ކުމުންދޫން ހޮވި މާވަހަރުގެ އަގު 17 މިލިޔަން ރުފިޔާ އަށް
ކުމުންދޫން ހޮވި މާވަހަރުގެ އަގު 17 މިލިޔަން ރުފިޔާ އަށް

ބާޒާރުގައި މާވަހަރު ގަންނަ އަގަށް ބަލާއިރު، ހދ. ކުމުންދޫން މިދިޔަ އީދު ދުވަހު ހޮވި 47 ކިލޯގެ މާވަހަރުގެ އަގު 17 މިލިޔަން ރުފިޔާއަށް އަރައިފި އެވެ.

މާވަހަރު ގަންނަ ބައެއް ފަރާތްތަކުން ބުނިގޮތުގައި މާވަހަރުގެ ރޭޓު މިހާރު އުޅެނީ ގްރާމަކަށް 24 ޑޮލަރުގަ އެވެ. އެ ރޭޓުން ބަލާ ނަމަ ކުމުންދޫ ގޮނޑުދޮށުން ހޮވި މާވަހަރުގެ އަގަށް 17 މިލިޔަން ރުފިޔާ އަރާނެ އެވެ.

ކުމުންދޫ އަންހެނަކާ އިނދެގެން މާލޭގައި ދިރިއުޅޭ ޒުވާނަކަށް މާވަހަރު ފެނުނީ ކުޑަ އީދަށް އެރަށަށް ގޮސް އުޅެނިކޮށް އޭނާގެ ދަރިފުޅު ގޮވައިގެން އެ ރަށު ބޮޑު މަގުން އުތުރު ފަރާތު ގޮނޑުދޮށަށް ފޭބި ތަނުންނެވެ.

އެ ޒުވާނާ މިއަދު ބުނީ އޭނާއަށް ފެނުނީ މާވަހަރެއްކަން މިހާރު ޔަގީން ވެއްޖެ ކަމަށާއި އެ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި މާވަހަރު ގަންނަން ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނައިރު ވިއްކާލާނެ ވަކި މީހަކު އަދި ކަނޑަނާޅާ ކަމަށް ވެސް ބުންޏެވެ.

"އަޅުގަނޑު މިހާރު (މާވަހަރު ވިއްކާލުމަށް) އެކި މީހުންނާ ވާހަކަ ދައްކަމުން މިދަނީ. އެކަމަކު އަދި ވަކި އަގެއް ކަނޑައެއް ނޭޅޭ،" އޭނާ ބުންޏެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި މިދިޔަ އަހަރު ށ. ކޮމަންޑޫން ހޮވި 30 ކިލޯގެ މާވަހަރު ގަތް މީހުން، ކުމުންދޫން ހޮވި މާވަހަރު ވެސް ގަންނަން އަންނަނީ ވާހަކަ ދައްކަމުންނެވެ. ކޮމަންޑޫ މާވަހަރު އެ މީހުން ގަތީ ވެސް 17 މިލިިޔަން ރުފިޔާ އަށެވެ.

ކޮމަންޑޫން ފެނުނީ އަގުބޮޑު މާވަހަރެއް ކަމަށްވާ ހުދަންބަރެކެވެ. އެކަމަކު ކުމުންދޫން ހޮވީ އާދައިގެ މާވަހަރެކެވެ.

ކުމުންދޫ މާވަހަރު އަދިވެސް އޮތީ އެ ރަށުގަ އެވެ. އެކަމަކު އޭގެ ސާމްޕަލް މާލެއަށް މިހާރު ވަނީ ފޮނުވާފަ އެވެ.