އަދި 30 އަހަރުވެސް ނުވޭ، ކައިވެނި ކުރާކަށް ނޫޅޭން: ކަންގަނާ
އަދި 30 އަހަރުވެސް ނުވޭ، ކައިވެނި ކުރާކަށް ނޫޅޭން: ކަންގަނާ

އުމުރުން އަދި 30 އަހަރު ވެސް ނުވާ ކަމަށާއި އެހެންވެ އަދި ކައިވެނިކުރުމުގެ ވިސްނުމެއް ނެތް ކަމަށް ކަންގަނާ ރަނާވަތު ބުނެފި އެވެ.

"މިއިން ޒަމާނަކުވެސް ކައިވެންޏެއް ކުރުމުގެ ވިސްނުމެއް ނެތް. އަދި އަހަންނަކަށް 30 އަހަރު ވެސް ނުފުރޭ. އަހަންނަކަށް ނޭނގެ އެހާ އަވަހަށް އަންހެނުން ކައިވެނި ކުރުވަން މި މުޖުތަމައުގައި މީހުން މި އުޅޭ ސަބަބެއް،" އިންޑިއާޒް ނެކްސްޓް ސުޕަސްޓާ"ގައި މެހެމާނެއްގެ ގޮތުން ބައިވެރިވެ ދެއްކި ވާހަކައިގައި ކަންގަނާ ބުންޏެވެ.

މިދިޔަ އަހަރަކީ ކަންގަނާގެ ޚަބަރުތައް ވަރަށް ގިނައިން ނޫސްތަކުން ފެނުނު އަހަރެކެވެ. މަޝްހޫރު ބަތަލު ރިތިކް ރޯޝަންއާ ލޯބީގެ ގުޅުމެއް އޮތް ކަމަށް ދޭހަވާ މޭރުމުން ކަންގަނާ ދެއްކި ވާހަކަތައް ދޮގުކޮށް ރިތިކް އޭނާ އަށް ޖަވާބުދިނުމުގެ ސަބަބުން މި ދެ ތަރިންގެ މެދުގައި އަހަރު ފެށުނީއްސުރެ ނިމެންދެން ވެސް ވަރަށް ބޮޑު ކޯޅުންގަނޑެއް އޮތީ ހިނގައިފަ އެވެ.

އޭގެ ފަހުން ފިލްމު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރާ ވެސް ކަންގަނާގެ އަރާރުމެއް ވަރަށް ހޫނުވި އެވެ. ފިލްމީ ތަރިންގެ ދަރިންނާއި ބޭރުން އިންޑަސްޓްރީއަށް ވަންނަން މަސައްކަތްކުރާ އެކްޓަރުންނާ ދެމެދު ކަރަން ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ކަންގަނާ ދެއްކި ވާހަކަ ތަކަކާ ގުޅިގެންނެވެ.

ނަމަވެސް 2018 ވަނަ އަހަރު ފެށުނުއިރު ކަންގަނާ ވަނީ ވަރަށް ހަމަހިމޭން ވެފަ އެވެ. އަދި އޭނާ ރުޅި އައިސްގެން އުޅުނު ގިނަ މީހުންނާ އަލުން ގުޅުން ބަދަހިކުރަން އުޅުނުކަން ވަނީ ފާހަގަވެފަ އެވެ.