13 ޖުލައި 2016 - 10:09

ލަންޑަން (ޖުލައި 12) - ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޑިމިޓްރީ ޕަޔެޓް 50 މިލިއަން ޕައުންޑަށް ވުރެން ކުޑަ އަގަކަށް ނުވިއްކާނެ ކަމަށް އެ ކްލަބްގެ ކޯ ޗެއާމަން ޑޭވިޑް ގޯލްޑް ވިދާޅުވެއްޖެ އެވެ.
ފްރާންސްގެ މާސޭ ދޫކޮށް މިދިޔަ ސީޒަނުގައި ވެސްޓް ހޭމް އަށް ބަދަލުވުމަށް ފަހު ޕަޔެޓް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ޕްރިމިއާ ލީގުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރެއިން ޖާގަ ހޯދުމުގެ އިތުރަށް މި ފަހަރު ޔޫރޯގެ ޑްރީމް ޓީމުގައި ވެސް ހިމެނުނެވެ.
ގޯލްޑް ވިދާޅުވީ މުހިއްމު ކުޅުންތެރިން ކްލަބްގައި ބަހައްޓަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
"ޕަޔެޓަކީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ. އޭނާގެ އިތުރުން ކްލަބްގެ މުހިއްމު ކުޅުންތެރިން ބަހައްޓަން އަހަރެމެން މަސައްކަތް ކުރާނަން. ބޮޑު ކްލަބަކުން ޕަޔެޓް ހޯދަން ބޭނުން ނަމަ 50 މިލިއަން ޕައުންޑަށް ވުރެން ބޮޑު ބިޑެއް ކޮށްގެން ކާމިޔާބުވާނީ. އެ ނޫން އަގަކަށް އޭނާ ނުވިއްކާނަން،" ގޯލްޑް ވިދާޅުވި އެވެ.
އުމުރުން 29 އަހަރުގެ ޕަޔެޓް ހޯދަން އިންޓަ އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އިންޓަ އިން ތައްޔާރުވަމުން އަންނަނީ 40 މިލިއަން ޕައުންޑުގެ ބިޑެއް ކުރުމަށެވެ.
ޕަޔެޓް ފުޓްބޯޅަ ކެރިއަރު ފެށީ 2004 ވަަނަ އަހަރު ރީޔޫނިއަންގެ އޭއެސް އެކްސެލްސިއާ އިންނެވެ. އޭނާ ދެން ފެނުނީ ފްރާންސްގެ ކްލަބްތަކުންނެވެ. ފްރާންސްގެ ފުރަތަމަ ޑިވިޝަންގެ ހަތަރު ކްލަބަކަށް ޕަޔެޓް ވަނީ ކުޅެފަ އެވެ. އެއީ ނަންޓެސް، ސެއިން އެޓިއެން، ލިއްލޭ އަދި މާސޭ އެވެ.