13 ޖުލައި 2016 - 06:13

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)
"މަ ދިން ވިހި ހާސް ރުފިޔާ މި ރޭ މަށަށް ލިބެންޖެހޭނެ." ހާމިދުގެ ރާގު ވަރަށް ހަރުކަށްޓެވެ.
އެ ކޯލު އެކަންޏެއް ނޫނެވެ. އެ ފަދަ އެތައް ކޯލެއް އަންނާނެކަން އަހަންނަށް އެނގެއެވެ. މީހުން އަތުން އަހަރެންނަށް ދީފައިވަނީ ބޮޑެތި އަދަދުތަކެކެވެ. ހާމިދަކީ އެންމެ މަދުން ފައިސާ ދިން މީހާއެވެ. "މި ވީކްގަ ޑޮލަރު ލިބޭނެ،" އަހަރެން ދޮގެއްހަދައިލީމެވެ. "މިހާރު ވެސް ލިބިފަ ހުރީ. އެކަމަކު މާ ކުދިކޮށް ލިބިފަ ހުރީމަ ބޮޑުކޮށްލަން ޓައިމް މި ނަގަނީ. އިތުރު ޑިސްކައުންޓު ވެސް ލިބޭނެ."
"މަ ބުނި އެއްޗެއް ސާފު ނުވީ ކަންނޭނގެ،" ހާމިދު ހުރީ ވަރަށް ރުޅިއައިސްފައެވެ. "މަ މި ބުނަނީ، މަ ދިން ވިހި ހާސް ދިވެހި ރުފިޔާ މި ރޭ މަށަށް ލިބެންޖެހޭނޭ. މިހާރު ޑޮލަރުގެ ވާހަކައެއް ނުދައްކަމެއްނު. މަށަށް އެނގިއްޖޭ ކަލޭމެން ބުއި ބޮނޑި. ހަނދާންކުރާތި! މި ރޭ ނުވައެއްޖަހާއިރު ގުޅާނަން. ފޯނު އެންގޭޖުވެފަ ނޫނީ ނިއްވައިލާފަ އޮތިއްޔާ މަ ތި ގެއަށް ދާނީ ހިސާބުގަނޑުގަ އުޅޭ އެންމެ ގުންޑާ ގުރޫޕު ގޮވައިގެން. ގޮއްސަ އެ މީހުން ކުރާ ކަމަކާ މަށެއް ޒިންމާއެއް ނުވާނަން."
އަހަރެން އެއްޗެއް ބުނާނެ ފުރުޞަތު ނުދީ ހާމިދު ފޯނު ކަނޑައިލިއެވެ. އަހަރެންގެ އެކައުންޓުގައި އޮތީ ހައެއްކަ ސަތޭކަ ރުފިޔާއެވެ. ދަރަންޏަށް އަހަންނަށް ވިހި ހާސް ރުފިޔާ ދޭނެ މީހަކު ނެތެވެ. ބާކީ އޮތީ ދެތިން ގަޑިއިރެވެ. ދެ މީހެއް ގާތަށް ގޮސް ސަލާންޖެހީމެވެ. އެކަކު އަތުގައި ވެސް ފައިސާ ހުރިކަމަކަށް ނުހެދިއެވެ. މާ ގިނަ ގޮތްތަކެއް އަހަންނަކަށް ނެތެވެ. ދުށް ރީތި ހުވަފެނުން ހޭލެވުނީ މާ އަވަހަށެވެ. ވިއްކައިލައިގެން ރަނގަޅު އަގެއް ލިބޭ ވަރުގެ އެއްޗެއް ވެސް އަހަރެން އަތަކު ނެތެވެ. ކުރިން އުޅުނު ގޮތަށް، އެއް ކޮޓަރީގެ އެޕާޓުމަންޓަކަށް ބަދަލުވެގެން ނޫނީ ފައިސާ ރައްކާކުރެވޭނެ ގޮތެއް ނެތެވެ. އެ ރީތި އެޕާޓުމަންޓު ދޫކޮށްލަން ޝަބާނާ އެއްބަހެއް ނުވާނެއެވެ. އޭނަގެ ރުހުމާ ދެކޮޅަށް ގޮއްސިއްޔާ އަހަންނަށް ނުކުޅަދާނަވާ ވަރު އޭނަ ކުރާނެއެވެ. ހުރިހާ ކަމަކަށް ވުރެ ބޮޑު މައްސަލައަކީ ހާމިދަށް ވިހި ހާސް ރުފިޔާ ހޯދައިދިނުމެވެ. އެ ކަމެއް ނުވިއެވެ.
"އެބަ ޖެހޭ ހަތަރު މަހަށް ބަހާލަދޭން،" އަހަރެން އެދުނީމެވެ. "އަސްލު ވެގެން މި އުޅޭ ގޮތަކީ.."
"ދެ ހަފުތާ،" އަހަރެން ދައްކާ ވާހަކަ އަޑުއެހުން ހާމިދަކަށް މުހިންމެއް ނޫނެވެ. "މިއަދަކީ ފުރަތަމަ ދުވަސް. ގުޅާނަން ތޭރަ ދުވަސް ފަހުން."
އަހަންނަށް ފައިސާ ދިން އެހެން މީހުން ގުޅަން ފެށިއެވެ. ބައެއް މީހުންގެ ފޯނެއް ނުނަގަމެވެ. ނެގި ކޮންމެ ކޯލެއް ފޫބައްދައިލީ ދޮގެއް ހަދައިލައިގެންވެ. ޝަބާނާއަށް ވެސް ހެދީ ދޮގެވެ. އެޕާޓުމަންޓުގެ ކުލި މާ ބޮޑުކުރި ކަމަށް ހަދައިފައި އެއް ކޮޓަރީގެ ތަނަކަށް ބަދަލުވީމެވެ. އެ ކޮޓަރި އަލެއް ނޫނެވެ. ކޮންމެހެން ކުރަންޖެހޭ ބައެއް މާރާމާތު ވެސް ހުއްޓެވެ. އެހެންނަމަވެސް އެއްވެސް ކަމެއް ނުކުރެވުނެވެ. ކެތްކޮށްލައިގެން ހުރީއެވެ. ތޭރަ ދުވަސް ވުމުގެ ކުރީގައި ހާމިދަށް ގުޅީމެވެ. އާދޭސްކުރީމެވެ. ހާމިދު އެއްބަސްވީ ޝަރުތެއްގެ މަތީންނެވެ. އެއީ، މުސާރަ ލިބޭ ދުވަހު ހާމިދު ގޮވައިގެން އޭޓީއެމަށް ގޮސް މުސާރު އެއްކޮށް ދިނުމެވެ. އެއްބަސްވީމެވެ.
އަހަރެން އުޅެންޖެހުނީ އެތައް ބަޔަކަށް ފިލައިގެންނެވެ. ކޮންމެވެސް ނުބައެއް އުޅޭކަން އެންމެނަށް ވެސް އެނގުނެވެ. އެހެން އުޅެނިކޮށް މަހުގެ ތިރީސްވަނަ ދުވަސް އައެވެ. އަހަރެން ހުރީ، ނުގަނެ ފަރުނުޖެހޭނެ ބައެއް އެއްޗިހި ގަންނަން ނިންމައިގެންނެވެ. ހުރިހާ ފައިސާ ހާމިދަށް ދީފިއްޔާ އަހަރެންނަށް ދިރިއުޅޭވޭނެ ގޮތެއް ނެތެވެ. އެކަމަކު، އޮފީހުން ނުކުތްއިރު ހާމިދު ހުރީ ދޮރުމަތީގައެވެ. ވަގުތުން އޭނަގެ ސައިކަލުގެ ފަހަތަށް އަހަރެން އެރުވިއެވެ. އަހަރެން ގެންދިޔައީ އޭޓީއެމަށެވެ. މުސާރަ އެއްކޮށް އަތުލިއެވެ. މުންސިރަށް ގުޅީމެވެ. އެ އެންމެން އުޅެނީ ވަރަށް ފުދިގެންނެވެ. އެކަކުގެ މޫނުމަތިން ވެސް ހާސްކަމެއް ނުވަތަ މާޔޫސްކަމެއް ނުފެނެއެވެ. ވާނީ ވެސް އެހެންނެވެ. އެ މީހުންނަކީ ވިޔަފާރީގެ ފޮނިކޮޅު ބޯލާ މީހުންނެވެ. މަޅީގައި ޖެހެނީ އަހަރެން ކަހަލަ މީހުންނެވެ. މީހުން އަތުން ފައިސާ ނެގި މީހުންނެވެ.
"އަސްލު ހުރިހާ ލަނޑެއް މި ލިބުނީ މަށަށް،" އަހަރެން ޝަކުވާ ކުރީމެވެ. "އެންމެން އެ ދުވަނީ މަގޭ ފަހަތުން. އެކަމަކު މަށެއް ނޫންތާ އެ ލާރީގަ ޖެހުނީ. މަހަކު ކޮންމެވެސް ވަރެއް ނަމަވެސް ދޭންވީނު."
"މަށެއް ވެސް ނޫނެއްނު ޖެހުނީ،" މުންސިރު ބޯދަމައިގަތެވެ. "ފައިދާވީ ފަހަރު ދިނީމެއްނު. ގެއްލުންވާ ފަހަރަކު ނުލިބޭނެ."
"އެކަމަކު ބުނީމެއްނު މިހެނެއް ނުވާނޭ." އަހަރެން ހަނދާންކޮށްދިނީމެވެ.
ކޮންމެ ވާހަކައެއް ދެއްކިޔަސް ވާނެ ފައިދާއެއް ނެތްކަން އަހަންނަށް އެނގެއެވެ. އެހެންނަމަވެސް، ދާނެ އެހެން ދިމާއެއް ނެތެވެ.
"މީ ބިޒްނަސް،" މުންސިރު ބުންޏެވެ. "ރަނގަޅަށް ގޭމް ކުޅެން ނޭނގުނީމަ ލޮސް ވެސް ވާނެ. ދެން ވެސް އެބައޮތް ގޮތެއް. މީހެއްގެ އަތުން ލާރިކޮޅެއް ހޯދައިގެން ހިނގާ ބުރެއްއަޅާލަން."
އަހަރެން ފޯނު ކަނޑާލީމެވެ. ވެއްޓިފައިވާ ވަޅުގަނޑަށް ވުރެ ފުން ވަޅުގަނޑަކަށް ވެއްޓޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ހުރީ އޮފީސް ކައިރީގައެވެ. ކުއްލިއަކަށް ދެ ސައިކަލު އައިސް ހުއްޓައިލިއެވެ. އެއް ސައިކަލުގައި އިނީ ނަވާޒެވެ. އޭނަ އަތުން އަހަރެން އެއް ލައްކަ ރުފިޔާ ނެގީމެވެ.
"އަރާ!" އޭނަ އަމުރުކުރިއެވެ.
ދެވަނަ ސައިކަލުގައި ތިބީ އަހަރެން ނުދަންނަ ބައެކެވެ. އެ މީހުންގެ ސިފައަށް ބަލައިލުމުން އެ މީހުންގެ މަޤްޞަދު ސާފުކޮށް އެނގެއެވެ. އަހަރެންގެ ޑިއުޓީގަޑިއެވެ. އެހެންވިޔަސް، ސައިކަލަށް އެރީމެވެ. ދިޔަ މަގުމަތީގައި އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ކައިރިން ދުއްވައިފައި ދިޔަ ސައިކަލުގައި ތިބި މީހުން އަހަންނާ ދިމާއަށް ބަލައިލައެވެ. އެއްވެސް ރަޙުމެއް ނެތް ބެލުމަކުންނެވެ. ނަވާޒުގެ ސައިކަލުގައި އަހަރެން ގެންދިޔައީ ކާނިވާ ސަރަޙައްދަށެވެ. އެ މީހުން ވަނީ، މީހުން އެންމެ މަދުން ތިބި ތަނަށެވެ. އެންމެން މޭޒު ކައިރީގައި އިށީނުމާއެކު އެކަކު ނެގީ ވަޅިއެކެވެ. ނަގައި މޭޒަށް ހަރައިލިއެވެ.
"އެއް ލައްކަ ރުފިޔާ މިއަދު ނުދީފިއްޔާ ކަލޭގެ ދުވަސް ދުއްވައިލާނަން." ފުރަތަމަ ވެސް ދިނީ އިންޒާރެވެ.
އަހަންނަށް ބަލައިލެވުނީ ނަވާޒަށެވެ. އޭނަ ބުނާ ކަހަލައެވެ. ތިމަންނަ ބުނާނެ އެއްޗެއް ނެތެވެ. އޭނަގެ މޫނެކޭ ހިލަގަނޑެކޭ އެއްފަދައެވެ. އަހަންނަށް އެނގެއެވެ. އެއް ލައްކަ ރުފިޔާއަކީ ބޮޑު އަދަދެކެވެ. އެހެންނަމަވެސް، އެ އިން އެންމެ ލާރިއެއް ވެސް އަހަންނަކަށް ނުލިބެއެވެ.
"މަ ބޭނުން.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.
"ކަލޭމެން ދެ މީހުން ލައްކަ ވާހަކަދައްކައިފީމެއްނު،" އަހަންނާ އެންމެ ގާތުގައި އިން މީހާ ބުންޏެވެ. "ކަލޭ ދޮގުހަދާ، އޮޅުވާލާ، އެންމެ ފަހުން ގޮސް ފޯނު ނުވެސް ނަގަނީ. ދެން ނަވާޒާ ދައްކާނެ ވާހަކައެއް ނޯންނާނެ. ބޭނުންވަނީ އެއް ލައްކަ ރުފިޔާ."
ދުވަހަކު ވެސް މީހެއް ގާތުގައި އާދޭސް ނުކުރާ ވަރަށް ނަވާޒަށް އާދޭސްކުރީމެވެ. އެ ނޫން އެހެން ގޮތެއް ނެތެވެ. ނަވާޒު އެއްބަސްވިއެވެ. އޭގެ ފަހުން، މުސާރަ ނަގަން އަހަރެން ދާންޖެހެނީ ނަވާޒުގެ ސައިކަލުގައެވެ. އެ އިން ބަޔެއް ހާމިދަށް ވެސް ދޭންޖެހެއެވެ. އޮފީސް ނިންމައިފައި އަހަރެން އެހެން މަސައްކަތެއް ކުރަން ފެށީމެވެ. ޢާއިލާގެ ޚަރަދުތައް ކިރިޔާ ވެސް ދެކޮޅުޖެހެނީ އެ އިން ލިބޭ އެއްޗަކުންނެވެ. އަހަރެންގެ ރައްޓެހިންނަށް ޙަޤީޤަތް އެނގެއެވެ. އެ މީހުން ބުނަނީ މުންސިރަށް ބިރުދައްކާލުމަށެވެ. އެ ކަން ކުރަން އަހަރެން ޖެހިލުންވިއެވެ. ރައްޓެހިން ބުނާ ގޮތުގައި، އަހަރެން ތަންކޮޅެއް ފިނޑީއެވެ. މުންސިރު އޭގެ ފައިދާ ބަރާބަރަށް ނަގައެވެ. އަހަރެން ދޫ ދޭ ވަރަކަށް މުންސިރު ވާންކުރާނެއެވެ. އެއީ ތެދެކެވެ. މުންސިރާ ހަނގުރާމަކުރަން އަހަރެން ދިޔައީ ބިރުނުގަންނަ ކަމަށް ހެދިގެންނެވެ.
"މަށާ އެއްވަރަށް އެ ޒިންމާ ބޮލުގަ އަޅަންޖެހޭނެ ކަލޭ،" އަހަރެން ހިތްވަރުކޮށްފައި މުންސިރާ ކުރިމަތިލީމެވެ. "އެންމެން ވެގެން ކުރި ކަމެއް މީ. ގެއްލުން ވެސް އެންމެންނަށް ހަމަހަމައަށް ބެހެންޖެހޭނެ. އެހެންނޫނީ، ދެން އަހަރުމެން މީޓުކުރާނީ ޕޮލިސް ސްޓޭޝަނުން. މަގޭ އަތުގަ އެބަހުރި ހެކި."
މުންސިރު ފާޑަކަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ފޯނު ނެގިއެވެ.
"މި ކަހަލަ ހެކި؟" އަހަންނަށް ފޯނު ދައްކާލަމުން މުންސިރު ބުނެލިއެވެ.
މުންސިރުގެ ފޯނުގައި އަހަރެންގެ ވަރަށް ބައިވަރު ފޮޓޯ ހުއްޓެވެ. ރާބޯން ހުއްޓައެވެ. ރަޝިޔާ އަންހެންކުދިންގެ އުނގުގައި އޮށޯވެގެން އޮއްވައެވެ. ޖުއާކުޅެން އިންދައެވެ. ވީޑިޔޯ ވެސް މުންސިރު އަތުގައި ހުއްޓެވެ. ޚުދު އަހަރެން ވެސް ބަލަން ބޭނުން ނުވާހާ ހުތުރު މަންޒަރުތަކެވެ.
"މި ބިޒްނަސްގަ ލައްކަ ދުވަހު އުޅެވިއްޖެ،" މުންސިރުގެ ރާގުގައި މަލާމާތް އެކުލެވިފައި ވިއެވެ. "މީ ވަންވޭ ރޯޑެއް. މައިތިރިވެގެން ހުރޭ! އޭރުން މަށަށް ވެސް ހަމަޖެހިގެން އުޅެވޭނެ. ކަލެއަށް ވެސް އުޅެވޭނެ."
"ތިއެއް ބަލައިލާނަމޭ!" ކެރޭކަމަށް ހެދިފައި އަހަރެން އެހެން ބުނީމެވެ.
ގޮތް ދޫނުކުރަން ކޮންމެ އެއްޗެއް ބުނި ނަމަވެސް، އެއްވެސް ކަމެއް ކުރާކަށް އަހަރެން ނުވިސްނަމެވެ. ހަމައެކަނި ކެރޭކަން އަންގާލީއެވެ. ނަތީޖާ ވަރަށް ހިތިވިއެވެ. ގެއަށް އައިއިރު ޝަބާނާ އިނީ ލެޕްޓޮޕް ކައިރީގައެވެ. މުންސިރު ގެންގުޅުނު ހުރިހާ ފޮޓޯތަކަކާއި މަންޒަރުތަކެއް، ލެޕްޓޮޕްގެ އިސްކިރީނުން ފެންނަމުންދިޔައެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝަބާނާގެ ލޮލުން، ކަރުނައަކަށް ފަހު ކަރުނައެއް އޮހޮރެމުންދިޔައެވެ. ކުށްވެރިއެއް ފަދައިން އޭނަގެ ކުރިމަތީގައި އަހަރެން ހުއްޓި ހުރީމެވެ. ޝަބާނާ ކޮޓަރިއަށް ވަދެ ދަރިފުޅު ގޮވައިގެން ނުކުތްއިރު ވެސް، އަހަރެންގެ ދުލުން އެންމެ ލަފުޒެއް ވެސް ބޭރު ނުވިއެވެ. ފުރަގަސްދިން ފަހުން ވެސް އޭނަ ގިސްލި އަޑު އަހަރެން އެހީމެވެ. ހުރިހާ ކުށެއް ކުރީ އަހަންނެވެ. އަނިޔާ ލިބުނީ ޝަބާނާގެ ހިތަށެވެ. އޭނަޔަށް އެ ފަދަ އަދަބެއް ޙައްޤެއް ނޫނެވެ. ކުޅިގަނޑު އަދިވެސް ނުނިމެއެވެ. މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
ނިމުނީ