12 އަހަރުން ދަށުގެ ވާދަވެރި މުބާރާތްތައް ދެން ނުބޭއްވޭނެ!
12 އަހަރުން ދަށުގެ ވާދަވެރި މުބާރާތްތައް ދެން ނުބޭއްވޭނެ!

ފުޓްބޯޅައިގެ ބާރަ އަހަރުން ދަށުގެ އުމުރުފުރާގައި ވާދަވެރި މުބާރާތްތައް ބާއްވަން ހުއްދަ ނުދޭން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމުން ބުނީ އެ އުމުރުފުރާގެ މުބާރާތްތަކުގެ ސަބަބުން ނުރަނގަޅު އަސަރުތަކެއްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ އެސޯސިއޭޝަނަށް ބެލެނެވެރިންނާއި ފުޓްބޯޅަ ތަޖުރިބާކާރުންގެ ފަރާތުން ޝަކުވާ ހުށަހަޅަމުން އަންނަ ކަމަށާއި އަދި އެކަމަކީ ފީފާ އާއި އޭއެފްސީ އިން ތާއީދުކުރާކަމެއް ނޫން ކަމަށް އެފްއޭއެމުން ބުންޏެވެ.

އެހެންވެ މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ޓެކްނިކަލް ކޮމިޓީން މިކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ފަހު ހަތް ނުކުތާއެއްގެ މައްޗަށް ބިނާކޮށް 12 އަހަރުން ދަށުގެ އެއްވެސް މުބާރާތެއް ފެސްޓިވަލްގެ ސިފައިގައި ނޫން ގޮތަކަށް ބޭއްވުމަށް އެއްވެސް ފަރާތަކަށް ހުއްދަ ނުދިނުމަށް ނިންމާފައިވާ ކަމަށް އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެފްއޭއެމުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި 12 އަހަރުން ދަށުގެ މުބާރާތްތަކުގެ ވާދަވެރިކަން ބޮޑުވެ ކުދިން ފުޓްބޯޅަ ކުޅުމާ ދުރަށް ދިއުމަށް މަގުފަހިވުމާއި އޭގެ ސަބަބުން ފުޓްބޯޅައިން ހުނަރު ދަސްކޮށްދިނުމަށް ވުރެ ފުޓްބޯޅާއިގައި ހުންނަ ގޯސް އާދަތައް ކުދިންނަށް ދަސްވުން ހިމެނެ އެވެ.

މީގެ އިތުރުން ހުރިހާ ކުދިންނަށް ހަމަހަމަ އުސޫލުން ކުޅުމުގެ ފުރުސަތު ހޯދައިނުދެވުމާއި ކުދިންނަށް އެކަށީގެންނުވާވަރުގެ މެޗުތަކުން މޮޅުވުމަށް ޕްރެޝަރުކުރުމާއި އުމުރުފުރާއަށް އެކަށީގެންނުވާވަރުގެ ތަމްރީން ދިނުން ވެސް އެފްއޭއެމުން ފާހަގަކޮށްފައިވެ އެވެ. އަދި ކުޅުންތެރިންނަށް އަމިއްލަ އަށް ހުނަރު ބޭނުންކުރުމުގެ ފުރުސަތު ނުލިބުމާއި ފުޓްބޯޅަ ކުޅުމުން ލިބެން ޖެހޭ ހިތްހަމަޖެހުމާއި އުފާވެރިކަން ކުދިންނަށް ނުލިބުމަކީ ވެސް އެއުމުރުފުރާގެ ވާދަވެރި މުބާރާތްތައް ބާއްވަން ހުއްދަނުދޭން އެފްއޭއެމުން ނިންމި ސަބަބުތަކެވެ.