17 ޖެނުއަރީ 2018 - 14:33

އިދިކޮޅު ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގޭގައި، އެމަނިކުފާނާ ބައްދަލުކުރައްވަމުން އެބަގެންދަވަ އެވެ.
ޕާޓީތަކުން މައުމޫންއާ މި ބައްދަލުކުރައްވަނީ އެމަނިކުފާނުގެ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ އިއްތިހާދުގެ ލީޑަރުންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ސިޓީއެއް ހުށަހެޅުއްވުމަށް ފަހު އެވެ. އެ ބައްދަލުވުމުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ބައްދަލުވުމުގައި އެ ބޭފުޅުން މަޝްވަރާކުރައްވަނީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް އަދި ސާފެއް ނުވެ އެވެ.
އެންދެރިމާގޭގައި، އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމެއް މި ބާއްވަނީ، މައުމޫންގެ ހަށިކޮޅަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ބުނެ އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަރުގަދަކޮށްފައި ވަނިކޮށެވެ. ސިފައިން އެގޭ ތެރޭގައި 24 ގަޑިއިރު ތިބޭއިރު، އެ ގެ އަށް ވަންނަ މީހުންގެ ނަން ސިފައިން ނޯޓު ކުރެ އެވެ.
ސެކިއުރިޓީ ދިނުމުގެ ނަމުގައި ސިފައިންގެ ބޭނުމަކީ އެންދެރިމާގެ އަށް ވަދެ ނިކުމެ އުޅޭ މީހުން ބެލުން ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.