17 ޖެނުއަރީ 2018 - 10:56

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.
އެ ކުންފުނިން ބުނީ ޑީސަލް ލިޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 54 ލާރި މިއަދުން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ.
އެސްޓީއޯއިން މި ގެނައި ބަދަލާއެކު، މިހާރު ޕެޓްރޯލާއި ޑީސަލް ލިޓަރެއް ވިއްކާނީ 10.41 ލާރި އަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
"ތެޔޮ ވިއްކާ އަގަށް ބަދަލު ގެނައި ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެންނެވެ،" އެސްޓީއޯއިން ނެރުނު ބަޔާނުގައިވެ އެވެ.
ރާއްޖޭގައި ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރިއިރު، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ތިން އަހަރުގެ ތެރޭގައި ވަީ ފުރަތަމަ ފަހަރަށް 70 ޑޮލަރަށް އަރައިފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދާން ފެށީ އޯޕެކްގެ ގައުމުތަކާއި ރަޝިއާއިން ތެޔޮ އުފައްދާ މިންވަރު މައްޗަށް ދިއުމާއި އިގްތިސާދު ކުރިއަރާތީ ތެލުގެ ޑިމާންޑް އިތުރުވުމުންނެވެ. އެގޮތުން އިނގިރޭސި ވިލާތުގައި އިއްޔެ ތެޔޮ ފީފާއަކުން 26 ސެންޓް ބޮޑުވުމުން ވަނީ ފީފާއެއްގެ އަގު 70.37 ޑޮލަރަށް އަރައިފަ އެވެ. އަދި އެެމެރިކާގައި ވަނީ ތެޔޮ ފީފާއަކުން 18 ސެންޓް ބޮޑުވެ، ފީފާއެއްގެ 64.89 ޑޮލަރަށް އަރައިފަ އެވެ.
އެސްޓީއޯއިން އެންމެ ފަހުން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭރު ޕެޓްރޯލް ލިޓަރަކުން ބޮޑުކުރީ 35 ލާރި އެވެ. ޑީސަލް ލިޓަރަކުން 44 ލާރި ބޮޑުކުރި އެވެ.
އެސްޓީއޯއިން ތެލުގެ އަގު އެންމެ ފަހުން ހެޔޮކުރީ، މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެ ފަހަރު ތެލުގެ އަގު ހެޔޮ ކުރީ، އެ އިން ނަގަމުން އައި ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.