ހިތްހަމަ ނުޖެހުނު ފަނޑިޔާރުންނާ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ބައްދަލުކޮށްފި
ހިތްހަމަ ނުޖެހުނު ފަނޑިޔާރުންނާ އިންޑިއާގެ އުއްތަމަ ފަނޑިޔާރު ބައްދަލުކޮށްފި

ނިއު ދިއްލީ (ޖެނުއަރީ 16) - އިންޑިއާގެ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ތެދުވި ސުޕްރީމް ކޯޓުގެ ސީނިއާ ހަތަރު ފަނޑިޔާރުންނާ އުއްތަމަ ފަނޑިޔާރު ބައްދަލުކޮށްފި އެވެ.

ހަތަރު ފަނޑިޔާރުންނާ އުއްތަމަ ފަނޑިޔާރު ދީޕަކް މިސްރާ ބައްދަލު ކުރީ މައްސަލަ ހައްލު ކުރުމުގެ ނިޔަތުގަ އެވެ. އެކަމަކު އެޓާނީ ޖެނެރަލް ކޭކޭ ވެނުގޯޕާލް ވިދާޅުވީ މައްސަލަ އަށް އަދިވެސް ހައްލެއް ނުހޯދޭ ކަމަށެވެ.

ހަތަރު ފަނޑިޔާރުންނާ އެކު މާދަމާ ވެސް މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އުއްތަމަ ފަނޑިޔާރު ޑީޕަކް މިސްރާ ކަންތައް ކުރައްވާ ގޮތުން ޑިމޮކްރެސީ ނުރައްކަލުގެ ތެރޭގައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މައްސަލަތައް ހަވާލު ކުރަނީ އުއްތަމަ ފަނޑިޔާރު ހިތް ރުހޭ ބެންޗަކަށް ކަމަށާއި މިއީ ކޯޓުގެ ގަވާއިދާ ޚިލާފު ކަމެއް ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ. އިންޑިއާގައި ޑިމޮކްރެސީ ދެމެހެއްޓޭނީ ކޯޓުގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށް ވެސް ހަތަރު ފަނޑިޔާރުން ވިދާޅުވި އެވެ.

މިއީ އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ނޫސްވެރިންނާ ބައްދަލު ކުރި ފުރަތަމަ ފަހަރެވެ. ކޯޓުގެ މައްސަލަތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މީޑިއާގައި ވާހަކަ ދެއްކުމަކީ އެއްވެސް އިއްރެއްގައި ކުރި ކަމެއް ނޫނެވެ.