ސީދާ ގޭދޮށަށް އަންނަ "ފިހާރަ ކާރު"
ސީދާ ގޭދޮށަށް އަންނަ "ފިހާރަ ކާރު"

ގޭތެރޭގައި އިނދެ ވިޔަފާރި ކުރުމަކީ މިހާރު އާންމު ކަމެކެވެ. ބޭނުންވާ ތަކެތި، ކަންމަތީ ފިހާރައަށް ގުޅާލުމުން ގެއާ ހަމައަށް ވެސް ގެނެސްދެއެވެ. މިއީ ކަސްޓަމަރުންނަށް ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކު ބައެއް މީހުންގެ ޝަކުވާއެއް އޮވެއެވެ. އެއީ އެންމެ ތާޒާ، އެންމެ ރީތި، އެންމެ ރަގަޅު ތަކެތި ނުލިބޭކަމުގެ ޝަކުވާއެވެ. މިކަމަށް އޮތް ހައްލަކީ ރޮބޯމާޓެވެ.

ރޮބޯމާޓް އުފައްދާފައި ވަނީ އެމެރިކާގެ ކުންފުންޏަކުންނެވެ. އޮޓޮމެޓިކުން ދުއްވާ ގޮތަށް އުފައްދާ މި ރޮބޯމާޓު ބޮޑަށް ވައްތަރީ ކުޑަ ވޭނަކާއެވެ. ދޮރުފަތް ހުޅުވާލާއިރު ކުދި މާޓު ހަރުތަކުގައި ހުންނަނީ ތާޒާ މޭވާ އާއި ތަރުކާރީއެވެ. މިއީ މީގެ އަޖުމަ ބަލަން އުފެއްދި ރޮބޯމާޓު ފަރުމާކޮށްފައިވާ ގޮތެވެ. ކާމިޔާބު ކަމަކަށް ވެއްޖެ ނަމަ އެހެނިހެން މުދާ ވެސް ރޮބޯމާޓުގައި ވިއްކިދާނެއެވެ.

މި އުޅަނދު ދަތުރުކުރާނީ ދުއްވާ މީހަކާ ނުލައެވެ. މީގެ ޚިދުމަތް ހޯދުމަށް ހަމަޖެހިފައި ވަނީ އޯޑަރު ކުރީމަ ގޭދޮށަށް އަންނަ ގޮތަށެވެ. ގޭދޮށަށް ހުއްޓުމުން ކަސްޓަމަރު އަމިއްލައަށް ދޮރުފަތް ހުޅުވައިގެން ބޭނުން އެއްޗެއް ނަގަންވީއެވެ. ވަތްގަނޑުތަކުން ނަގާ ތަކެތި ދެނެގަނެވޭނެ ސިސްޓަމެއް މީގައި ހުރެއެވެ. ވިޔަފާރިކޮށް ނިމުމުން ހިސާބު ހެދުމަށް ފަހު ކަސްޓަމަރުގެ އެކައުންޓަށް ފައިސާގެ ރަސީދު މެއިލުކޮށްލާނެއެވެ.

ރޮބޯމާޓު އުފެއްދި ކުންފުނިން ބުނާ ގޮތުގައި މި އުޅަނދު ބާޒާރަށް ނެރުމުގެ ކުރިން ކުރަންޖެހޭ ޓެސްޓުތައް ކުރުމަށް ބޭނުންވާ ހުއްދަތައް ލިބުމުން މިއަހަރު ހޫނުމޫސުމުގެ ތެރޭ ޓެސްޓުކޮށް ނިންމާލެވޭނެއެވެ.