17 ޖެނުއަރީ 2018 - 06:18

ދުވާލުގެ ގިނަ ވަގުތު އިންނަނީ އިށީނދެގެން ހެއްޔެވެ؟ ފަހުގެ ހޯދުމެއް ބުނާ ގޮތުން އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ގިނައިރު އިށީނދެ އިނުމުން އެތެރެހަށީގެ ގުނަވަންތަކުގައި ވަރަށް ބޮޑަށް ސަރުބީ ޖަހަ އެވެ. ގިނަ ވަގުތު އިށީނދެ ތިބޭ މީހުންގެ ބަނޑުގައި ވެސް ގިނަ އަދަދަކަށް ސަރުބީ ޖަހާފައި ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް ސައިންސްވެރިން ބުުންޏެވެ.
މާގިނައިން ސަރުބީ ޖެހުމަކީ ހަކުރު ބައްޔަށް މަގުފަހިވާ ކަމެކެވެ. އަދި މިއީ ކެންސަރާއި ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމަށް ވެސް މެދުވެރިވާ ސަބަބެކެވެ.
މި ހޯދުމަށް ސައިންސްވެރިން ވަނީ 124 މީހަކު ބައިވެރިކޮށްގެން ދިރާސާއެއް ކޮށްފަ އެވެ. މި މީހުންގެ އެމްއާރްއައި ސްކޭން ހަދައިގެން މި މީހުންނަށް ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ނުރައްކާ އޮތީ ކިހާ ވަރަކަށް ކަން ސައިންސްވެރިން ވަނީ ބަލައިފަ އެވެ. މި މީހުން އިށީނދެ ތިބީ ކިހާ ވަގުތެއްގައި ކަން މޮނިޓާ ކުރީ އިލެކްޓްރޯމެކެނިކަލް ޑިވައިސްއަކުންނެވެ.
"އެމްއާރްއައި ޓެކްނިކާއި ފިޒިކަލް އެކްޓިވިޓީ މޮނިޓާ ބޭނުންކޮށްގެން އަހަރެމެން މި ހޯދި ހޯދުމުން ހާމަވި ގޮތުގައި އިށީނދެ ގިނަ ވަގުތު ތިބޭ ވަރަކަށް އެތެރެހައްޓާއި އަދި ބަނޑުގައި ސަރުބީ ޖަހާލެއް އިތުރުވޭ،" ލީސެސްޓާ ޔުނިވަސިޓީގެ ޑރ. ޖޯ ހެންސަން ވިދާޅުވި އެވެ.
މި ހޯދުމުން ދެއްކި ނަތީޖާއަކީ ވަރަށް ގިނަ ބަޔަކު ކަންބޮޑުވާން ޖެހޭ ފަދަ ނަތީޖާ އެކެވެ. ސަބަބަކީ މި ޒަމާނުގައި އޮފީސްތަކުގައި މަސައްކަތްކުރާ ގިނަ މީހުންނަކީ ގިނަ ވަގުތުތަކެއްގައި މޭޒުތަކުގައި އިށީނދެ ތިބޭ ބަޔަކަށް ވާތީ އެވެ. އަދި ގިނަ މީހުންނަކަށް ކަސްރަތު ކުރާނެ ވަގުތެއް ވެސް ނުލިބެ އެވެ.
ޖާނަލް އޮބޭސިޓީގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި ޑރ. ޖޯ ވިދާޅުވެފައިވާ ގޮތުގައި ގިނަ ވަގުތު ތަންތަނުގައި އިށީނދެ ތިބުމަކީ ސިއްހަތަށް ގެއްލުން ލިބޭ ކަމެކެވެ. އަދި މިއީ ހަކުރުބައްޔާއި ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ ކަމެކެވެ. އިށީނދެ ގިނައިރު ތިބުމުގެ ސަބަބުން ގުނަވަންތަކުގައި މާ ގިނައިން ސަރުބީ ޖެހުމުން ފަސޭހައިން ބޮޑެތި ބަލިތައް ޖެހޭގޮތް މެދުވެރިވަނީ އެވެ.