16 ޖެނުއަރީ 2018 - 12:56

ރާމުﷲ (ޖެނުއަރީ 16) - ގައުމެއްގެ ގޮތުގައި އިޒްރޭލް ބަލައިނުގަތުމަށް ފަލަސްތީނުގެ ލީޑަރުން ވޯޓު ދީފި އެވެ.
އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަތުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމި ނިންމުމަށް ރައްދު ދޭން ފަލަސްތީނުގެ ލީޑަޝިޕުން ރާމުﷲ ގައި ބޭއްވި ބައްދަލުވުމުގައި ޕަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އިން ވަނީ ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ދެން އިޒްރޭލަކީ ދައުލަތެއްގެ ގޮތުގައި ބަލައި ނުގަތުމަށް ނިންމައިފަ އެވެ. ނަމަވެސް ޕީއެލްއޯގެ ސެންޓްރަލް ކައުންސިލްގެ ނިންމުމުގައި ގާނޫނީ ބުރަދަން ހުރީ ކިހާވަރެއް ކަމެއް އަދި ނޭނގެ އެވެ. ކައުންސިލުން ކުރިން ނިންމި ނިންމުންތައް ވެސް ތަންފީޒްކޮށްފައެއް ނުވެ އެވެ.
ކައުންސިލްގެ ވޯޓުގައި އިޒްރޭލް ބަލައިނުގަތުމަށް 74 ވޯޓު ދިނެވެ. ދެ ވޯޓު ދެކޮޅަށް ދިން އިރު ވަކިކޮޅަކަށް 12 ވޯޓު ދިނެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެފައި ވަނީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް ޓްރަމްޕް ނިންމުމަކީ ގަރުނުގެ އެތި ފަހަރު ކަމަށެވެ. އަދި ސުލްހައިގެ މެދުވެރިއެއްގެ ރޯލު އަދާކުރުމުގެ ހައްގު އެމެރިކާ އަށް ގެއްލިއްޖެ ކަމަށް އައްބާސް ވަނީ ވިދާޅުވެފަ އެވެ.