17 ޖެނުއަރީ 2018 - 06:16

ރަންވީރު ސިންގާއި އާލިއާ ބަޓް ކުޅޭ "ގަލީ ބޯއީ"ގެ ޝޫޓިން މުމްބައިގެ ފަގީރު ހިސާބުގަނޑެއްގައި ކުރިޔަށް އެބަދެ އެވެ. ފިލްމުގެ ބައެއް ފޮޓޯތައް މިހާރު ލީކުވެފައި ވާއިރު ފޮޓޯތަކުގައި އާލިއާ ފެންނަނީ މުސްލިމް އަންހެނުން ބުރުގާ އަޅާ ގޮތަށް ބުރުގާ އަޅައިގެން ހުއްޓަ އެވެ. އެހެންކަމުން އާލިއާ ކުޅެނީ މުސްލިމް އަންހެންކުއްޖެއްގެ ރޯލުކަމަށް ބެލެވެ އެވެ. ރަންވީރު ކުޅެނީ މިއުޒީޝަނެއްގެ ރޯލު ކަމަށްވާތީ އޭނާގެ ސިފަ ވެސް މިފިލްމަށް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ.

"ޕަދްމާވަތު" ގައި ރަންވީރު ކުޅުނު އަލާއުއްދީން ޚިލްޖީގެ ރޯލަށް އޭނާ ދިގުކުރި އިސްތަށިގަނޑާއި ތުނބުޅި އާއި މަތިމަސް ކޮށާލައި ރަންވީރުގެ ސިފަޔަށް ވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ.
ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ "ގަލީ ބޯއީ" އަކީ މުމްބައިގެ މަގުތަކުގައި އުޅޭ ރެޕް ސްޓާރުންގެ ހަގީގީ ވާހަކަތައް ދައްކުވައިދޭ ފިލްމެކެވެ.
އާލިއާގެ އިތުރުން ކަލްކީ ކޯޗްލީން ވެސް މުހިއްމު ރޯލަކުން ފެންނާނެ އެވެ. ކަލްކީ ވެސް ކުޅެނީ ރެޕް އާޓިސްޓެއްގެ ރޯލުކަމަށް ޚަބަރުތައް ބުނެ އެވެ. ކަލްކީ މީގެ ކުރިން ވަނީ ޒޯޔާގެ "ޒިންދަގީ ނާ މިލޭގީ ދޯބާރާ"ގައި ވެސް މަސައްކަތް ކޮށްފަ އެވެ.
"ޕަދްމާވަތު"ގެ ޝޫޓިންއަށް އަހަރެއްހާ ދުވަސް ދިނުމަށް ފަހު "ގަލީ ބޯއީ" އަކީ އޭގެ ފަހުން ރަންވީރު ކުޅޭ ފުރަތަމަ ފިލްމެވެ. އާލިއާ މި ފިލްމުގެ ޝޫޓިން ފަށާފައި މިވަނީ "ރާޒީ"ގެ ޝޫޓިން ނިންމާލުމަށް ފަހުގަ އެވެ. "ރާޒީ" ގައި އާލިއާ ކުޅެނީ ކަޝްމީރު އަންހެންކުއްޖެއްގެ ރޯލެވެ.