ދަރިން ތަރުބިއްޔަތު ކުރުމުގައި މުހިންމު ފަސް ކަމެއް
ދަރިން ތަރުބިއްޔަތު ކުރުމުގައި މުހިންމު ފަސް ކަމެއް

ޓެކްނޮލޮޖީގެ މި ޒަމާނުގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑުކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ގިނަ މައިންބަފައިން ގަބޫލު ކުރެ އެވެ. ފޯނާއި ޓެބްލެޓާއި ކޮމްޕިއުޓަރާއި އިންޓަނެޓް އަދި އެކި ފާޑުގެ ގެޖެޓްތަކަށް ކުދިންގެ ސަމާލުކަން މުޅިން ހުއްޓިފައިވާ މިޒަމާނުގައި ދަރިން ގެންގުޅެން ޖެހޭ ގޮތް ހަމަ ގައިމުވެސް ކުރިއާ ވަރަށް ތަފާތު ވާނެކަން ޔަގީނެވެ.

ކުރިން ކުދިން އުޅޭނީ ގެއިން ބޭރުގައި ބޯޅަ ކުޅެ ދުވެ މަޖާކޮށް ސަކަރާތް ޖެހުމުގަ އެވެ. ތަނެއްގައި މަޑުން އިނދެލައިގެން ގިނަ ފަހަރަށް ކުޅެލާނީ ތާސްބައި ނުވަތަ ފަސްއޮށް ކަހަލަ ކުޅިވަރެކެވެ. ނަމަވެސް މިޒަމާނުގައި ކޮންމެ ކުއްޖަކުވެސް އިންނާނީ ސްކްރީނަކަށް ބަލަހައްޓައިގެންނެވެ.

ހާވާޑް ޔުނިވަސިޓީގެ ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި މިޒަމާނުގައި، ބަސް އަހާ ކުއްޖަކު ބޮޑުކުރުމަށް ވަރަށް މުހިއްމު ފަސް ކަމަކަށް ސަމާލުކަން ދޭން ޖެހެ އެވެ. މިއީ ކޮންމެ ކުއްޖެއްގެ ދިރިއުޅުމަށް ވެސް ވަރަށް މުހިއްމު ފަސް ކަންތަކެވެ.

ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކާ ހެދި ދިރިއުޅުމުގެ ކަންކަމަށް ވަގުތެއް ނުވެ އެވެ. ޚަބަރުތަކާއި އީމެއިލްތައް ޓެކްސްޓްތަކާ ހެދި އަހަރެމެންނަށް އެހެން ކަމަކަށް ސަމާލުކަން ދޭނެ ވަގުތެއް ނުވެ އެވެ. މިކަމުގައި ސަބަބުން ގިނަ ބައެއްގެ އާއިލީ ގުޅުމަށް ވެސް ވަނީ ބުރޫ އަރާފަ އެވެ.

މިފަދަ ގޮތަކަށް ދިރިއުޅެމުންދާއިރު ދަރިންގެ އަތަށް ވެސް ފޯނެއް ޓެބްލެޓެއް އެއްޗެއް ދީފައި އެކުދިން މަސަލަސް ކޮށްފައި ބޭތިއްބުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް ސައިންސްވެރިންގެ ނަޒަރުގައި ރަނގަޅަށް ދަރިން ތަރުބިއްޔަތުކުރަން އެދޭ މީހުން ކުރަން ޖެހޭނެ އެންމެ މުހިއްމު ކަމަކީ އެކުދިންނާއެކު ހޭދަކުރާނެ ވަގުތު ހޯދުމެވެ. ފޯނާއި ކޮމްޕިއުޓަރާއި ހުރިހާ އެއްޗެެއް ދޫކޮށްލައިފަ އެވެ.

އެ ވަގުތުކޮޅަކީ ކުއްޖާއަށް ފޮތެއް ކިޔައިދިނުން، ބޯޅަ ކުޅުން، ހިނގާލަން ދިއުން، ސަކަރާތްޖަހާލަން ދުވެލާ ހެދުން ފަދަ ކޮންމެ ކަމެއް ވިޔަސް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތެއް ކުދިންނަށް ޚާއްސަކޮށް އެ ވަގުތު ކުދިންނާއެކު ހޭދަކުރުމެވެ. މި ވަގުތަކީ ސީދާކޮށް ކުއްޖާއާ އެ ކުއްޖާގެ މައިންބަފައިން ވާހަކަ ދައްކާލާ އެ ދުވަހު ކުރީ ކޮން ކަންތައްތަކެއްތޯ ސުވާލުކޮށްލައި އަދި ކުއްޖާގެ ހުރި ކަންބޮޑުވުމާއި އެ ދުވަސް ހޭދަކުރި ގޮތް ކިޔައިދޭ ވަގުތުކޮޅަކަށް ހެދުން މުހިއްމެވެ.

މިއީ އެ ކުއްޖާ މުޅި އުމުރަށް ވެސް ހަނދާން ހުންނާނެ ވަގުތުތަކެކެވެ. ބައްޕަ ނުވަތަ މަންމަ އެކުދިންނަށް ގަނެދިން އަގުބޮޑު އެއްޗެހީގެ މަތިން ކުދިން ހަނދާން ނެތުނަސް އެކުދިންނާއެކު ހޭދަކުރި އުފާވެރި ވަގުތުތައް އެކުދިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އެވެ. ހަގީގަތުގައި އަގުބޮޑު އެއްޗިއްސަށް ވުރެ މައިންބަފައިން ހޭދަކޮށްލާ ވަގުތުކޮޅު މާ މުހިއްމު ވާނެ އެވެ.

ހާވާޑް ސައިންސްވެރިން ބުނާ ގޮތުގައި މައިންބަފައިންނާއި ބެލެނިވެރިން ކުދިންގެ ކަންކަމަށް އެންމެ ބޮޑަށް އިސްކަންދޭ ކަމަށް ބުނި ނަމަވެސް ކުދިންގެ އިހްސާސްތައް ދެނެގަތުމުގައި ވަނީ ފެއިލްވެފަ އެވެ. ކުދިންގެ އިހްސާސްތައް ދެނެގަނެވޭނީ ކުދިންނާ އެކު ވަގުތު ހޭދަކޮށް ސުވާލުކޮށްގެންނެވެ. އެއްވެސް ޖެހިލުމެއް ނެތި ކުއްޖާއަށް އޭނާގެ މަންމަ ނުވަތަ ބައްޕަ ކައިރީގައި ބޭނުން ކޮންމެ ވާހަކައެއް ވެސް ކިޔައިދިނުމުގެ ފުރުސަތު އޮންނަން ޖެހޭނެ އެވެ.

ދަރިންނަށް ވުރެ މުހިއްމު އެއްވެސް ކަމެއް މައިންބަފައިންނަށް ނެތް ކަން ކުދިންނަށް ޔަގީން ވާން ޖެހޭނެ އެވެ. މައިންބަފައިން ކުދިންނާ ވާހަކަ ދައްކައިގެން ވެސް އެކުދިންނަކީ މައިންބަފައިންނަށް ކިހާ މުހިއްމު ބައެއްކަން ވިސްނައިދޭން ޖެހޭނެ އެވެ. ވާހަކަ ދެއްކުން ވަރަށް މުހިއްމެވެ. ކައިރީގައި ބައިންދައިގެން، ސްކޫލްގައި ހިނގި ކަންކަމާއި ހޯމް ވޯކްގެ ވާހަކަ އާއި އެކުވެރިންގެ ވާހަކަތައް ވެސް އަހައި އޮޅުން ފިލުވާށެވެ.

މައިންބަފައިންނަށް ދަރިންނަށް ދެެވޭނެ އެންމެ އަގުހުރި އެއް ހަދިޔާއަކީ ކަންކަމާ މެދު ވިސްނައި އެކަންތައްތައް ހައްލުކުރާނެ ގޮތް ދަސްކޮށްދިނުމެވެ. ކުއްޖާއަށް އިތުބާރުކޮށް އޭނާ ބޭނުން ގޮތަކަށް އެކަމެއް ނިންމަން ފުރުސަތު ދިނުމެވެ. ކުދިންނަށް ދިމާވާ މައްސަލަތައް ހުރިހާ ފަހަރަކު މައިންބަފައިންނަކަށް ހައްލެއް ނުކޮށްދެވޭނެ އެވެ. އެކުދިންނަށް ފެންނަ އެންމެ ރަނގަޅަކަށް އެކުދިންގެ ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރަން ފުރުސަތު ދިނުމަކީ އެންމެ ފައިދާ ހުރި ގޮތެވެ. ކާމިޔާބީތައް ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް އަޒުމު ކަނޑައަޅައިގެން މަންޒިލަށް ވާސިލުވުމަށް ކުދިން ހޭލުންތެރި ކުރުވުމަކީ އެކުދިންނަށް ދެވޭނެ އަގުނުކުރެވޭ ވަރުގެ ހަދިޔާ އެކެވެ.

ތިމާގެ ދަރިފުޅު ބޮޑުވާއިރު އުފެއްދުންތެރި މީހަކަށް ވާން ކޮންމެ މީހަކުވެސް ބޭނުންވާނެ އެވެ. މިފަދަ މީހަކަށް ވެވޭނީ ކުޑައިރު ދިމާވާ ގޮންޖެހުންތައް ހައްލުކުރާނެ މަގު ކުދިންނަށް ދައްކައިދީ އަދި އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައިކަން ބުނެދީގެންނެވެ. ކުއްޖާއަށް ގޯސްކޮށް ކަމެއް ކުރެވޭއިރު ފަހަތުގައި ބަލަން ހުންނަން އުނދަގޫވާނެ އެވެ. ނަމަވެސް ތިމާ ފަދައިން އެކުދިންވެސް ދަސްކުރާނީ ކުރެވޭ ތަޖުރިބާތަކުގެ އަލީގަ އެވެ. ކުށް ކުރެވުމަކީ އިންސާނީވަންތަ ސިފައެއްކަން ކުދިންނަށް ދަސްވާނީ މިފަދަ ކަންތައްތަކުން ކުރެވޭ ތަޖުރިބާ އިންނެވެ. ކުދިން ކުރާ ކަންތައްތަކުން އެ ކުދިންނަށް އުފަލެއް ހާސިލުވާން ބޭނުންވާ ފަދައިން އެކުދިން ވެސް ކުރާ ކަންތަކުން މައިންބަފައިން އުފާ ކުރުވަން ބޭނުންވާނެ އެވެ.

ކަންކަން ހާސިލުކުރުމަށް މާ ބޮޑަށް ކުރިންނަށް ޕްރެޝަރުކުރުމަކީ އޭގެ ނުރަނގަޅު އަސަރުތައް ކުއްޖާއަށް ކުރާނެ ކަމެކެވެ. ކުއްޖާއަށް އުފާ ހާސިލު ކުރެވޭ ވަރު ވެސް ދަށްވާނެ ކަމެކެވެ.

ސައިންސްވެރިން ކޮށްފައިވާ އެކި ދިރާސާތަކުން ދައްކާ ގޮތުން ކުދިން ކުރާ ރަނގަޅު ކަންތައްތަކަށް ތައުރީފުކުރުން އާދަކޮށްފައި ތިބޭ މީހުންގެ ދަރިންނަކީ އޯގާތެރި، އުފާވެރި، ދީލަތި، އެހެން މީހުންނަށް އެހީތެރިވާ އަދި އެހެން މީހުންނަށް ފަސޭހައިން މައާފުކުރާ ކުދިންނަށްވެ އެވެ. އަދި މިއީ އެންމެ ސިއްހަތު ރަނގަޅު އެންމެ އުފާވެރި ދިރިއުޅުން އުޅޭ ކުދިންނެވެ.

ދަރިންނާ ހަވާލުކުރާ ކޮންމެ ކަމެއް ވެސް ކޮށް ނިންމާލުމުން އެކުރި ކަންތަކުގެ އަގު ވަޒަންކޮށް ކުދިންނަށް ތައުރީފު ކުރުމަކީ މައިންބަފައިންގެ އާދައަކަށް ހަދަން ޖެހޭނެ އެވެ. ކުދިންކުރާ ކަންތަކުގެ އަގު މައިންބަފައިން ވަޒަން ކުރުމަށްވުރެ ކުދިންނަށް ދެވޭނެ އަގުހުރި ހަދިޔާއެއް ނެތެވެ. އެކުދިން ކުރީ ތައުރީފު ހައްގު މަސައްކަތެއް ނަމަ އެކުދިންނަށް ހައްގު ތައުރީފު އަދާކުރާށެވެ. ހާވާޑް ސައިކޮލޮޖިސްޓުން ބުނަނީ ކުދިންނަށް ތައުރީފުކުރުމަކީ ވަރަށް ގިނަ މައިންބަފައިން ކޮށް އުޅޭ ކަމެއް ނޫން ކަމަށެވެ. ނުވަތަ އެކަށީގެންވާ ވަގުތުތަކުގައި އެކަށީގެންވާ ކަންކަމުގައި ތައުރީފުކުރުމުގެ އާދަ ގިނަ މައިންބަފައިން ނުގެންގުޅޭ ކަމަށެވެ.

މައިންބަފައިން ކަމަށް ވާތީ އަހަރެމެން އަހަރެމެންގެ ދަރިންނަށް އޯގާތެރިކަމާއި ހަމްދަރުދީ ވާން ދަސްކޮށްދޭން ޖެހެ އެވެ. މިކަން ކުރެވޭނީ އެކުދިންނަށް އެފަދަ ކަންކަން ކުރާނެ ފުރުސަތު ދީގެންނެވެ. މިސާލަކަށް އެކުދިންނަށް ވުރެ ދެރަ ނިކަމެތި ހާލުގައި އުޅޭ ކުދިންނާއި މީހުން ދައްކާ އެމީހުންނަށް އަޅާލާ އެހީތެރިކަން ފޯރުކޮށްދޭން ދަސްކޮށްދީގެންނެވެ.

ދަރިންނަށް މައިންބަފައިން ދޭ ލޯތްބާއި އޯގާތެރިކަމުން އެކުދިންނަށް ދުނިޔެ ދައްކާށެވެ. ސައިންސްވެރިން ބުނަނީ އާއިލާގެ މީހުންނާއި ރައްޓެހިންނަށް ރަހުމާއި ހަމްދަރުދީވުމަކީ ކުޑަކުދިންގެ ފިތުރަތުގައި ހުންނަ ކަމެއް ކަމަށެވެ. އެހެން މީހުންގެ ވާހަކަތައް އަޑުއަހައި އެހެން މީހުންނަށް ހަމްދަރުދީ ވާ ކުއްޖަކަށް ތިމާގެ ދަރިފުޅު ހަދާށެވެ. ކޮންމެ ކުލައެއްގެ ކޮންމެ ސިފައެއްގެ ކޮންމެ މީހަކަށް ވިޔަސް އިހްތިރާމާއި ގަދަރު ދޭން ދަރިފުޅަށް ދަސްކޮށްދޭށެވެ.

އަހަރެމެންނަށް ގެންގުޅެ ބޮޑުކުރަން ލިބިފައިވަނީ ސާފު ތޯހިރު މައުސޫމް ތުއްތު ފުރާނައެކެވެ. އަހަރެމެން ބޭނުން ކޮންމެ ކަހަލަ މީހަކަށް އެ ކުއްޖަކު ހެދުމުގެ ކުޅަދާނަކަން އަހަރެމެންނަށް ލިބިގެން ވެއެވެ.

ދަރިންނަށް ހެޔޮކޮށް ހިތައި އޯގާތެރިކަމާއި ލޯބި ދީގެން ގެންގުޅޭށެވެ. އެކުދިން ބޮޑުވެގެން މުޅި ދުނިޔެއަށް ވެސް އޭގެ މިސާލު ދައްކާނެ އެވެ.