ޔުނައިޓެޑް ދެ ވަނައިގައި ލީޑު ނަގައިފި
ޔުނައިޓެޑް ދެ ވަނައިގައި ލީޑު ނަގައިފި

މެންޗެސްްޓާ (ޖެނުއަރީ 16) – ސްޓޯކް ސިޓީ އަތުން 3-0 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައި، އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ 12 ޕޮއިންޓަށް ގާތްކޮށްފި އެވެ.

ލިވަޕޫލް އަތުން އާދީއްތަ ދުވަހު 4-3 އިން ބަލިވި ސިޓީ 62 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ޔުނައިޓެޑް ދެ ވަނައިގައި އޮތީ 50 ޕޮޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ލިވަޕޫލާއި ހަތަރު ވަަނައިގައި އޮތް ޗެލްސީ އަށް 47 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑް ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ދެ ލަނޑު ޖަހަން މަގުފަހިކޮށްދިނީ ވެސް އޭނާ އެވެ. ފުރަތަމަ ގޯލް ނުވަ ވަނަ މިނެޓުގައި އެންޓޯނިއޯ ވެލެންސިއާ ޖެހިއިރު ދެ ވަަނަ ގޯލް 38 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެންތަނީ މާޝިއާލް އެވެ. އަދި މާޝިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ތިން ވަނަ ގޯލް 72 ވަނަ މިނެޓުގައި ޖެހީ ފާޑުކިޔުން އަމާޒުވެފައިވާ ރޮމެލޫ ލުކާކޫ އެވެ.

މި މެޗުގައި ސްޓޯކް ސިޓީ އަށް ވެސް ރަނގަޅު ފުުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. އެ ޓީމު އޮތީ 20 ޕޮއިންޓާ އެކު 18 ވަނައިގަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ސްޓޯކުން ކުޅުންތެރިން ގަތީ ފުޓްބޯޅަ ކުޅެން ކަމަށާއި އެ ޓީމުގެ ފަރާތުން ކުޅެން ޖެހިލުންވެގެން ތިބިތަން ނުފެންނަ ކަމަށެވެ. އަދި ފުރަތަމަ ހާފުގައި އެ ޓީމުން ޔުނައިޓެޑަށް މައްސަލަ ކުރިމަތިކުރުވި ކަމަށް އޭނާ ބުންޏެވެ.

މޮރީނިއޯ ބުނީ އާދީއްތަ ދުވަހު ލިވަޕޫލުން ސިޓީ ބަލިކުރި މެޗު އޭނާ ނުބަލާ ކަމަށާއި އެ މެޗުގެ ނަތީޖާ އިން އެއްވެސް ކަމެއް ބަދަލުނުވާ ކަމަށެވެ.