ގިނަ ކަންކަމުގައި މައުމޫނާއެކު މަޝްވަރާ ކުރަން: ނަޝީދު
ގިނަ ކަންކަމުގައި މައުމޫނާއެކު މަޝްވަރާ ކުރަން: ނަޝީދު

ސިޔާސީ އިދިކޮޅު ހަރަކާތާ ގުޅޭ އެކި ކަންކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ވަރަށް ގިނައިން މަޝްވަރާ ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން މައުމޫނާއި ނަޝީދު އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް ބުނެ، "މޯލްޑިވްސް އިންޑިޕެންޑެންޓް" ވެބްސައިޓްގައި ލިޔެފައިވާ ޚަބަރު ދޮގު ކުރައްވައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މައުމޫނާއެކު ވަރަށް ގިނަ ކަންކަމުގައި ވާހަކަފުޅު ދައްކައި މަޝްވަރާ ކުރައްވާ ކަމަށެވެ.

މައުމޫނާއި ނަޝީދު މަޝްވަރާ ނުކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބުނެ، މައުމޫންގެ ގާތްބޭފުޅަކާ ހަވާލާދީ، "މޯލްޑިވްސް އިންޑިޕެންޑެންޓް" ގައި ލިޔުނު ޚަބަރު ނަޝީދު ދޮގުކުރެއްވުމުން މައުމޫން ވަނީ ނަޝީދަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެ ޓުވީޓެއް ވެސް ކުރައްވައިފަ އެވެ.

މިއީ ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ސިޔާސީ ޚިޔާލު ތަފާތުވުންތަކާ ހެދި، މައުމޫން އިދިކޮޅު ހަރަކާތާ ގުޅިވަޑައިގެން، ކުރިން ސިޔާސީ ގޮތުން އެންމެ ބޮޑަށް ޚިޔާލު ތަފާތުވުން އޮތް ދެބޭފުޅުން ވެސް ވަރަށް ގިނަ ކަންކަމުގައި މަޝްވަރާ ކުރައްވާކަން ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

ސިޔާސީ އެކި ކަންކަމުގައި މައުމޫނާއެކު ވަރަށް ގިނައިން މަޝްވަރާ ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއިރު، މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ހަރަކާތުން އެއް ކެނޑިޑޭަކު ނެރުމާ ބެހޭ މަޝްވަރާތައް ވަނީ ފަށައިފަ އެވެ. އެ މަޝްވަރާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވިއިރު، އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގާއިމުކުރުމާ ބެހޭގޮތުން އިދިކޮޅު ހަތަރު ޕާޓީން ވަނީ ކަންތައްތަކެއް ހުށަހަޅައިފަ އެވެ.

މިހާރު ހުށަހަޅާފައިވާ ކަންތައްތަކުގައި އިދިކޮޅު ޅީޑަރުންނަށް އެއްބަސްނުވެވޭ ވަރުގެ ކަމެއް ނެތް ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.