15 ޖެނުއަރީ 2018 - 14:26

ރައްޔިތުންގެ މަޖިލީހުގެެ ދިއްގަރު ދާއިރާގެ މެމްބަރު އަހުުމަދު ފާރިސް މައުމޫން ޝަހްސު އޮޅުވާލި ކަމަށް ބުނާ މައްސަލާގައި، އޭނާ ޕްރެސް ކޮންފަރެންސްގައި ބައިވެރިވީ ޕީޕީއެމްގެ ހައިސިއްޔަތުން ކަމަށާއި އެކަމަކު އެތަނުގައި އޭނާ ދެއްކެވި ވާހަކަތައް ހަނދާން ނެތް ކަމަށް އެ މައްސަލާގައި ދެ ހެކިވެރިން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
ޝަހްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް ކުރަނީ އޭނާ ޕީޕީއެމުން ވަކި ކޮށްފައި ވަނިކޮށް، މިދިޔަ މާޗް މަހު އިދިކޮޅު ކޯލިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް އޭނާ ބޭނުން ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ސިއްރުން މިއަދު ހެކިބަސް ދިން ދެ މީހުންނަކީ އެ ޕްރެސް ކޮންފަރެންސަށް ދިޔަ ދެ މީހެކެވެ. ކޮންމެ މީހެއްގެ ހެކިބަސް ނެގީ ވަކިވަކިންނެވެ.
ދައުލަތުން ކުރި ސުވާލުތަކުގެ ޖަވާބުގައި އެ ދެ ހެކިވެރިން ވެސް ބުނީ ފާރިސް އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެ ވާހަކަ ދެއްކެވީ ޕީޕީއެމްގެ ފަރާތުން ކަމަށެވެ. އެތަނުގައި ޕީޕީއެމްގެ ދިދަ އެވަގުތު ހުރި ކަމަށް ވެސް އެ ދެ ހެކިވެރިން ބުންޏެވެ.
ފާރިސް އެތަނުގައި ވާހަކަ ދެއްކެވީ ޕީޕީއެމްގެ ފަރާތުން ކަމަށް ހެކިވެރިން ގަބޫލުކުރަނީ ކީއްވެގެންތޯ ދައުލަތުން ސުވާލު ކުރުމުން ފުރަތަމަ ހެކިވެރިޔާ ބުނި ގޮތުގައި، ފާރިސް ބައިވެރިވީ ޕީޕީއެމްގެ ހައިސިއްޔަތުން ކަމަށް ފާރިސް އެ ޕްރެސް ކޮންފަރެންސްގައި ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެފަދަ ވާހަކައެއް ފާރިސް ވިދާޅުވި ކަމަކަށް ދެވަނަ ހެކިވެރިޔާ ބުނެފައެއް ނުވެ އެވެ.
އެ ޕްރެސް ކޮންފަރެންސްގައި ފާރިސް ދެއްކެވީ ކޮން ވާހަަކަތަކެއްތޯ ސުވާލު ކުރުމުން ދެ ހެކިވެރިން ވެސް ބުނީީ މިހާރު ހަނދާން ނެތް ކަމަށެވެ. އެއީ ކޮން ތާރީޚެއްގައި ބޭއްވި ޕްރެސް ކޮންފަރެންސެއް ތޯ ދެވަނަ ހެކިވެރިޔާއާ ސުވާލު ކުރުމުން އޭނާ ބުނީ އެއީ މާޗް، 23 ގައި ބޭއްވި ޕްރެސް ކޮންފަރެންސެއް ކަމަށެވެ. އެކަމަކު ދައުވާގައިވާ ގޮތުން އެއީ މާޗް، 22 ގައި ބޭއްވި ޕްރެސް ކޮންފަރެންސެކެވެ.
އެ ދެ ހެކިވެރިން ވެސް ބުނިގޮތުގައި އެ މީހުން އެތަނަށް ދިޔައީ ނޫސްވެރިންގެ ހައިސިއްޔަތަކުން ނޫނެވެ. އެހެންވެ އެކަމާ މެދު ފާރިސްގެ ވަކީލުން ސުވާލު ކުރިމަތިކުރި އެވެ. ޕްރެސް ކޮންފަރެންސްތަކަށް ދައުވަތު ދެނީ ނޫސްވެރިންނަށް ކަމަށް ވާއިރު، އާންމު މީހަކު އެތަނަށް ދިޔައީ ކީއްވެގެންތޯ ފާރިސްގެ ވަކީލުން ފުރަތަމަ ހެކިވެެރިޔާއާ ސުވާލުކުރި އެވެ.
ޖަވާބުގައި އޭނާ ބުނީ އެތަނަށް ދާން ދައުވަތު ލިބުނު ގޮތް މިހާރު ހަނދާން ނެތް ކަމަށެވެ.
ހެކިވެެރިންނަކީ ކޮން ބައެއްކަން ހާމަވެއްޖެ ނަމަ އިގްތިސާދީ ގެއްލުމެއް ހެކިވެރިންނަށް ލިބިދާނެ ކަމަށް ދައުލަތުން ކުރިން ބުނެފައިވާތީ ވެސް ފާރިސްގެ ވަކީލުން ވަނީ އެ ސުވާލުތައް ހެކިވެރިންނާ އަމާޒުކޮށްފަ އެވެ.
އެކަމާ ގުޅިގެން ފާރިސްގެ ވަކީލް މައުމޫން ހަމީދު ފުރަތަމަ ސުވާލު ކުރީ އެ ހެކިވެރިންނަކީ ފާރިސް ހަމަޖައްސައިދީފައިވާ ވަޒީފާއެއްގައި ތިބި ބައެއްތޯ ނުވަތަ ނޫންތޯ ސާފުކޮށް ދިނުމަށެވެ. ޖަވާބުގައި އެ ދެ މީހުން ވެސް ބުނީ ފާރިސް ދީފައިވާ ވަޒީފާއެއްގައި ނޫޅޭ ކަމަށެވެ.
އެގޮތަށް ބުނުމުން މައުމޫން ވަނީ، ވަޒީފާގެ ގުޅުމެއް ނެތްއިރު ފާރިސްގެ ފަރާތުން އެ ހެކިވެރިންނަށް އިގްތިސާދީ ގެއްލުމެއް ދެވެނީ ކިހިނަކުންތޯ ވިދާޅުވެ، ސުވާލުކޮށްފަ އެވެ. ޖަވާބުގައި ދެ ހެކިވެރިން ވެސް ބުނީ އެފަދަ ގެއްލުމެއް ފާރިސްގެ ފަރާތުން ދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެކަމަކު ސިއްރުން ކޯޓުގައި ހެކިބަސް ދެވޭނެ ގޮތް ހަމަޖައްސައިދޭން ކުރިން އެދިފައިވާނެ ކަމަށް ދެ ހެކިވެރިން ވެސް ބުންޏެވެ.
އެ މައްސަލާގެ ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ތެރެއިން ހެކިބަސް ނަގާނެ ހެކިވެރިންނާ ބެހޭގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމެވެ.
ފާރިސްގެ ފަރާތުން ދިފާއުގައި 47 މީހަކު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހެކިބަސް ނެގުމަށް ދެކޮޅު ހަދާ ކަމަށް ދައުލަތުން މިއަދު ވަނީ ބުނެފަ އެވެ. އޭގެ ތަފްސީލުތައް އަންނަ ހަފުތާގައި ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ޝަހްސު އޮޅުވާލުމުގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ އެވެ.
އެ މައްސަލައިގެ އިތުރުން ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ.