހަށިގަނޑުގައި ވެސް، އެސޮރުމެންގެ ހަށިގަނޑުގެ ފިނިހޫނުމިނަށް ވުރެ ދަށްކޮށް ހުރެއްޖެ ނަމަ ރޯގާގެ ވައިރަސް ފަސޭހައިން އާލާވެ އެވެ.

މި ދިރާސާ މިހާރު ވަނީ ޕްރޮސީީޑިންސް އޮފް ދަ ނެޝަނަލް އެކަޑަމީ އޮފް ސައިންސަސްގެ، މި މަހުގެ 11 ވަނަ ދުވަހު ޝާއިއުކޮށްފަ އެވެ.