ފާރިސްގެ މައްސަލާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތެއް ނިންމުން މާދަމާ
ފާރިސްގެ މައްސަލާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތެއް ނިންމުން މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގައި ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ މެދު ގޮތެއް ނިންމާ އަޑުއެހުން މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ފާރިސަށް ކުރާ ދައުވާގައި ފާރިސްގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި 23 ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. ދައުލަތުން ހުށަހެޅީ ދެ ހުށަހެޅުމެކެވެ. އެ ހުށަހެޅުންތަކާ މެދު ދެ ފަރާތުން ބަހުސްކޮށް މިހާރު ވަނީ ނިމިފަ އެވެ.

މާދަމާ ބާއްވާ އަޑުއެހުމަކީ އެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެކެވެ. ޝަރީއަތުގެ އަޑުއެހުންތައް ފަށައިގަންނާނީ އެއަށް ފަހު އެވެ.

ރިޝްވަތުގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ފާރިސަށް ގެއްލޭނެ އެވެ.

އެ މައްސަލާގެ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާއިރު އެ މައްސަލަ ފާރިސްގެ ފަރާތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެކަމަކު އެ މައްސަލައިގެ ހުކުމެއް ހައި ކޯޓުން އަދި ނީއްްވަ އެވެ.

ރިޝްވަތުގެ ދައުވާގެ އިތުރުން ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ ދައުވާކުރަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް އޭނާ ބޭނުންކުރި ކަމަށް ބުނެ އެވެ.