16 ޖެނުއަރީ 2018 - 09:43

ޕެރިސް (ޖެނުއަރީ 16) – އޭނާ އަށް އަމަލުކުރެވުނީ ގޯސްކޮށް ކަމަށާއި ކާޑު ކެންސަލް ކުރުމަށް އެދިފައިވާ ކަމަށް، ފްރާންސް ލީގުގައި އާދީއްތަ ދުވަހުގެރޭ ނޯންޓެސްގެ ކުޅުންތެރިޔަކަށް ހަމަލާދީ އަދި އޭނާ އަށް ރަތްކާޑު ދެއްކި ރެފްރީ ޓޯނީ ޗެޕްރޮން ބުނެފި އެވެ.
ނޯންޓެސް އަތުން 1-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ނޯންޓެސްގެ ޑިއެގޯ ކާލޮސްގެ ގައިގައި ރެފްރީ ކޮޅުފައިން ޖެހީ، ކާލޯސްގެ ފައިގައި އަޅައިގެންފައި ރެފްރީ ވެއްޓުމުންނެވެ. ދެން ފެނުނީ ކާލޮސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކިތަނެވެ.
ފްރެންޗް ފުޓްބޯލް ލީގުން މިހާރު ވަނީ ކާލޮސް އަށް ދެއްކި ދެ ވަނަ ރީނދޫ ކާޑު ކެންސަލްކޮށްފަ އެވެ. އަދި ފްރެންޗް ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ޗެޕްރޮން ސަސްޕެންޑްކޮށްފަ އެވެ.
އޭއެފްޕީ އަށް ފޮނުވި ބަޔާނެއްގައި ރެފްރީ ބުނީ ކާލޮސްގެ ގައިގައި ޖެހި އޭނާ ދަނޑު މައްޗަށް ވެއްޓި، ވަރަށް ފަހުން އަނިޔާވި ދިމާލަށް ވަރަށް އެހެން ކަހަލަ ތަދެއްވި ކަމަށެވެ. އަދި ކުޅުންތެރިޔާއާ ދިމާލަށް ފައި ދިއްކޮށް އޭނާ އަށް އަމަލުކުރެވުނީ ގޯސްކޮށް ކަމަށް އެއްބަސްވި އެވެ.
ރެފްރީ ބުނީ ލީގުގެ ޑިސިޕްލިނަރީ ކޮމިޝަނަށް އޭނާ ރިޕޯޓެއް ފޮނުވާފައިވާ ކަމަށާއި އޭގެ ސަބަބުން ކުޅުންތެރިޔާ އަށް ދެއްކި ދެ ވަނަ ރީނދޫ ކާޑު ކެންސަލްކުރެވިދާނެ ކަމަށެވެ. ސަބަބަކީ މަންޒަރުތަކަށް ބަލާއިރު އޭނާ އެކަންކޮށްފައިވަނީ ގަސްދުގައި ކަމަށް ނުބެލެވޭތީ ކަމަށް ރެފްރީ ބުންޏެވެ.