19 ޖެނުއަރީ 2018 - 07:06

ސްމާޓްގަޑި އާއި ސްމާޓްފޯނު ވެސް އާންމުވެއްޖެ އެވެ. އެކަމަކު އެއް ދޮނުގައި ދެބުޅި ޖަހާލެވެންޏާ އަދި މާ ފަސޭހައެވެ.

ޝެލް ސްމާޓްގަޑިއަކީ 4ޖީ ފެންވަރުގެ ފޯނަކަށް ބަދަލުކޮށްލެވޭ ސްމާޓްގަޑިއެކެވެ.
އަތުކުރީގައި އޮންނަ އިރު އެއީ ގަޑިއެކެވެ. ފޯނަކަށް ބަދަލުކުރަން ބޭނުންވުމުން މޫނުމަތި ވަކިން ނައްޓައިލެވެއެވެ. މޫނުމަތި ނައްޓާލުމަށް ފަހު، އިސްފިރޭނުގެ ބާރުން ހަރުކޮށްފައިވާ ދެ ދުނިގަނޑު ދެ ފަރާތަށް ކަހާލާނީއެވެ. އެއް ފަރާތު ދުނިގަނޑުގެ ކޮޅުގައި އިންނާނީ މައިކަށް ކަނޑާފައިވާ ލޯވަޅެވެ. އަނެއް ފަރާތު ދުނިގަނޑުގެ ކޮޅަކީ ކުޑަ ރިސީވަރެކެވެ. މި ދެ ދުނިގަނޑު ވެސް މަސައްކަތްކުރާނީ އެންޓެނާއެއް ގޮތަށެވެ.
ފޯނުން ކުރެވޭ ހުރިހާ ބޭނުމެއް މި ގަޑި ފޯނުން ވެސް ކުރެވެއެވެ. މީގައި ހިމެނޭ ދެ ދުނިގަނޑުގެ ތެރެއިން އެއް ދުނިގަނޑުގެ ކޮޅުގައި 12 މެގަޕިކްސަލްގެ ކެމެރާއެއް އިނދެ އެވެ. ބޭނުމިއްޔާ މި ކެމެރާ ވަށައިގެން ބުރު ހަމަކޮށް، 360 ޑިގްރީއަށް އަނބުރާލެވެއެވެ.
ބުނެވޭ ގޮތުގައި މި ދެ ދުނިގަނޑަށް އެކުގައި ތިން ހަތަރު މިނިޓް ވަންދެން ފިތާލުމުން ވަގުތީ ގޮތުން ފޯނު ޗާޖުކޮށްލެވުނީއެވެ. އެހާވަރުން ފޯނެއް ކޮށްލެވޭނެއެވެ.