އެމެރިކާ އެމްބަސީ އަހަރެއްގެ ތެރޭ ގުދުސް އަށް ބަދަލު ކުރާނެ: ނަތަންޔާހޫ
އެމެރިކާ އެމްބަސީ އަހަރެއްގެ ތެރޭ ގުދުސް އަށް ބަދަލު ކުރާނެ: ނަތަންޔާހޫ

ނިއު ދިއްލީ (ޖެނުއަރީ 17) - ތެލް އަވީވުގައި މިހާރު ހުރި އެމެރިކާ އެމްބަސީ އަހަރެއްގެ ތެރޭގައި ގުދުސް އަށް ބަދަލު ކުރާނެ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫގެ އިންޑިއާ ދަތުރުގައި ބައިވެރިވާ ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިދާޅުވީ އެމެރިކާ އެމްބަސީ ބަދަލު ކުރުމުގެ މަސައްކަތް ދަނީ ހީކުރި ވަރަށް ވުރެ ބާރު ސްޕީޑުގައި ކަމަށެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަންނަކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވީ ޑިސެމްބަރު 6 ވަނަ ދުވަހު އެވެ. ޓްރަމްޕުގެ ނިންމެވުމާ ގުޅިގެން ފަލަސްތީނުގެ އިތުރުން ދުނިޔޭގެ ރުޅިވެރިކަން އެމެރިކާ އަށް އަމާޒުވި އެވެ. ފަލަސްތީނުގައި ހިނގި ހަމަނުޖެހުންތަކުގައި ވަނީ 17 މީހުން މަރުވެފަ އެވެ. އަދި އިޒްރޭލުގެ އެކަކު ވަނީ މަރުވެފަ އެވެ.

ނަތަންޔާހޫ އެހެން ވިދާޅުވި ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެފައި ވަނީ އެމްބަސީ ބަދަލު ކުރުމުގެ މަސައްކަތަށް ދެ އަހަރު ނަގާނެ ކަމަށެވެ. އެއްވެސް ގައުމަކުން ގުދުސްގައި އަދި މިހާތަނަށް އެމްބަސީ ގާއިމްކޮށްފައެއް ނުވެ އެވެ. ހުރިހާ ގައުމެއްގެ އެމްބަސީ ހުންނަނީ ތެލް އަވީވުގަ އެވެ.

ޓްރަމްޕުގެ ނިންމެވުމާ ގުޅިގެން ފަލަސްތީނުގެ ލީޑަރުން ވަނީ ދައުލަތެއްގެ ގޮތުގައި އިޒްރޭލް ބަލައިނުގަންނާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އިޒްރޭލުން ބުނަނީ އެ ގައުމުގެ ވެރިރަށަކީ ގުދުސް ކަމަށެވެ. ފަލަސްތީނުން ބުނަނީ ކުރިމަގުގައި އުފެދޭ ދައުލަތުގެ ވެރިރަށަށް ވާނީ އިރުމަތީ ގުދުސް ކަމަށެވެ.