އެންމެ މައްސަލަ ބޮޑުވާނީ އާއިލާގެ ދެ ވަނަ ކުއްޖާ: ދިރާސާ
އެންމެ މައްސަލަ ބޮޑުވާނީ އާއިލާގެ ދެ ވަނަ ކުއްޖާ: ދިރާސާ

އާއިލާގެ އެންމެ ދޮށީ ކުއްޖާ އަކީ އެންމެ ވިސްނުންތޫނު ކުއްޖާ ކަމަށް ގިނަ ފަހަރަށް ވެ އެވެ. އަދި ދެ ވަނަ ކުއްޖާ އަކީ އަބަދުވެސް ސަކަރާތް ޖެހުމާއި އެހެން މީހުންނަށް އުނދަގޫކޮށް ބަދަލުހިފުމުގެ ކަންތައްތައް ކުރުމުގައި އިސްކޮށް އުޅޭނެ ކުއްޖާ ކަމަށް ފަހުގެ ހޯދުމަކުން ވަނީ ދައްކައިފަ އެވެ.

މިއީ ކުރިން ވެސް ވަރަށް ގިނަ މީހުން ގަބޫލުކުރާ ވާހަކައެއް ނަމަވެސް ސައިންސްގެ އަލީގައި މިކަން މިވަނީ ސާބިތުވެފަ އެވެ. ފުރަތަމަ ކުއްޖާއަށް ވުރެ ދެ ވަނަ ކުއްޖާ ގެންގުޅެން އުނދަގޫވާނެ އެވެ. ޚާއްސަކޮށް ފިރިހެންކުއްޖެއް ނަމަ އެވެ.

މި ހޯދުމަށް އެއްކޮށްފައިވަނީ އެމެރިކާ އާއި ޑެންމާކްގެ، އެއްބަނޑު އެއްބަފާ ފިރިހެންކުދިންތަކެއްގެ މައުލޫމާތެވެ. މި މައުލޫމާތުން ދައްކާ ގޮތުން އާއިލާގައި ދެ ވަނަ އަށް ހުންނަ ކުއްޖާގެ އަޚްލާގު ގޯސްވެގެން ސްކޫލްގައި މައްސަލަ ޖެހޭ މިންވަރު ވެސް 20 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އޮވެ އެވެ. އަދި މި ކުދިން ކޯޓަށް ގެންދާ މިންވަރު ވެސް ހަމަ މިހާ އިތުރެވެ.

މި ހޯދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޖޯން ޑޮއީލް ވިދާޅުވީ މި ނަތީޖާއަކީ ވަރަށް ފާހަގަކޮށްލެވޭ ނަތީޖާއެއް ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ. އާއިލާގައި ދެ ވަނަ އަށް ހުންނަ ކުއްޖާ އޭނާގެ ދޮއްޓަށް ހުންނަ ކުއްޖާއާ އަޅާ ބަލާއިރު ޖަލަށް ދާން ޖެހުމަކީ ވެސް މާ ކައިރީގައި އޮންނަ ކަމެކެވެ. އަދި ސްކޫލުން ސަސްޕެންޑް ކުރުމާއި ކުޑަކުދިން ކުރާ އެކި ކުށްތަކުގައި ބެދުން ވެސް މިފަދަ ކުދިންގެ މެދުގައި މާ އާއްމެވެ.

ނަމަވެސް މި ދިރާސާގެ ނަތީޖާއަށް ބަލައި، އާއިލާގެ ދެ ވަނަ އަށް ހުންނަ ކުއްޖާއަށް ޝައްކުގެ ނަޒަރުން ބެލުމުގެ ކުރިން މިކަން މިގޮތަށް ދިމާވާ ސަބަބާ ދޭތެރޭ ވެސް ވިސްނާލަން ޖެހެ އެވެ. ޑޮޔޭލް ދެކެވަޑައިގަންނަވާ ގޮތުގައި ދެ ވަނަ އަށް ހުންނަ ކުއްޖާއަށް މައްސަލަތައް ދިމާވަނީ ދޮށީ ކުއްޖާގެ ސަބަބުންނެވެ.

އެންމެ ދޮށީ ކުއްޖާ އަކީ އެހެންކުދިންނަށް ރޯލް މޮޑެލް އެކެވެ. އަދި އެހެންކުދިންނަށް ވުރެ ބޮޑީ އޭނާ އެވެ. ނަމަވެސް ދެ ވަނަ އަށް އުފަންވާ ކުއްޖާ ރޯލް މޮޑެލުންނަށް ވާން ތިބޭނީ އޭނާއަށް ވުރެ ހަގު ކޮއްކޮއިންނެވެ.

ދެ ވަނަ އަށް ލިބޭ ކުއްޖާއަށް މައިންބަފައިން ވަގުތު ދިން ނަމަވެސް އެންމެ ދޮށީ ކުއްޖާއަށް މާ ގިނަ ވަގުތު ދެވިފައި ހުންނާނެ އެވެ. އަދި އެހެން ކުއްޖެއް ނުލިބޭހާ ދުވަހަކު އަލަށް ލިބޭ ދަރިފުޅަށް މައިންބަފައިންގެ ލޯތްބާއި އަޅާލުން މާ ބޮޑަށް ލިބިފައި ހުންނާނެ އެވެ. މިއީ ދެ ވަނަ ކުއްޖާގެ މިޒާޖު ބަދަލުވާން މެދުވެރިވާ ސަބަބެއް ކަމަށްވެ އެވެ.

ނަމަވެސް ތެރަޕިސްޓް މޭރީ ވެލޭސް ޕޭރެންޓްސް ޑޮޓް ކޮމް އަށް ވިދާޅުވި ގޮތުގައި އާއިލާގެ ދެ ވަނަ ކުއްޖާއަށް ވީތީ އެ ކުއްޖަކު ގޯސްވާކަށް ނުޖެހެ އެވެ. އަދި މިއީ ހުރިހާ ފަހަރަކު ދިމާވާނެ ގޮތެއް ވެސް ނޫނެވެ. އަދި ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނައިގެން އެމީހެއްގެ ޝަޚްސިއްޔަތު ބަދަލުކުރުމުގެ އިޚްތިޔާރު އޮވެ އެވެ.

މިއީ އެމެރިކާ އާއި ޑެންމާކަށް އެކަނި ވިސްނައިގެން އެއްކޮށްފައިވާ މައުލޫމާތު ތަކަކަށް ވާތީ މި ހޯދުމުގެ ނަތީޖާ އެހެން ގައުމުތަކާ ދިމާނުވުމުން އެކަށީގެންވެ އެވެ.