16 ޖެނުއަރީ 2018 - 11:06

ޝެންހާއީ (ޖެނުއަރީ 16) - އީސްޓް ޗައިނާ ކަނޑުގައި ކާގޯ ބޯޓަކާ ޖެހި އެކްސިޓެންޓްވެ ރޯވެ އަނދަމުން ދިޔަ ޓޭންކަރު ފެތުނު ނަމަވެސް ގިނަ އަދަދެއްގެ ތެޔޮ ކަނޑަށް ބޭރުވާން ފަށައިފި އެވެ.
ސަންޗީ ޓޭންކަރު ފެތިފައި ވަނީ އާދިއްތަ ދުވަހު އެވެ. ނަމަވެސް އޭގައި ހުރި 136،000 ޓަނުގެ ތެލުގެ ތެރޭން ބޮޑު ބައެއް ވަނީ ބޭރުވާން ފަށައިފަ އެވެ. ޓޭންކަރުގައި ހުރި ލައިޓް ކްރޫޑް އޮއިލް ކަމަށްވުމުން އެ ތެޔޮ ފެތުރިފައިވާކަން ފާހަގަކުރަން ދަތިވާނެ އެވެ. އެކަމަކު ލައިޓް ކްރޫޑް އޮއިލް އާއި ޓޭންކަރު ދުއްވަން ބޭނުން ކުރި ތެޔޮ ބޭރުވުމަކީ އެ ސަރަހައްދުގެ ކަނޑުގެ ދިރުމަށް ބޮޑު ނުރައްކަލެކެވެ. ޓޭންކަރުގައި ތިބި ހުރިހާ ފަޅުވެރިން ވެސް ވަނީ މަރުވެފައި ކަމަށް ވަނީ ޔަގީން ކުރެވިފަ އެވެ.
ހޮން ކޮންގައި ރަޖިސްޓްރީކޮށްފައިވާ ކާގޯ ބޯޓު ސީއެފް ކްރިސްޓަލް އާއި ސަންޗައި ޓޭންކަރު ޖެހި އެކްސިޑެންޓްވީ މި މަހު 6 ވަނަ ދުވަހު އެވެ. އެކްސިޑެންޓް ހިނގީ ޝެންހާއީގެ ބޭރުން 160 މޭލު ދުރުންނެވެ. އޭގެ ފަހުން ވަނީ އިރު ދެކުނަށް ޖަޕާނާ ދިމާލަށް ޓޭންކަރު އޮޔާ ގެންގޮސްފަ އެވެ.
ޗައިނާ ސެންޓްރަލް ޓީވީން އިއްޔެ ބުނީ މީހުން ހޯދުމުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށެވެ. އަދި މިހާރު އިސްކަން ދެނީ ޓޭންކަރުން ބޭރުވާ ތެޔޮ ސާފު ކުރަން ކަމަށް ބުނެފައިވެ އެވެ. ޓޭންކަރުން ބޭރުވާ ތެޔޮ ޑިޒޯވް ކުރަން ދެ ބޯޓަކުން ދަނީ ކަނޑަށް ކެމިކަލް ސްޕްރޭ ކުރަމުންނެވެ.
މީހުން ސަލާމަތް ކުރުމުގައި ވަނީ އީރާނުގެ 12 މީހުންގެ މައްޗަށް އެކުލެވޭ ކޮމާންޑޯ ޓީމަކުން ވެސް ބައިވެރިވެފަ އެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި 13 އުޅަނދަކުން ވެސް ބައިވެރިވި އެވެ. ޓޭންކަރުގެ ކަޅު ފޮށި ވަނީ ހޯދައިފަ އެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ސަންޗީ ޓޭންކަރުގައި ހުރީ ގާތްގަނޑަކަށް އެއް މިލިއަން ފީފާގެ ތެލެވެ. މިހާރުގެ އަގުން ބަލާ ނަމަ އެ ތެލުގެ އަގަށް 60 މިލިއަން ޑޮލަރު އަރާނެ އެވެ. ތެޔޮ ގެންދިޔައީ އީރާނުން ސައުތު ކޮރެއާ އަށެވެ.