16 ޖެނުއަރީ 2018 - 12:25

ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާއާ ބެހޭ ޚިދުމަތްތަކަށް ދުވާލަކު 50 ނަމްބަރު މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރަން ފަށައިފި އެވެ.

މިގޮތަށް ހަމަޖެއްސުމުން، ވިސާގެ ހޯދުމުގެ ޚިދުމަތަށް އެދި ގިނަ އަދަދެއްގެ ބަޔަކު ހުރަވީ ބިލްޑިންގްގެ ތިރީގައި ރޭ ވެސް ކިޔޫ ހަދައިގެން ތިއްބެވެ.
ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ހަސަން ހަލީލް މިއަދު ވިދާޅުވީ ވޯކް ވިސާ ފިޔަވައި ވިސާއާ ބެހޭ އެހެނިހެން ޚިދުމަތް ދިނުމަށް ދުވާލަކު 50 ނަމްބަރު ދޫކުރާ ގޮތަށް ހަމަޖެއްސީ، ކުރިން ބޭނުންކުރި ސިސްޓަމްގެ ބަދަލުގައި އާ ސިސްޓަމެއް ތައާރަފް ކުރުމުން ކުރިމަތިވާ ދަތިތަކާ ހެދީ ކަމަށެވެ.
"ކުރީގެ ސިސްޓަމް ބޭނުން ކުރެވޭ ވަރު ނުވެގެން އާ ސިސްޓަމެއް ހެދީ. އެ ސިސްޓަމް ޓެސްޓް ކުރުމުގެ މަރުހަލާގައި އުޅޭތީ ބައެއް ދަތިތަކާ ދިމާވޭ. އެ ސިސްޓަމް ބޭނުންކުރާއިރު މުވައްޒަފުންނަށް ވެސް ތަމްރީން ދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވިގޮތުގައި އަލަށް ހެދި ސިސްޓަމްގައި ދިމާވާ މައްސަލަތައް ހައްލުކޮށް އަންނަ ހަފުތާގައި ޚިދުމަތް ފުރިހަމައަށް ދޭން ފެށޭވަރުވާނެ އެވެ. އަދި ވިސާގެ މުއްދަތު ހަމަވާ ފަރާތަކަށް ލިޔުމުން މުއްދަތު އިތުރު ކޮށްދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ޚިދުމަތް ހޯދަން އެދޭ ފަރާތަކަށް ހުށަހެޅޭނީ ނަމްބަރަކަށް ދެ އެޕްލިކޭޝަން ފޯމް. އެ އަށް ވުރެ ގިނައިން ނުނެގެނީ ސިސްޓަމްގައި ބައެއް މައްސަލަތައް ހުރުމުން. މިހާރު ހުރި ބެކްލޮގް އަންނަ ހަފުތާގެ ތެރޭގައި ކްލިއާކޮށް ހިދުމަތް ފުރިހަމައަށް ދޭން ފެށޭނެ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް މީހުންނަށް އެޕޮއިންޓްމެންޓް ދީގެން މިދިޔަ ހޮނިހިރު ދުވަހު ވެސް ޚިދުމަތް ދީފައިވާނެ ކަމަށެވެ.