ޓްރަމްޕުގެ ބަރުދަނުން 6.8 ކިލޯ ލުއި ކުރަން ޖެހޭ
ޓްރަމްޕުގެ ބަރުދަނުން 6.8 ކިލޯ ލުއި ކުރަން ޖެހޭ

ވޮޝިންޓަން (ޖެނުއަރީ 17) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ބަރުދަނުން 10-15 ޕައުންޑް (4.5-6.8 ކިލޯ) ލުއި ކުރަން ޖެހޭ ކަމަށް ވައިޓް ހައުސްގެ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕުގެ މެޑިކަލް ޗެކަޕް ހުކުރު ދުވަހު ހެދުމަށް ފަހު ޑޮކްޓަރުން ވިދާޅުވެފައި ވަނީ ޓްރަމްޕުގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ޓްރަމްޕުގެ ސިކުނޑީގެ މައްސަލަ ހުންނަ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް ޑޮކްޓަރުން ވިދާޅުވެފައި ވަނީ އެ ފަދަ ބައްޔެއް ޓްރަމްޕުގެ ނެތް ކަމަށެވެ.

މެޑިކަލް އެގްޒަމިނޭޝަނުގެ ނަތީޖާ އިން ދެއްކި ގޮތުގައި ޓްރަމްޕުގެ ބަރުދަނުގައި ހުރީ 239 ޕައުންޑް (108 ކިލޯ) އެވެ. އިސްކޮޅަކީ 1.9 މީޓަރު (ހަ ފޫޓު ތިން އިންޗި) އެވެ. ލޭގެ ޕްރެޝަރު ހުރީ 122/74 ގަ އެވެ. ކޮލެސްޓްރޯލް ލެވެލް ހުރީ ކުޑަ ތަންކޮޅެއް މަތީގަ އެވެ.

ވައިޓް ހައުސްގެ ޑޮކްޓަރު ރޮނީ ޖެކްސަން ވިދާޅުވީ ޓްރަމްޕަށް ދޭ ކޮލެސްޓްރޯލް ބޭސް، ކްރެސްޓޯގެ ޑޯޒް މަތި ކުރާނެ ކަމަށެވެ. ރަނގަޅު ކާނާ ތައްޔާރު ކުރުމަށް ވައިޓް ހައުސްގެ ޝެފުންނަށް އަންގާ އަދި ޓްރަމްޕް ކޮންމެ ދުވަހަކު ވެސް ކަސްރަތު ކުރެވޭނެ ޕްރޮގްރާމެއް ޑިޒައިން ކުރާނެ ކަމށް ވިދާޅުވި އެވެ.

އުމުރުން 71 އަހަރުގެ ޓްރަމްޕަކީ ސަރުބީ ގިނަ ކާނާ އަށް ލޯބިކުރައްވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ފްރައިޑް ޗިކަން އާއި ބާގާ އަދި ސްޓީކް ހިމެނެ އެވެ. ގޮލްފް ކުޅުއްވުން ފިޔަވައި އެއްވެސް ބާވަތެއްގެ ކަސްރަތެއް ނުކުރައްވަ އެވެ.

ޓްރަމްޕުގެ ތިން ގަޑިއިރުގެ އެގްޒަމިނޭޝަން ކުރިއަށް ގެންދިޔައީ އަސްކަރީ ޑޮކްޓަރުންނެވެ. ޓެސްޓްތައް ހަދާފައި ވަނީ މެރީލޭންޑުގެ ވޯލްޓާ ރީޑް މެޑިކަލް ސެންޓަރުގަ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޓްރަމްޕް ހެއްދެވި ފުރަތަމަ މެޑިކަލް ޗެކަޕެވެ.