20 ޖެނުއަރީ 2018 - 06:46

ތަށި ދޮވުމަކީ އާންމުކޮށް އަތުން ކުރާ މަސައްކަތެކެވެ. އެކަމަކު އެއްފަހަރާ އެތައް ބައިވަރު ތަށި ދޮންނަން ހުންނަ މީހާއަށް އަޅާ ވޭން އެކަން ތަޖުރިބާކޮށްފައިވާ މީހަކަށް ނޫނީ ނޭނގޭނެ އެވެ.
ޑިޝްވޮޝާ ނުވަތަ ތަށި ދޮންނަ މެޝިނަކީ މިހާރު ދުނިޔޭގެ ތަރައްގީ ގައުމުތަކުގައި އާންމު އެއްޗެކެވެ. ފެނުގެ ގޮތުންވެސް މިއީ ޚަރަދުކުޑަ އެއްޗެއް ކަމަށް ބައެއް މީހުން ބުނެއެވެ. މިކަހަލަ މެޝިނެއް ގެންގުޅެން ބޭނުން ވިޔަސް ކުދިކުދި ގޭގޭގައި ބެހެއްޓޭ ވަރުގެ ތަށި ދޮންނަ މެޝިނު ވަރަށް މަދެވެ. ހީޓްވޯކްސް ކިޔާ ކުންފުންޏަކުން އުފެއްދި ޓެޓްރާ އަކީ ކުޑަ މެޝިނެކެވެ.
ޓެޓްރާ ތަށި ދޮންނަ މެޝިނުގެ އެންމެ ޚާއްސަ ސިފަތަކުގެ ތެރޭގައި ކޮންމެ ތަނެއްގައި ވެސް ބަހައްޓާލެވޭނެ އެއްޗަކަށްވުމާއި ފެނުގެ ޚަރަދު ކުޑަވުމާއި ކަރަންޓަކަށް ފެން އިސްކުރަކަށް ގުޅަން ނުޖެހުން ހިމެނެއެވެ. ކާތަށީގެ 12 ތަށި އެއްފަހަރާ ދޮވެލެވެއެވެ. ހުރިހާ ބިއްލޫރިތަށިތަކެއް ވެސް އެއްބުރުން ދޮވެވޭނެއެވެ. މުޅި ދޮވުމަށް ހޭދަވާނީ އެންމެ 10 މިނެޓެވެ. ތަށި ދޮންނަ އާދައިގެ މެޝިނުން ދޮންނަ ނަމަ ގަޑިއެއްހާއިރު ހޭދަކުރެއެވެ.
ބިއްލޫރި ފޮއްޓެއްގެ ސިފައަށް ހަދާފައިވާ ޓެޓްރާ ތަށި ދޮންނަ މެޝިނަކީ ކުޑަ މައިކްރޯވޭވް އަވަނުގެ ސައިޒަށް ހުންނަ އެއްޗެކެވެ. ދޮންނަ ކޮންމެ ފަހަރަކު ބޭނުންވާނީ ދެތިން ހަތަރު ލީޓަރުގެ ފެނެވެ. ދޮންނަން ވުމުން ދޮންނަން ހުރި ތަށިތައް އަތުރަން ހަދާފައިވާ ޓްރޭ، މެޝިނު ތެރޭ އަތުރާލުމަށް ފަހު ތަށިތައް ޓްރޭއަށް ފައްތާލާނީއެވެ. ދެން 4ލީޓަރުގެ ފެން އެޅުމަށް ފަހު ދޮންނަން ޖައްސަންވީއެވެ. ތަށިތައް ހޫނުކޮށް، ސްޓެރިލައިޒްކުރަން ވުމުން ދަގަނޑު މައުދަނުގެ ބައިތަކެއް ބޭނުންކުރުމުގެ ބަދަލުގައި ހޫނުކުރާނެ އެހެން ސިސްޓަމެއް މީގައި ވަނީ ތަރައްގީކޮށްފައެވެ.
ހީޓްވޯކްސް އިން ބުނާ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން ޓެޓްރާ ތަށި ދޮންނަ މެޝިނު ބާޒާރަށް ނެރެވޭނެއެވެ. ވިއްކާނީ އެންމެ 299 ޑޮލަރަށެވެ.