17 ޖެނުއަރީ 2018 - 06:18

އުމުރުން 11 އަހަރު ނުފުރެނީސް މައްސަރުކަންތައް ޖެހޭ އަންހެންކުދިންނާއި 47 އަހަރު ނުވަނީސް އިއްދައިން ކެނޑޭ އަންހެނުންނަށް ހިތުގެ ބައްޔާއި ސްޓްރޯކްގެ ނުރައްކާ ބޮޑުކަމަށް އަންގާރަ ދުވަހު ޝާއިއުކުރި ދިރާސާއެއްގައި ބުނެފި އެވެ.
ބައިގެންދިއުން، ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން، އޮޕަރޭޝަންކޮށްގެން ރަހިމު ނެގުން އަދި މާ ޅަ އުމުރުގައި ދަރިން ވިހެއުމަކީ އުމުރުގެ ފަހުކޮޅު ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާ ކަމެއްކަން ވެސް މި ހޯދުމުގައި ސައިންސްވެރިން ބުނެފައިވެ އެވެ. ޖާނަލް ހާޓްގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައިވާ ގޮތުން، މި މައްސަލަތަކުން ކަމެއް ދިމާނުވާ މީހުންނަށް ވުރެ މި ފަދަ ކަމެއް ދިމާވެފައިވާ މީހުންނަށް ހިތުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު 40 ޕަސެންޓަށް އިތުރެވެ.
ދަރިމައިވުމުގެ ނިޒާމުގައި ދިމާވާ މައްސަލަތަކާއި ހިތާއި ސިކުނޑިއާ ގުޅިފައިވާ ނިޒާމުގެ ބަލިތަކާ ގުޅުންހުރިކަން ހާމަވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އަދި މި މައުލޫމާތުތަކުން މިއީ އާދައިގެ ގުޅުމެއް ނޫންކަން ވެސް ޔަގީންވެ އެވެ. އަދި ކުރީގައި ހޯދާފައިވާ މިފަދަ ހޯދުންތަކަށް މިފަހަރުގެ ދިރާސާއިން އިތުރަށް ބާރު ލިބެ އެވެ. އެހެންކަމުން އަަވަހަށް މައްސަރުކަންތައް ޖެހުމާއި އަވަހަށް އިއްދައިންކެނޑުން ފަދަ ކަންތައްތައް ދިމާވެފައިވާ މީހުން ހިތުގެ މައްސަލައެއް ހުރިތޯ އާއި ލޭ ގަނޑުވުން ކަހަލަ ކަމެއް ދިމާވެފައިވޭތޯ ބަލަމުން ދިއުމަށް މި ދިރާސާ ކުރި ސައިންސްވެރިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މިފަހަރުގެ ދިރާސާއަށް ސައިންސްވެރިން އެއްކުރި މައުލޫމާތުގެ ތެރޭގައި އިނގިރޭސި ވިލާތުގައި ދިގު މުއްދަތަކަށް ހެދި ހެލްތު ސާވޭއެއް މައުލޫމާތު ހިމެނެ އެވެ. މި ސާވޭ ކުރުމަށް 2006 އާއި 2016 އާ ދެމެދުގެ މުއްދަތުގައި 250،000 އަންހެނުން ޓެސްޓްކޮށް މޮނިޓާ ކުރަމުން ގެންގޮސްފައިވެ އެވެ.
މޮނިޓާކުރަން ފެށިއިރު މި ހުރިހާ އަންހެނުންގެ އެވްރެޖް އުމުރަކީ 56 އަހަރެވެ. މީގެ ތެރެއިން ފަސްބައިކުޅަ ހަތަރުބައި މީހުންނަށްނަކީ ބަލިވެ އިނދެފައިވާ މީހުންނެވެ. އަދި ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންގެ ދެ ދަރިން ތިއްބެވެ. މި ހުރިހާ އަންހެނުންނަށް މައްސަރުކަންތައް ޖެހެން ފަށާފައި ވަނީ އެވްރެޖްކޮށް 13 އަހަރުގަ އެވެ. އެވްރެޖްކޮށް މި މީހުންނަށް ދަރިން ލިބިފައިވަނީ 26 އަހަރުން ފެށިގެންނެވެ.
މި ދިރާސާގެ ބައިވެރިންގެ ތެރެއިން 2016 ވަނަ އަހަރަށް އެޅިއިރު ތިންބައިކުޅަ ދެ ބައި މީހުން ވަނީ އިއްދައިން ކެނޑިފަ އެވެ. އެއީ އެމީހުންގެ އުމުރުން އެވްރެޖްކޮށް 50 އަހަރުގަ އެވެ. މި ހޯދުމުން ދައްކާ ގޮތުން އުމުރުން 12 އަހަރު ނުފުރެނީސް މައްސަރުކަންތައް ޖެހެން ފަށާ ކުދިންނާއި 13 އަހަރު ފުރޭ ފަހުން މައްސަރުކަންތައް ޖެހޭ ކުދިން އަޅާ ބަލާއިރު އަވަހަށް މައްސަރުކަންތައް ޖެހެން ފަށާ ކުދިންނަށް ކާޑިއޮވެސްކިއުލާ ޑިޒީޒްތައް ޖެހުމުގެ ނުރައްކާ 10 ޕަސެންޓް އިތުރެވެ. އުމުރުން 47 އަހަރު ނުފުރެނީސް އިއްދައިން ކެނޑޭ އަންހެނުންނަށް ކާޑިއޮވެސްކިއުލާ ޑިޒީޒް ޖެހުމުގެ ނުރައްކާ 33 ޕަސެންޓް މަތިވާއިރު ސްޓްރޯކް ޖެހުމުގެ ނުރައްކާ 42 ޕަސެންޓަށް އަރަ އެވެ.
ބައިންގެން ދިއުމަކީ ހިތުގެ ބަލިތަކުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވެގެންދާ ކަމެކެވެ. ބަނޑުތެރެއަށް ކުއްޖަކު މަރުވެއްޖެ ނަމަ ހިތުގެ ބަލީގެ ނުރައްކާ ހަ ޕަސެންޓް އިތުރުވެ އެވެ. ހިސްޓްރެކްޓަމީ ނުވަތަ އޮޕަރޭޝަންކޮށްގެން ރަހިމު ނެގުމަކީ ހިތުގެ މައްސަލަތައް ޖެހުމުގެ ނުރައްކާ 20 ޕަސެންޓް އިތުރުވެގެންދާ ކަމެއް ކަމަށް މި ދިރާސާ ކުރި ޓީމުގެ ހޯދުންތަކުން ދައްކަ އެވެ.