15 ޖުލައި 2016 - 06:04

އޯޓް ކުޓުއާ ފެޝަން ވީކެއްގައި ހަމައެކަނި ދައްކާލަނީ ތަފާތު ގޮތްގޮތަށް ފަރުމާކޮށްފައިވާ ހެދުމެއް ނޫނެވެ. މޮޑެލުން ލާފައި ތިބޭ ހެދުންތަކުގެ އިތުރުން އެމީހުންގެ އިސްތަށި ސްޓައިލްކޮށްފައިވާ ގޮތާއި މޭކަޕް ވެސް ހަމަ އެހާމެ ތަފާތުވެފައި ރީއްޗެވެ.

މިއަހަރުގެ އޯޓް ކުޓުއާ ފެޝަން ވީކްގައި ދައްކާލި ހެއާ ސްޓައިލްތަކާއި މޭކަޕްތައް ވަރަށް ހިތްގައިމެވެ. އަދި އެސްޓައިލްތައް ޕާޓީއަކަށް، އޮފީހަށް ނުވަތަ ހާއްސަ މުނާސަބަތަކަށް ބޭނުންކޮށްލެވޭނެ އެވެ. ޕެރިހުގައި ބޭއްވި އޯޓް ކުޓުއާ ފެޝަން ވީކްގައި ފާހަގަވި ބައެއް ސްޓައިލްތައް ހިއްސާކޮށްލާނަމެވެ.

ހުނަރުވެރި ހެއާ ސްޓައިލިސްޓް ގުއިޑޯ ޕަލާއު ވެލެންޓީނޯ ޝޯއަށް އެރި ކޮންމެ މޮޑެލެއްގެ އިސްތަށިގަނޑު ވަރަށް ސިމްޕަލް އެކަމަކު ނަލަ ގޮތަކަށް ސްޓައިލް ކޮށްލި އެވެ. ރަން ރަބަރުފަށް ބޭނުންކޮށްގެން އިސްތަށިގަނޑުގައި އެއްވަރަކަށް އައްސާލާފައި ހުއްޓެވެ. އިސްތަށިގަނޑު ރީތިކޮށް ފަންކޮށް ފަހަތަށް އައްސާލައިފައި ސްޓައިލް ކޮށްލީ އިޓަލީގެ ރެނެސޯންސް ޒަމާނުން ހިޔާލު ހޯދައިގެން ކަމަށްވެ އެވެ.

ކަޅު އައިލައިނާ ބޭނުންކޮށްގެން ވަރަށް ދިގު އަދި ފަވާލާފައި ހުރި "ކެޓް އައިޒް" ސްޓައިލަށް ކްރިސްޗިއަން ޑިއޯ ޝޯގައި ހިނގާލި މޮޑެލުންގެ ލޮލުގައި މޭކަޕްކޮށްފައި ހުއްޓެވެ. މޭކަޕް އާޓިސްޓް ޕީޓާ ފިލިޕްސް މިގޮތަށް ލޮލުގައި މޭކަޕް ކޮށްލީ ޑިއޯގެ ޒަމާނީ ހެދުންތަކާއި ގުޅުވާލަންވެގެންނެވެ.

ރޯމްގެ މަޝްހޫރު ޓްރެވީ ފައުންޓަން މަތީ ބޭއްވި ފެންޑީ ޝޯގެ "ކޮންސެޕްޓް" އަކީ "ލެޖެންޑްސް އެންޑް ފެއާރީ ޓޭލްސް" ކަމަށް ކާލް ލަގަފެލްޑް ބުންޏެވެ. އަދި ހިޔާލީ ވާހަކައެއްގައި އުޅޭ ރާނީއެއް ނުވަތަ ޕަރީއެއް ގޮތަށް ކޮންމެ މޮޑެލެއް ވެސް ތައްޔާރުކޮށްފައި ހުއްޓެވެ. ހެއާ ސްޓައިލިސްޓް ސޭމް މެކްނައިޓް މޮޑެލުންގެ އިސްތަށިގަނޑު ބުޅި އިސްތަށިގަނޑަކަށް ސްޓައިލްކޮށްފައި މަޑު ކުލަކުލައިގެ ކެހެރި ރިބަނުން އައްސާލި އެވެ.

މި ފެޝަން ޝޯއަށް ވެސް ހެއާ ސްޓައިލިސްޓް ސޭމް މެކްނައިޓް މޮޑެލުންގެ އިސްތަށިގަނޑު ބުޅި ސްޓައިލަކަށް ތައްޔާރުކޮށްލި އެވެ. ބުޅި އިސްތަށިގަނޑެއް މައްޗަށް އައްސާލާފައި ކަޅު ބޯ ޓައި ބޭންޑެއް ގުޅުވާލި އެވެ. އަދި މޭކަޕް ވަރަށް ސިމްޕަލްކޮށް "ނެޗުރަލް" ކޮށް ބެހެއްޓައިފައި ލޮލުގައި ކަޅު އައިލައިނާއެއް ސީދާ ސްޓައިލަކަށް ޖައްސާލި އެވެ.
މަޝްހޫރު މޭކަޕް އާޓިސްޓް ޕެޓް މެކްގްރެތުގެ ހުނަރު ވަސާޗޭ ޝޯގައި ދައްކާލި އެވެ. ކްލެސިކް މޭކަޕް ސްޓައިލެއް ތަފާތު އާ ގޮތަކަށް ދައްކާލި އެވެ. ޕެޓް މެކްގްރެތު ވަރަށް ކައިރި މުސްތަގުބަލެއްގައި ލޯންޗުކުރަން އުޅޭ އޭނާގެ އަމިއްލަ މޭކަޕް ބްރޭންޑް "ލެބްސް" ގެ ބައެއް ޕްރޮޑަކްޓްތައް ބޭނުންކޮށްފައިވެ އެވެ. މި ޝޯގައި މޮޑެލުންގެ ލޮލާއި މޫނުގައި ޖައްސާފައި ހުރި މޭކަޕް ސިމްޕަލްވެފައި ތުންފަތުގައި ހުރީ ވިދާ ގްލިޓާ ބޭނުންކޮށްގެން ރަތް ކުލައެއް ޖައްސާލައިފަ އެވެ.