ފަސް ކޫރުން
ފަސް ކޫރުން

އާދިއްތަ ދުވަހާ ގުޅޭ

އަހަންނަށް އެ ކަން އެނގުނީ ކޮއްކޮގެ ފަރާތުންނެވެ. އަހަރެންގެ "މައްސަލައެއް" ހުރިކަމަށް މައިންބަފައިން ހީކުރީތީ ފުރަތަމަ ގަތީ ލަދެވެ. ދެން ވީ ދެރައެވެ. ދެން އައީ ރުޅިއެވެ. މައިންބަފައިންނަށް އަހަރެން ނޭނގުނުއިރު އެހެން މީހުނަށް އަހަރެން ދަސްވާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކީ އާންމު އިންސާނުންނާ ތަފާތު މީހެއް ނޫނެވެ. ހަމައެކަނި ނަސީބު ދެރައީއެވެ. އާނއެކެވެ. ސަމީރާއާއި އަހަރެން އެނދުގައި އޮށޯވެގެން ވާހަކަދައްކަން ތިއްބައި މީހުންނަށް ފެންނާނެއެވެ. އެކަމަކު ސަމީރާއަކީ އަހަރެންގެ ގާތް އެކުވެރިއެކެވެ. އެ ނޫން އެއްވެސް ގުޅުމެއް އޭނަޔަކާ ނޯންނާނެއެވެ. އެ ކަމާ ރޯކަށް ބޭނުމެއް ނޫނެވެ. ހިތްވަރުކޮށްލައިގެން ހުއްޓައި ލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ލޯ ފުހެފުހެ ކަރުނަ ހުހެއް ނުވިއެވެ.

"ތިހެން ވެދާނެތީ އެ ވާހަކަ ނުބުނަން އުޅުނީ ވެސް،" ހަމްދަރުދީގެ ރާގެއްގައި ކޮއްކޮ ބުންޏެވެ. "އެކަމަކު ކުރެއް ނުކުރި ވިއްޔަ! ދެން އެ ކަހަލަ ވާހަކައެއް އަޑުއިވުނަސް ނުވެސް ބުނާނަން."

"އެހެންވެގެން ދޯ އަހަންނާ ސަމީރާ ކޮޓަރީގަ ވާހަކަދައްކަން ތިބޭއިރު މަންމަ އިރުއިރުކޮޅާ ބަލަނީ،" އަހަންނަށް ބުނެވުނެވެ. "ދުވަހަކު ވެސް އަހަރެން ދޮރު ތަންޑެއްނާޅަން. މަންމަމެންގެ މައިންޑް ހާދަ ޑާރޓީއޭ ދޯ!"

"ތިއްތަގެ ލައިފް ސްޓޯރީ މަންމަމެންނަކަށް ނޭނގޭނެ،" ކޮއްކޮގެ ވިސްނުން ހިއްސާކުރިއެވެ. "އެނގުނަސް އެނގޭނީ ތިއްތަ މީހަކާ ރައްޓެހިވާކަން ދެން އެނގޭނީ ރުޅިވާކަން. އެ ދެމެދުގަ ހިނގާ އެއްވެސް ކަމެއް ނޭނގޭނެ. ތިއްތަ ދާ ކޮންމެ ތާކަށް ސަމީރާ ގެންދޭ. ތިއްތަ ގެއަށް އަތުވެއްޖެއްޔާ ފެންނާނީ ސަމީރާއަށް ގުޅައިގެން ވާހަކަދައްކާ ތަން އެހެން ނޫނީ އޭނަ އައިސް އުޅޭނީ ތި ރޫމްގަ. އަހަންނަށް އެނގޭ ތީ ބެސްޓްފްރެންޑްސްކަން. އެކަމަކު މަންމަމެންގެ ހުންނާނީ އެހެން ވިސްނުމެއް."

ކޮއްކޮ ބުނީ ތެދެކެވެ. ދުރުން ބަލާ މީހަކަށް މަންޒަރު ފުސްވުމުގެ ފުރުޞަތު އެބައޮތެވެ. އެ އަޑު އަހަން ކިތަންމެ އުނދަގުލަސް އަހަރެންގެ ކަންފަތާ ހަމައަށް އެ އަޑު ފޯރައިފިއެވެ. ދެން ފޯރާނީ ސަމީރާގެ ކަންފަތަށެވެ. އެ ކަމާ ބިރުން ސަމީރާ ގެއަށް ނައުމަށް އަހަރެން އެދުނީމެވެ. އޭނަގެ ސަލާމަތަށް ޓަކައެވެ. ލަދަކުން ސަލާމަތްކުރުމަށް ޓަކައެވެ. ސަމީރާ ވަރަށް ގިނަ ސުވާލު ކުރިއެވެ. އެއްވެސް ސުވާލަކަށް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގުނެވެ. ސުވާލު ނުކުރުމަށް ބުނުން ފިޔަވައެވެ.

އަހަރެންގެ އިހުސާސްތަކާއި، ހަޔާތުގައި ކަންތައް ދިމާވަމުން އައި ގޮތް އެންމެ ރަނގަޅަށް އެނގޭ މީހާޔާ ދުރުވީމެވެ. އެކަނިވެރިކަން އޭގެ އިންތިހާއަށް ދިޔައެވެ. އަހަރެންގެ ބޮލުގެރިހުން ނުފިލައެވެ. އަހަރެންގެ އަމިއްލަ ނަފުސު ވެސް އަހަންނަށް މަޖުބޫރު ކުރަމުންދިޔައީ މީހަކާ އިނުމަށެވެ. ލުޔެއް ލިބޭނެ ހަމަ އެކަނި ގޮތަކީ އެއީއެވެ. މައިންބަފައިންގެ ކުށްހީ ފިލުވައިލަން، ކިތަންމެހާ ވެސް ބޭނުމެވެ. އެކަމަކު ބައްޕަ ގާތުގައި އެ ވާހަކަދައްކާނެ ހިތްވަރެއް ނުލިބުނެވެ. ކިތަންމެ ކުޑަ ބަންދެއް ލިބުނަސް ގޭގެ ކޮންމެވެސް ބަޔަކާ އެކުގައި އަހަރެން ފޮނުވައިލައެވެ. ގޭގައި އިނަކަ ނުދެއެވެ. ސަމީރާޔާ ބައްދަލުވިޔަ ނުދިނުމަށް ޓަކައެވެ. އޭނަޔާ އެކުގައި ތަނަކަށް ދިޔަ ނުދިނުމަށް ޓަކައެވެ. އޭގެ އިތުރަށް، އަހަރެންގެ ލޮލުގައި ފިރިހެނަކު އަޅައިގަނޭތޯ މައިންބަފައިންނަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކުރިއެވެ.

އެއްރޭ އިރާކޮޅު އަހަރެން އެނދުގައި އޮށޯވެލައިގެން އޮއްވައި މީހަކު ދޮރުގައި ހިފިއެވެ. ދޮރު ތަންޑުއަޅައިފައި ހުރުމުން ޓަކިޖަހަން ފެށިއެވެ. އަހަރެން ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހުރީ މަންމައެވެ. މަންމަ އެތެރެއަށް ވަނެވެ. ވައްކަޅިން އެނދަށް ބަލައިލިއެވެ. ހިތުން އަހަންނަށް ނޭނގޭ ގޮތަށެވެ. ނޭނގެނީ މަންމަޔަށެވެ. ސަމީރާ ދެން ކޮޓަރިއަކުން ނުފެންނާނެއެވެ.

"ކީއްތިކުރަނީ؟" މަންމަ ސުވާލުކުރިއެވެ. "ދަރިފުޅު ގޭތެރޭގަ ފެންނަން ނެތީމަ މަންމަ ހިތަށްއެރީ.."

"ސަމީރާއެއް ނެތޭ މި ތާކު." އަހަރެން ވަރަށް ފޫހިވެފައި ބުނީމެވެ.

މަންމަގެ ނިޔަތް އަހަރެންނަށް އެނގުމުން، ކުޑަ އިރުކޮޅަކަށް މަންމަގެ ދުލުން ބަސް ހުސްވިއެވެ.

"ވަރަށް ފޫހިވޭ!" އަހަންނަށް ބުނެވުނެވެ. "އަހަރެން މީ މަންމަ ތި ހީކުރާ ކަހަލަ މީހެއް ނޫނޭ."

އެ ވާހަކަ ފަށާއިރަށް އަހަންނަށް ރޮވެއެވެ. ހަޔާތެއް ފަށަން އަހަރެން ކުރާ މަސައްކަތާއި، މަސައްކަތް ނާކާމިޔާބުވާލެއް އަވަސްކަން ހިތަށްއަރާތީއެވެ. މަންމަ އައިސް އަހަރެންގެ ބުރިކަށީގައި ފިރުމައިލިއެވެ.

"ބައްޕަ ބުނޭ ބައްޕަ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ދަރިފުޅު މީހަކާ އިނދެގެން ބައްޕައަށް ކާފަދަރިއެއް ލިބޭ ދުވަހޭ،" އޯގާތެރިކަމާ އެކުގައި މަންމަ ބުންޏެވެ. "މަންމަ ވެސް ބޭނުން އެ ދުވަސް ދެކެން. އެކަމަކު ދަރިފުޅު ތި އުޅޭ ގޮތުން.."

ރުޅިއައިސްގެން ގޮސް ހަޅޭއްލައިނުގަނެވުނީ ކިރިޔާއެވެ. އަހަރެން މީހަކާ އިންނަން ބޭނުން ނުވަނީ ހެއްޔެވެ؟ އެ ކަމަށް މަސައްކަތް ނުކުރަނީ ހެއްޔެވެ؟ މަންމައަކަށް ވާން އަހަރެން ލަދުގަންނަނީ ހެއްޔެވެ؟ ނޫނެކެވެ. ރަނގަޅު މީހަކާ ދިމާނުވަނީއެވެ. އެ ކަމުގައި އަހަރެންގެ ކުށެއް ކޮބައި ހެއްޔެވެ؟ ރުޅީގެ މައްޗަށް ގަދަވެފައި، ފުން ނޭވައެއް އަހަރެން ބޭރުކޮށްލީމެވެ.

"މަންމާ!" ކެތްތެރިކަމާ އެކުގައި އަހަރެން ބުނީމެވެ. "ރަނގަޅަށް އަޑުއަހާ! ބައްޕަ ގާތުގަ ވެސް ބުނެދީ! ސަމީރާއަކީ އަހަރެންގެ ފްރެންޑެއް. އެ ނޫން އެއްވެސް ގުޅުމެއް ނޯންނާނެ. ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތަކެއް ނުހެދިޔަކަސް އަހަރެން ބުނީމަ ގަބޫލުކޮށްބަލަ!"

"މަންމައަށް ތި ކަން އެނގެޔޭ ދަރިފުޅާ!" ޔަގީންކަމާ އެކުގައި މަންމަ ބުންޏެވެ. "އެކަމަކު މީހުން ހާދަހާ ފާޑުފާޑުގެ އެއްޗެހި ކިޔައޭ. ގޭގެ ހުރިހާ ކުދިން މީހުނާ އިންއިރު ވެސް ދަރިފުޅު މީހަކާ ނީނދޭ. އަބަދާއަބަދު ސަމީރާ ގޮވައިގެން ތަންތަނަށް ގޮސް، ކޮޓަރީގަ ވާހަކަދައްކަން ތި އިންނަނީ. އެންމެންގެ އަނގަމަތީގަ ކިހިނެއް އަތްއަޅާނީ؟ ދެން އެހެން ނޫނަސް ލޮލަށް ފެންނަ ކަންކަމުގެ ވާހަކަ މީހުން އެ ދައްކަނީ."

ރުޅި ކޮންޓުރޯލު ކުރެވޭނީ ވަކި މިންވަރަކަށެވެ. އެ މިންވަރު ފަހަނައަޅައިދާން ވަރަށް ކައިރިވިއެވެ.

އެކަމަކު މަންމާ! ސަމީރާ އުޅެނީ މީހަކާ އިނދެގެނެއްނު! އޭނަގެ ދަރިން ވެސް އެބަ ތިބެއެއްނު!" އެ ނުކުތާގައި އަލި ކުލައެއް ޖެއްސޭތޯ އަހަރެން މަސައްކަތް ކުރީމެވެ.

"ދަރިފުޅު ކޮން ދުނިޔެއެއްގަ ތި އުޅެނީ؟" މަންމަ ވިސްނައިދިނެވެ. "މީހުން ވާހަކަދައްކަނީ ތި ހުރިހާ ދިމާއަކަށް ވިސްނާފައެއް ނޫނޭ ދަރިފުޅާ. މާލެއަކީ މީހުން ފުނިޖެހިފަ އޮތް ކުޑަކުޑަ ތަނެއް. މީހަކު އަދި އެއްޗެކޭ ކިޔަސްނުކިޔަސް އެބަޖެހޭ އުސޫލުތަކެއްގަ ހިފާއްޓަން. މިއަދު ސިއްރުސިއްރުން ދައްކާ ވާހަކަ މާދަމާ ރަށު އެންމެން ދައްކަން ފެށީމަ ދެނެއް ނުހުއްޓުވޭނެ. މައިންބަފައިންތާ ކަންބޮޑުވާނީ."

އެ ވާހަކަ އެ ހިސާބުން ހުއްޓައިލީއެވެ. ކޮޅެއްގަ ނުޖެހޭނެކަން އެނގޭތީއެވެ. އެއްވެސް އެއްޗެއް ނުބުނެ، އިސްޖަހައިލައިގެން އަހަރެން އިންނަން ފެށުމުން ބޮލުގައި ފިރުމައިލައިފައި މަންމަ ނުކުތީއެވެ. އަހަރެން ހިތަށްއެރިއެވެ. ލޯބި ހޯދަން އެއްބަޔަކަށް އެހާ ފަސޭހަވެފައި އަނެއްބަޔަކަށް އިންތިހާއަށް އުނދަގޫވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ހުރީ ގޮތް ހުސްވާން ވަރަށް ކައިރިވެފައެވެ. ދިރިހުންނަން ފޫހިވެފައެވެ.

އޮފީހުގެ ގޮނޑީގައި ލެނގިލައިގެން އަހަރެން އިނީމެވެ. އެއްވެސް މަސައްކަތެއް ކުރާހިތް ނުވެފައެވެ.

"ކޮފީއެއް ބޯލީމަ ތި ހުރިހާ ހެޑޭކެއް ހިނގައިދާނެ." އާރިފުގެ އަޑު އިވުނެވެ.

އަހަރެން ބަލައިލިއިރު ވަރަށް ހިނިއައިސްފައި އާރިފު ހުއްޓެވެ. އޭނައަކީ، އަހަރެން އޮފީހަށް ވަނީއްސުރެ އަހަންނާ އަޅައިގަނެގެން އުޅޭ ކުއްޖެކެވެ. ރައްޓެހިވާން އެތައް ފަހަރަކު އަހައިފިއެވެ. އޭނަ އަހާ ކޮންމެ ފަހަރަކު އަހަރެން އިންކާރު ކުރިޔަސް، ކޮންމެ ދުވަހަކު ވެސް ސައިބޯން ދާނަންތޯ އަހައެވެ. ވާރޭ ވެހޭ ދުވަސްދުވަހު ކުޑަ ގަނެގެން އަހަންނަށް ގެނެސްދެއެވެ. އަހަރެން އޮފީހަށް ނާންނަ ދުވަހަކު އެކަކު ނުގުޅިޔަސް އާރިފު ގުޅައިފައި އަހަރެންގެ ހާލު ބަލައެވެ. އަހަރެން އެއްޗެއް ގަންނަން ބުނެފިއްޔާ މުޅި މާލޭގައި އަތްފުނާއަޅައިގެން ނަމަވެސް އެ އެއްޗެއް އާރިފު ހޯދައެވެ. އެހެންނަމަވެސް، އަހަންނަށް ކަމުދާ ހަމަ އެންމެ ސިފައެއް ވެސް އޭނަގެ ނެތެވެ. ފިރިހެނަކަށް ވުން ފިޔަވައެވެ. ހިތަށްއެރިއެވެ. އެ ވަރު ވެސް ފުއްދައިލާންވީ ވަގުތު ޖެހިއްޖެއެވެ.

"ހިނގާހިނގާ!" ފުރަތަމަ ފަހަރަށް އަހަރެން ފެހި ސިގުނަލެއް ދިނީމެވެ.

އަހަރެން ތެދުވެގެން ހިނގައިގަތުމުން ވެސް އާރިފު ހުރީ ގުޑައިލަން ނޭނގިފައެވެ. އަހަންނަކީ އާރިފުގެ ދަޢުވަތު ގަބޫލުނުކުރަން ވަރަށް ގިނަ ބަހަނާދައްކާ މީހެކެވެ. އެ ފަދަ އެއްވެސް ކަމެއް ނުކޮށް ދާން އެއްބަސްވުމުން އާރިފު ހީކުރީ އަހަރެން ސަމާސާކުރަނީ ކަމަށެވެ.

"ސީރިޔަސްކޮށް؟" އާރިފު އެހިއެވެ.

"ދެން ހިނގާބަލަ! ތިހެން އުޅެނިކޮށް މަގޭ މައިންޑް ޗޭންޖުވެދާނެ އިނގޭ!" އަހަރެން ބިރުދައްކައިލީމެވެ.

އާރިފު ދުވެފައި އައެވެ. ދޮރުހުޅުވައިދެނީ އޭނައެވެ. އިށީންނަން ގޮނޑިދަމައިދެނީ އޭނައެވެ. އޭނަ ހުންނަނީ އަހަންނާ ހެދި މޮޔަވެފައެވެ. އެ ވަރުން ވެސް އަހަރެންގެ ހިތް އާރިފު ގަބޫލެއް ނުކުރިއެވެ. ސިކުނޑި އާނ ބަސް ދިނެވެ. ދިރިހުރުމަށް ޓަކައި ނަމަވެސް އަހަރެން މީހަކާ އިންނަން އެބަ ޖެހެއެވެ. އެހެން ނޫނީ ނަފުސާނީ ގޮތުން އެހީއަށް ބޭނުންވާ ހިސާބަށް އަހަރެންގެ ހާލަތު ހިނގައިދާނެއެވެ. އާރިފާއި އަހަރެން އުމުރުގެ ގޮތުން ދާދި އެއްވަރެވެ. އޭނަ ކައިވެންޏެއް ކުރިއެވެ. ކުއްޖަކު ނުލިބެނީސް ކައިވެނި ރޫޅުނީއެވެ.

"ކީއްވެ އަހަންނާ ހެދި ތި ވަރުން ތި އުޅެނީ؟" އަހަރެން އެހީމެވެ.

"މޮޔަކަމުން،" އާރިފު ހިނިތުންވެލައިފައި ބުންޏެވެ. "އަހަންނަށްތާ އެނގޭނީ އަހަރެންގެ ހިތަށް ވިސްނައިދޭން ކުރާ މަސައްކަތް. ކިތަންމެ ފަހަރަކު ބުނެފިން ހަނާއަކީ އަހަރެންގެ ފެންވަރެއް ނޫނޭ. ހަނދާންނައްތާލާށޭ! ކީއްކުރާނީ؟ ނުވި އެ ކަމެއް. މީހަކާ ވެސް އިނިން. އެކަމަކު ހަމަ ހަނާމަތިން ހަނދާންވާ ވަރުން ނޫޅެވުނީ. އަހަންނަށް އެނގޭ ހަނާއަށް ކަމުދާ އެއްވެސް ސިފައެއް މަގޭ ނެތްކަން. އެހެންވިޔަސް، އަހަންނަށް ލޯބިވެވިދާނެތާ! އެއީ ކުށެއް ނޫނެއްނު! ލޯބި ނުލިބޭ ބައިވަރު މީހުން އުޅޭނެ."

އަހަރެންގެ ހިތުގައި އާރިފަށް ވިކައިލެވުނީ އެންމެ ފަހުން ބުނި ޖުމުލައިންނެވެ. ހިތަށްއެރިއެވެ. އާރިފަކީ އަހަރެން ކަހަލަ މީހެކެވެ. އޭނަ އެ ދައްކަނީ އަހަރެންގެ ވާހަކައެވެ. ހަތަރު އަހަރު ވަންދެން އަހަންނަށް އިންތިޒާރުކުރި މީހަކަށް އަހަރެންގެ ލޯބީގެ އަގު ވަޒަން ކުރެވޭނެއެވެ.

ނުނިމޭ