"ބިގް ބޮސް" ކާމިޔާބުކުރި ޝިލްޕާ ޓީވީ އަށް އަލްވަދާއު
"ބިގް ބޮސް" ކާމިޔާބުކުރި ޝިލްޕާ ޓީވީ އަށް އަލްވަދާއު

"ބިގް ބޮސް" ސީޒަން 11 ކާމިޔާބުރި ޝިލްޕާ ޝިންޑޭ މީގެ ފަހުން ޓީވީގެ އެއްވެސް ޝޯއެއްގައި ބައިވެރިނުވާން ނިންމައިފި އެވެ.

"ބިގް ބޮސް" ކަހަލަ ރިއަލިޓީ ޝޯތައް ކާމިޔާބުކުރާ މީހުންނަށް ޓީވީ ޝޯތަކުން ވަރަށް ރަނގަޅު ފުރުސަތުތައް ލިބެ އެވެ. ނަމަވެސް ޝިލްޕާ އެންމެ ފަހުން ކުޅުނު "ބާބީޖީ ގަރް ޕަރް ހޭ" އިން އޭނާއަށް ކުރެވުނު ހިތި ތަޖުރިބާގެ ސަބަބުން، ކިތަންމެ ރަނގަޅު ފުރުސަތެއް ލިބުނަސް ޓީވީގައި މަސައްކަތްކުރަން އޭނާ ބޭނުމެއް ނޫނެވެ.

ޝިލްޕާ މިހާރު ބޭނުންވަނީ ޓީވީ ސިލްސިލާތަކަށް ވުރެ ފިލްމުތަކުގައި މަސައްކަތް ކުރާށެވެ. ސަބަބަކީ ޓީވީގައި އޭނާ މަސައްކަތްކޮށްފައިވާ އަހަރުތަކުގައި ކުރެވިފައިވާ ތަޖުރިބާ ހިތިވީމަ އެވެ.

"ބާބީ ޖީ ގަރް ޕަރް ހޭ"ގައި އަންގޫރް ބާބީގެ ރޯލު ކުޅުނު ޝިލްޕާ 2016 ގައި އެ ޝޯ ދޫކޮށްލީ ޕްރޮޑިއުސަރުންނާ ޖެހުނު މައްސަލަތަކަކާ ހެދި ކުއްލިއަކަށެވެ. އެ ޝޯގެ ޕްރޮޑިއުސަރު ސަންޖޭ ކޯލީ ޝިލްޕާއަށް ޖިންސީ ފުރައްސާރަކުރި ކަމަށް ޝިލްޕާ އޭރު ނޫސްވެރިން ގާތު ބުނެފައިވެ އެވެ.

ޝޯގެ ވަކި ހިސާބަކުން ކުއްލިއަކަށް ޝިލްޕާ ޝޯ ދޫކޮށްލުމުން ޝޯގެ ޕްރޮޑިއުސަރުން ވަނީ ޝިލްޕާ ގޮވައިގެން ކޯޓަށް ވެސް ގޮސްފަ އެވެ. ނަމަވެސް ޝިލްޕާ ބުނި ގޮތުގައި މިހާރު ކޯޓުގައިވާ ހުރިހާ މައްސަލަތަކެއް ވަނީ ނިމިފަ އެވެ. އަދި "ބިގް ބޮސް" ހޯސްޓްކުރި ސަލްމާން ޚާން ވެސް ޝިލްޕާ ގާތު ކޯޓުގައި އެއްވެސް މައްސަލައެއް އަދިވެސް އެބައޮތްތޯ ސުވާލުކުރި ކަމަށް އޭނާ ބުންޏެވެ. އަދި ކޯޓުގައި މައްސަލައެއް އޮތް ނަމަ އޭނާއަށް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ވެސް ސަލްމާން ބުނި ކަމަށް ޝިލްޕާ ބުންޏެވެ.

ކުއްލިއަކަށް ޝޯ ދޫކޮށްލުމާއި ޕްރޮޑިއުސަރުން އޭނާ ގޮވައިގެން ކޯޓަށް ދާން ފެށުމުން ހީނުކުރާ ވަރުގެ ބޮޑު ގެއްލުމެއް ޝިލްޕާ އަށް ލިބުނެވެ. އަދި ޓީވީ އިންޑަސްޓްރީން އޭނާ މުޅިން ނެރެ އެއްލާލުމުގެ ނަތީޖާއެއްގެ ގޮތުން އޭނާއަށް ޓީވީގެ މަސައްކަތްތައް ލިބުން މުޅިން ކަހަލަ ގޮތަކަށް ބަންދުވި އެވެ.

"ބިގް ބޮސް" ގައި ޝިލްޕާ ބައިވެރިވިއިރު އޭނާ މަސައްކަތެއް ނެތިފައި ގޭގައި ހުންނަތާ ދެ އަހަރު ދުވަސް ވެއްޖެ އެވެ.

ޝިލްޕާ ބުނި ގޮތުގައި އޭނާއަށް ދިމާވެފައިވާ މައްސަލަތަކުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ސަލްމާނެވެ. އަދި ބިގް ބޮސްގެ ގޭގައި ވެސް އަރްޝީ ޚާން ޝިލްޕާއަށް އެއްޗެތި ކިޔާ މަލާމާތްކުރުމުން ސަލްމާން ވަނީ އަރްޝީ އަށް ވަރަށް އެއްޗެހި ގޮވައިފަ އެވެ.