18 ޖެނުއަރީ 2018 - 05:57

ކިނބިހި އެޅުމަކީ ބައެއް މީހުން ލަދު ގަންނަ ކަމެކެވެ. އެހެންވެ ކިނބިހި އެޅުނަ ނުދީ ހިފަހައްޓަ އެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ މިއީ ނުރައްކާތެރި އާދައެއް ކަމަށެވެ. މިކަމުގެ ސަބަބުން އަރުތެރެއިން ފަޅައިގެން ދިއުން، ކަންފަތުގެ ހިނދުރި ފަޅައިގެންދިއުން ނުވަތަ ސިކުނޑީގެ ނާރެއް ދުޅަވުން ފަދަ ކަމެއް މެދުވެރިވެދާނެތީ އެވެ..
ކިނބިހި އަޅަން ބޭނުން ނުވާ ވަގުތެއްގައި ކިނބިއްސެއް އަތުވެއްޖެ ނަމަ ވީހާވެސް ބާރެއް ލާފައި "ކިނބިހި ދިރުވާލަނީ" އެވެ. މިއީ ހަގީގަތުގައި ކިހާވަރެއްގެ ނުރައްކަލެއް ހުރި ކަމެއްކަން ޔަގީން ކުރެވުނީ 34 އަހަރުގެ ފިރިހެނަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
އިންގްލެންޑްގެ ލީސެސްޓާގެ ހޮސްޕިޓަލެއްގެ އިމަޖެންސީ އަށް މި މީހާ ގެންދިޔައިރު އޭނާގެ ކަރު ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. އަދި ރިއްސާތީ އޭނާ ތެޅިފޮޅެނީ އެވެ.
"ބަލިމީހާ ބުނީ ކިނބިއްސެއް އެޅެން އުޅޭތީ އަނގަބަނދުކޮށް ނޭފަތުގައި ދެ އިނގިލިކުރިން ހިފެހެއްޓުމުން ކަރުތެރެއަށް ގޮތެއްވީ ކަމުގެ އިހްސާސް ކުރެވުނޭ،" މެޑިކަލް ޖާނަލް ބީއެމްޖީ ކޭސް ރިޕޯޓްސްގައި ޑޮކްޓަރުން ބުނެފައިވެ އެވެ.
މި މީހާގެ ސީއޭޓީ ސްކޭނެއް ހެދުމުން ޑޮކްޓަރުންނަށް ކުރެވުނު ޝައްކު ޔަގީނަށް ބަދަލުވި އެވެ. ކިނބިހި ހުއްޓުވަން އެމީހާ ލީ ބާރުގެ ސަބަބުން ކަރުތެރޭން ތަންގަނޑެއް އިރައިގެން ދިޔައީ އެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު މި މީހާއަށް ހިންދިރުވައި ވާހަކަ ވެސް ނުދެއްކެ އެވެ. އެހެންވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް މިމީހާއަށް ކާންދިނީ ވެސް ހޮޅި ގުޅައިގެންނެވެ. އަދި ކަރުގައި ހުރި ދުޅަ ތިރިވެ ތަދު ކެނޑެންދެން އައިވީގެ ޒަރިއްޔާއިން އެންޓިބައޮޓިކްސް ދިނެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލީ ހަފުތާއެއް ފަހުންނެވެ.
"ނޭފަތުގައި ހިފަހައްޓާފައި އަނގަ ބަންދުކޮށްގެން ކިނބިހި ހިފެހެއްޓުމަކީ ވަރަށް ނުރައްކާތެރި ކަމެއް. އަދި މިއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން،" ޑޮކްޓަރު ވިދާޅުވި އެވެ.
ވަރަށް މަދުން ނަމަވެސް ހިނގާފައިވާ މިފަދަ އެހެން ބައެއް ހާދިސާތަކުގައި ފުއްޕާމެއާ ދޭތެރޭގައި ވައިތައް ހިފެހެއްޓިގެން ފުރާނައަށް ނުރައްކާ ކަހަލަ ކަންތައްތައް ވެސް ދިމާވެފައި އެބަހުއްޓެވެ. އަދި ސެރެބްރަލް އެނިއުރިޒަމް ނުވަތަ ލޭ ހޮޅިއެއް ފަޅައިގެން ގޮސްފައި ވެސް އެބަހުއްޓެވެ.