ޔަމަނުގެ ހޫތީން ފޮނުވާލި މިސައިލެއް ސައުދީން ވައްޓާލައިފި
ޔަމަނުގެ ހޫތީން ފޮނުވާލި މިސައިލެއް ސައުދީން ވައްޓާލައިފި

ރިޔާޒް (ޖެނުއަރީ 17) - ޔަމަނުގެ ހަތިޔާރު އެޅި ޖަމާއަތް ހޫތީން ފޮނުވާލި މިސައިލެއް ސައުދީ އަރަބިއާ އިން ވައްޓާލައިފި ކަމަށް އަލް އަޚްބާރިއްޔާ ޓީވީން ބުނެފި އެވެ.

މިސައިލް ފޮނުވާލާފައި ވަނީ ސައުދީގެ ދެކުނުން އޮންނަ ޖިޒާން ސަރަހައްދަށެވެ. މިސައިލް ހަމަލާގައި އެއްވެސް މީހަކަށް އަދި ތަނަކަށް ވެސް ގެއްލުން ލިބިފައި ނުވާ ކަމަށް ޓީވީން ބުންޏެވެ.

އީރާނުގެ މަދަދު ލިބޭ ކަމަށް ބުނާ ހޫތީން މީގެ ކުރިން ވެސް ވަނީ ސައުދީ އަށް އަމާޒުކޮށް މިސައިލް ހަމަލާތައް ދީފަ އެވެ. ނަމަވެސް އެއިން އެއްވެސް ހަމަލާއެއްގައި ސައުދީ އަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އެކަމަކު ކޮންމެ ހަމަލާއަކާ ގުޅިގެން އީރާނާއި ސައުދީގެ ގުޅުން އިތުރަށް ގޯސްވެ ދެ ފަރާތުގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރެ އެވެ.

ސައުދީން ތުހުމަތު ކުރަނީ ހޫތީންނަށް މިސައިލް ފޯރުކޮށްދެނީ އީރާނުން ކަމަށެވެ. އެކަމަކު އީރާނުން އެކަން ދޮގު ކުރެ އެވެ. ހޫތީން ވަނީ ޔަމަނުގެ ވެރިރަށް ސަންއާ އާއި އެ ގައުމުން ބޮޑު ސަރަހައްދެއް ހިފައިފަ އެވެ.

ޔަމަނުގެ ހޫތީންނާ ދެކޮޅަށް މާޗް 2015 ގައި ދޭން ފެށި ވައިގެ ހަމަލާތަކުގައި އިސްކޮށް ހަރަކާތްތެރި ވަނީ ސައުދީންނެވެ. ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ވަނީ 10،000 މީހުން މަރުވެފަ އެވެ.

ސައުދީން ބުނީ ނޮވެމްބަރު 4 ވަނަ ދުވަހު ހޫތީން ވަނީ ރިޔާޒުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް މިސައިލް ހަމަލާއެއް ދީފައި ކަމަށެވެ.