17 ޖެނުއަރީ 2018 - 06:12

އޮންލައިން ވެބްސައިޓަކުން ހޮވި ދުނިޔޭގެ އެންމެ ރީތި 10 ފިރިހެނުންގެ ލިސްޓުގެ އެއްވަނަ ބޮލީވުޑް ބަތަލު ރިތިކް ރޯޝަން ހޯދައިފި އެވެ. ރިތިކް މި މަގާމް ހޯދީ ރޮބާޓް ޕެޓިންސަން، ކްރިސް އިވާންސް، ހެންރީ ކެވިލް އަދި ޓޮމް ހިޑްލްސްޓަން ފަހަތަށް ޖައްސާލުމަށް ފަހުގަ އެވެ.
ލިސްޓުގެ ފަސް ވަނައިގައި އޮތީ ބޮލީވުޑް އެކްޓަރު ސަލްމާން ޚާނެވެ. މީގެ ކުރިން ވެސް ރިތިކަށް މިފަދަ ވަރަށް ގިނަ ލަގަބުތައް ލިބިފައިވެ އެވެ. އޭގެ ތެރޭގައި "ސެކްސިއަސްޓް އޭޝިއަން މޭން" އަދި "ހޮޓަސްޓް މޭން އޮން ދަ ޕްލެނެޓް" ފަދަ ޓައިޓްލްތައް ހިމެނެ އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރިތިކް އަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި މިހާރު މަސައްކަތްކުރާ ބަތަލުގެ ތެރެއިން އެންމެ ރީތި ބަތަލެވެ.
ރިތިކް މިހާރު ތައްޔާރުވަމުން ދަނީ "ސުޕަ 30" ކިޔާ ފިލްމެއް ކުޅޭށެވެ. ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމަކީ ހިސާބު އިލްމުގެ މާހިރެއް ކަމަށްވާ އާނަންދް ކުމާރުގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެކެވެ. މީގެ އިތުރުން ރިތިކް ދަނީ ޓައިގާ ޝްރޮފް އާއި ވާނީ ކަޕޫރާއެކު ވެސް ފިލްމެއް ކުޅެމުންނެވެ. އަދި މިދިޔަ ހަފުތާގައި ފާހަގަކުރި ރިތިކްގެ އުފަން ދުވަހާ ގުޅުވައިގެން އޭނާގެ ބައްޕަ ރާކޭޝް ރޯޝަން ވެސް ވަނީ "ކްރިޝް 4" ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.