ޓެކްސީން މީހަކު ދަތުރު ކުރަނިކޮށް އިތުރު މީހަކު އެރުވުން މަނާކޮށްފި
ޓެކްސީން މީހަކު ދަތުރު ކުރަނިކޮށް އިތުރު މީހަކު އެރުވުން މަނާކޮށްފި

ޓެކްސީ ދަތުރެއްގައި ފަސިންޖަރަކު ކާރުގައި އިންދާ އެހެން ދަތުރެއް ނަގައިގެން އެ ކާރަކަށް އެހެން ފަސިންޖަރަކު އެރުވުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

ޓެކްސީ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ޓެކްސީ ދަތުރެއްގެ ތެރެއިން މީހަކު ކާރުގައި އިންދާ އެހެން ދަތުރެއް ނަގައި، އިތުރު މީހަކު ކާރަށް އެރުވޭނީ ދަތުރު ކުރަމުންދާ މީހާގެ ހުއްދަ ލިބިގެންނެވެ. އެކަމަކު އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައި އެކަން މުޅިން ވަނީ މަނާކޮށްފަ އެވެ.

އެ އިސްލާހު ބުނާގޮތުން މީހަކު ޓެކްސީން ދަތުރު ކުރަނިކޮށް އިތުރު ދަތުރެއް ނަގައި، ޓެކްސީއަށް އިތުރު މީހަކު އަރުވައިގެން ދަތުރު ކުރުމަކީ މަނާ ކަމެކެވެ.

ފަސިންޖަރުން ޓެކްސީގައި ތިއްބާ ހުއްދަ ނެތި، އިތުރު ދަތުރުތައް ނަގައިގެން އިތުރު މީހުން ޓެކްސީތަކަށް އަރުވާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. އެކަމަކު މިއަދު ގެނައި އިސްލާހާ އެކު އެކަން މުޅިން ވަނީ މަނާވެފަ އެވެ.