ރޮނާލްޑީނިއޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
ރޮނާލްޑީނިއޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ރިއޯ ޑި ޖެނީރޯ (ޖެނުއަރީ 17) – ޕްރޮފެޝަނަލް ކުޅުންތެރިޔެއްގެ ގޮތުގައި އެންމެ ފަހުން މެޗެއް ކުޅުނުތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ބްރެޒިލްގެ ރޮނާލްޑީނިއޯ ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އޭނާގެ ބޭބެ އަދި އޭޖެންޓް ރޮބާޓޯ އަސިސް ބުނީ އޭނާ ދެން ފުޓްބޯޅަ ނުކުޅޭނެ ކަމަށެވެ. އުމުރުން 37 އަހަރުގެ ރޮނާލްޑީނިއޯ އެންމެ ފަހުން ކުޅުނީ 2015 ވަނަ އަހަރު ބްރެޒިލްގެ ފްލުމިނެންސް އެވެ.

އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އިން 2016 ވަނަ އަހަރު އެ ކްލަބުގެ އެމްބެސެޑަރެއްގެ ގޮތުގައި އޭނާ ހަމަޖައްސައި އެ ކްލަބް ޕްރޮމޯޓްކުރުމުގެ ޒިންމާ ހަވާލުކުރި އެވެ. އޭނާ ވަނީ 2016 ވަނަ އަހަރު އިންޑިއާގެ ޕްރިމިއާ ފުޓްސަލް ލީގުގައި ވެސް ކުޅެފަ އެވެ.

ފީފާ އިން ހޮވި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް 2004 އާއި 2005 ވަނަ އަހަރު ހާސިލްކުރި ރޮނާލްޑޯ އަކީ ބްރެޒިލުން 2002 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ މުހިއްމު މެމްބަރެކެވެ.

ބްރެޒިލްގެ ގްރެމިއޯ އިން 1998 ގައި ކެރިއަރު ފެށި ރޮނާލްޑީނިއޯ ޔޫރަޕަށް ބަދަލުވީ 2001 ވަނަ އަހަރު ފްރާންސުގެ ޕީއެސްޖީން ލިބުނު ފުރުސަތާ އެކު އެވެ. އެކަމަކު އޭނާގެ ހަގީގީ ކެރިއަރު ފެށުނީ 2003 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ހިސާބުންނެވެ. އެ ކްލަބުގައި އޭނާ ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އަދި އެ ކްލަބާ އެކު ސްޕެނިޝް ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގު ހޯދި އެވެ. އެ ޓީމަށް ކުޅުނު 207 މެޗުން 94 ލަނޑު ޖެހި އެވެ.

އެކަމަކު އަހުލާގީ މައްސަލަތަކާ އެ ނޫން ވެސް ސަބަބުތަކާ ހެދި ފޯމުން ކެޓި އެވެ. އެހިސާބުން ބާސެލޯނާ އިން އޭނާ 2008 ވަނަ އަހަރު އޭސީ މިލާނަށް ވިއްކާލި އެވެ. އެ ޓީމާ އެކު 2011 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރި އެވެ.

މިލާނަށް ފަހު އެނބުރި ބްރެޒިލަށް ގޮސް ފްލެމިންގޯ އާއި އެތުލެޓިކޯ މިނެއިރޯގެ އިތުރުން މެކްސިކޯގެ ކުއެރެޓަރޯ އަށް ވެސް ކުޅުނެވެ.