16 ޖެނުއަރީ 2018 - 10:16

މިހާރު ރާއްޖެ އައިސް އުޅޭ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދުން ޕީޕީއެމްއާ އެކު އިއްޔެ މަޝްވަރާކޮށްފި އެވެ.

އީޔޫން ކުރި ޓްވީޓެއްގައި ބުނީ ޕީޕީއެމްގެ ބައެއް ބޭފުޅުންނާ ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ.
ކުރިން އިދިކޮޅު އެކި ބޭފުޅުންނާ އެކު ވެސް ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާ ވަފުދުން ޕީޕީއެމްއާ އެކު ބޭއްވި ވާހަކަތަކުގައި ބައިވެރިވެވަޑައިގަތީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް އާއި ޕާޓީގެ ނައިބު ލީޑަރު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އާއި ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާންގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.
އެކަމަކު ވެރިކަން ކުރާ ޕާޓީއާ އެކު ބޭއްވި މި ބައްދަލުވުމާ ބެހޭ އެއްވެސް ތަފުސީލެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް އައިސް އުޅޭ އީޔޫގެ ވަފުދުން މީގެ ކުރިން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިތުރުން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބޭފުޅުންނާ ވެސް ބައްދަލުކޮށްފަ އެވެ.
ސަރުކާރުގެ އިސް ބޭފުޅުންގެ ތެރެއިން ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާ ވެސް އީޔޫ ވަފުދުން ބައްދަލުކުރި އެވެ.
އީޔޫ ވަފުދުން ބަލަމުން އަންނަނީ، އެނގިފައިވާ ގޮތުގައި، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ކަންބޮޑުވުންތަކާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ކަންކަމެވެ.
އީޔޫ ޕާލަމެންޓްރީ ގްރޫޕުގެ ވަފުދެއް މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް ރާއްޖެ އަ އެވެ. އަދި އީޔޫ ޕާލަމަންޓުގެ ބައްދަލުވުމުގައި ރާއްޖެއާ މެދު ފިޔަވަޅު އަޅަން ގަރާރެއް ފާސްކުރި އެވެ.
ރާއްޖޭގެ ކަންކަން ހިނގަމުން ދަނީ ޑިމޮކްރަސީއާ ބީރައްޓެހި މާހައުލެއްގައި ކަމަށް ބުނެ އީޔޫގެ ޕާލަމެންޓުގެ ބޮޑު އަޣުލަބިއްޔަތަކުން އެ ގަރާރު ފާސްކުރި ނަމަވެސް ދިވެހި ސަރުކާރުން ބުނެފައި ވަނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.