އިންޑިއާ އިން ގެއްލުނު ކުއްޖާ ގޭންގަކުން ރޭޕްކޮށް މަރާލައިފި
އިންޑިއާ އިން ގެއްލުނު ކުއްޖާ ގޭންގަކުން ރޭޕްކޮށް މަރާލައިފި

ނިއު ދިއްލީ (ޖެނުއަރީ 16) - އިންޑިއާގެ ހަރިޔާނާ ސްޓޭޓުން ގެއްލުނު 15 އަހަރުގެ އަންހެން ކުއްޖާ ގޭންގަކުން ރޭޕް ކުރުމަށް ފަހު މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.

ޑޮކްޓަރުން ބުނީ ގޭންގަކުން ރޭޕް ކުރުމަށް ފަހު އެ އަންހެން ކުއްޖާގެ ބައެއް ގުނަވަންތައް ވަކިކޮށްލާފައިވާ ކަމަށެވެ.

"ޖެނުއަރީ 9 ވަނަ ދުވަހު އެ ކުއްޖާ އާދައިގެ މަތިން ދިޔައީ ޓިއުޝަނަށް. އެކަމަކު އޭނާ ބަލައި ރޭގަނޑު 8 ޖެހިއިރު ދިއުމުން ޓިއުޝަން ޓީޗަރު ބުނީ އެ ކުއްޖާ ނާންނަ ކަމަށް. ދެން އެ ކުއްޖާ ހޯދާ ހޯދާ ވެސް އެއްވެސް ތަނަކުން ނުފެނުނ. ފުލުހުންނަށް ރިޕޯޓް ކުރީ އެރޭ 10 ޖެހިއިރު،" އަންހެން ކުއްޖާގެ ބައްޕަ ބުންޏެވެ. "އެ ކުއްޖާ ގެއްލިގެން ރިޕޯޓްކުރި ދުވަހު ފުލުހުން ކުއްޖާ ހޯދަން އުޅުނު ނަމަ ދިރިހުއްޓާ ފެނުނީސް."

ކުއްޖާގެ ބައްޕަ ބުނީ 10 ވަނަ ގްރޭޑުގައި ކިޔަވަމުން ދިޔަ ކުއްޖާ ޑޮކްޓަރަކަށް ވުމުގެ ހުވަފެންތައް ދެކެމުންދިޔަ ކަމަށެވެ.

އަންހެން ކުއްޖާގެ މަރާ ގުޅިގެން ފުލުހުން މިހާރު ދަނީ އެތައް ބަޔަކާ ސުވާލު ކުރަމުންނެވެ.

"ޝައްކު ކުރެވޭ ބައެއް މީހުންނާ މިހާރު ދަނީ ސުވާލު ކުރަމުން،" ހަރިޔާނާ ސްޓޭޓުގެ ކުރުކްޝެޓްރާ އަވަށުގެ ޕޮލިސް ސުޕްރިންޓެންޓް އަބިޝެކް ގާގް ވިދާޅުވި އެވެ.

އަންހެން ކުއްޖާގެ ޕޯސްޓް މޯޓަމް ހެދި ޕޯސްޓް ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސްގެ ސީނިއާ ޕްރޮފެސާ ޑޮކްޓަރު އެސްކޭ ދައްތަވާލް ވިދާޅުވީ އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ ގޭންގަކުން ކަމަށެވެ.

"އެ ކުއްޖާ އަށް ވަނީ ދެ މީހުންނަށް ވުރެ ގިނަ މީހުން ޖިންސީ ހަމަލާތައް ދީފައި. ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާތައް ވަނީ ދީފައި،" އިންޑިއަން އެކްސް ޕްރެސް އަށް ޑޮކްޓްރު ވިދާޅުވި އެވެ.

އިންޑިއާގައި ގޭންގް ރޭޕާ ދެކޮޅަށް އެތައް ފިޔަވަޅެއް އެޅި ނަމަވެސް އެދެވޭ ނަތީޖާއެއް ނުފެނެ އެވެ. ގޭންގް ރޭޕުގެ މައްސަލަތަކަށް ދޭ ސަމާލުކަން ބޮޑުވެފައި ވަނީ 2012 ވަނަ އަހަރު މެޑިކަލް ދަރިވަރަކު ގޭންގަކުން ރޭޕްކޮށް، ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ މަރުވި ހާދިސާ އަށް ފަހު އެވެ. އޭގެ ފަހުން އިންޑިއާގައި ވަނީ ރޭޕުގެ މައްސަލަތަކުގެ އަދަބު ހަރުކަށިކޮށް، ރޭޕް ކުރާ މީހުންނަށް މަރުގެ އަދުބު ދޭން ވެސް ހިމަނައިފަ އެވެ.

އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ އިން ބުނީ 2015 ވަނަ އަހަރަށް ވުރެ 2016 ވަނަ އަހަރު ކުޑަ ކުދިން ރޭޕްކުރި އަދަދު 82 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އިންޑިއާ ފުލުހުންނަށް 2016 ވަނަ އަހަރު ވަނީ 38،947 ރޭޕުގެ މައްސަލަ ހުށަހަޅައިފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 12.4 ޕަސެންޓް އިތުރު އަދަދެކެވެ.