12 ޖުލައި 2016 - 13:34

އެސްޓީއޯ ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި ތެލާއި ގޭހުގެ ވިޔަފާރި ދުނިޔޭގައި އެންމެ ފުޅާ ދާއިރާގައި ކުރަމުން އަންނަ އެއް ކުންފުނި، ނެދަލެންޑްގެ ޝެލް ކޯޕަރޭޝަނާ ގުޅިގެން ރާއްޖޭގައި ގޭސް ޓްރާންޝިޕްކުރަން ފަށައިފި އެވެ.
"މިހާރު"އާ ވާހަކަދެއްކެވި އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުންފުނިން ގޭސް ޓްރާންޝިޕްކުރަން އަދާކުރަނީ އެޖެންޓެއްގެ ދައުރު ކަމަށެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލާއި ގޭހުގެ ވިޔަފާރިކުރާ އެސްޓީއޯ އިން ރާއްޖޭގައި ޝެލްއަށް ގޭސް ޓްރާންޝިޕްކުރަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ގޭސް ހިފައިގެން އަންނަ މަދަ ވެސެލް މަޑުކުރަނީ ތިލަފުށި ކައިރީގަ އެވެ.
"އަޅުގަނޑުމެން މި ހިދުމަތް ދެނީ ސިންގަޕޫރުން ގޭސް ހިފައިގެން އަންނަ މަދަ ވެސެލް ރާއްޖެ ސަރަހައްދަށް ވަނުމުން ކުޑަ ބޯޓެއްގައި ގޭސް ގެންދަނީ އިންޑިއާ އަދި ލަންކާ، ޕާކިސްތާން ފަދަ މި ސަރަހައްދުގެ ގައުމުތަކަށް،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ފަށައިގަތް އިރު މަހަކު ހަތަރު ބޯޓަށް ހިދުމަތް ދިން ނަމަވެސް މިހާރު އެ އަދަދު ދެގުނަ އިތުރު ވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ ރާއްޖޭގައި ގޭސް ޓްރާންޝިޕްކުރަން ފްލޯޓިން ސްޓޯރޭޖެއް ހެދުމަށް. އަދި އެއާއެކު ރާއްޖޭގައި އިތުރު ވަޒީފާތަކެއް ވެސް އުފެދިގެންދާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.