ލ. އަތޮޅުން ހޮވާލެވޭ ޓީމަކާ ގައުމީ ޓީމު މެޗެއް ކުޅެނީ
ލ. އަތޮޅުން ހޮވާލެވޭ ޓީމަކާ ގައުމީ ޓީމު މެޗެއް ކުޅެނީ

ލ. އަތޮޅުގައި އަންނަ މަހު ބާއްވާ "ސްޕޯޓްސް ފޯ އޯލް" ހަރަކާތް ފެށުމުގެ ގޮތުން އެ އަތޮޅުން ހޮވާލެވޭ އަންހެން ޓީމަކާ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ މެޗެއް ކުޅޭ ގޮތަށް ރާވައިފި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީގެ އޮފިޝަލަކު ބުނީ މި މެޗު އޮންނާނީ ފެބްރުއަރީ 16 ވަނަ ދުވަހު ހަވީރު ލ. ފޮނަދޫގައި ކަމަށެވެ.

"މި މެޗުގައި އެއްކޮޅުން މި ކުޅެނީ މުޅި ލ. އަތޮޅުން ހޮވާލެވޭ ޓީމެއް. އަނެއްކޮޅުން ގައުމީ އަންހެން ޓީމު. އެހެންވެ ވަރަށް ފޯރިގަދަ މެޗަކަށް ވެގެންދާނެ،" އޮފިޝަލް ބުންޏެވެ.

މިނިސްޓްރީ އާއި ވޮލީބޯޅަ އެސޯސިއޭޝަން ގުޅިގެން ރާވާ މި މެޗަކީ ލ. އަތޮޅުގައި ތިބި ހުނަރުވެރި ކުޅުންތެރިންނަށް ފެންވަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް އޮފިޝަލް ބުންޏެވެ.

ލ. އަތޮޅަކީ ވޮލީބޯޅައިގެ ފޯރިގަދަ އަތޮޅެކެވެ. އެގޮތުން އެ އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނާއި ބައެއް ޓީމުތައް ރާއްޖޭގެ މަތީ ފަންތީގެ މުބާރާތްތަކުގައި ވާދަކުރެ އެވެ.

"ސްޕޯޓްސް ފޯ އޯލް" ހަރަކާތް އޮންނާނީ ފެބްރުއަރީ 16 ގައި ލ. ފޮނަދޫގައި އަދި 17 ވަނަ ދުވަހު ލ. ގަމުގަ އެވެ. ހަ ކުޅިވަރެއްގެ ވާދަވެރި މުބާރާތްތައް ދެ ރަށުގައި ވެސް ބާއްވާނެ އެވެ. އެއީ ފުޓްސަލް، ހޭންޑްބޯލް، ބަށި، ވޮލީބޯލް، ޑޮޖްބޯލް އަދި ވާދެމެވެ. މީގެ އިތުރުން އާއިލީ އިވެންޓްތަކެއްގެ ގޮތުގައި އެތުލެޓިކްސް އާއި ބައިސިކަލް ދުއްވުމުގެ މުބާރާތްތަކެއް ވެސް އޮންނާނެ އެވެ. އަދި ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ލ. އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކާއި ޖަމިއްޔާތަކާއި ޒުވާނުންނާއި އާއްމުންނަށް ހާއްސަކޮށްގެން ދުޅަހެޔޮ ސިއްހަތަށް ހޭލުންތެރިންކުރުވުމުގެ ހަރަކާތްތަކެއް ވެސް ކަމުގެ ތަޖުރިބާކަރުން ބައިވެރިކޮށްގެން ބާއްވާނެ އެވެ. އަދި ހެލްތު ޗެކަޕް ޕްރޮގްރާމްތަކެއް ވެސް އޮންނާނެ އެވެ. މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެ ހަރަކާތްތައް އަންނަ މަހުގެ 12 އިން ފެށިގެން 17 ވަނަ ދުވަހާ ހަމަޔަށް ކުރިއަށްދާނެ އެވެ.