16 ޖެނުއަރީ 2018 - 15:41

ދުބާއީ (ޖެނުއަރީ 16) - އެމިރޭޓްސްގެ ޕަސިންޖަ ފްލައިޓަކަށް ގަތަރުގެ ޖެޓްތަކުން ހުރަސް އެޅި ކަމަށް ބުނާ މައްސަލަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަނަށް ހުށަހަޅަން ނިންމައިފި އެވެ.
"ޔޫއޭއީގެ ފްލައިޓްތަކަށް ގަތަރުން ހުރަސް އެޅި މައްސަލައިގެ ހެއްކާ އެކު ޝަކުވާ މިއަދު ހުށަހަޅާނަން. އަދި އެފަދަ ކަމެއް ދެން ތަކްރާރު ނުކުރުމަށް އެދޭނަން،" ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަންގެ ވެރިޔާ ސައިފް އަލް ސުވައިދީ ވިދާޅުވި އެވެ.
ޔޫއޭއީ އިން ބުނީ ގަތަރުގެ ޖެޓްތަކުން ހުރަސް އަޅާފައި ވަނީ ބަހުރޭނަށް ދަތުރުކުރި ޔޫއޭއީގެ ޕަސިންޖާ ދެ ބޯޓަށް ކަމަށެވެ. ނަމަވެސް ގަތަރުން އެކަން ދޮގު ކުރެ އެވެ.
އަނެއްކޮޅުން ގަތަރުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ޔޫއޭއީ އިން ހުއްދަ ނުހޯދާ ބޭނުންކުރި މައްސަލަ ޖައްސައިފަ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހަށް ފަހު ގަތަރާއި ޔޫއޭއީ އިން ވަނީ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ.