16 ޖެނުއަރީ 2018 - 06:12

ފިލްމީ ތަރި ސަލްމާން ޚާން ހޯސްޓްކުރާ "ބިގް ބޮސް"ގެ ކޮންމެ ސީޒަނެއް ނިމޭއިރު ވެސް އޭނާ ދައްކާ ވާހަކައިން ހީވަނީ ދެން އޮންނަ ސީޒަނެއްގައި އޭނާ ދެން ނުފެންނާނެ ކަމަށެވެ. ސީޒަން 11 ނިންމާލުމާ އެކު ވެސް މިގޮތަށް ވާހަކަ ދެކެވެން ފަށައިފި އެވެ.
މިއީ "ބިގް ބޮސް" ހޯސްޓްކުރާނެ އެންމެ ފަހު ސީޒަން ކަމަށް ވަރަށް ގިނަ ފަހަރު ސަލްމާން ބުނެފައި އެބަހުއްޓެވެ. ނަމަވެސް އެންމެ ފަހު ވަގުތު ޝޯގައި ސަލްމާން ބައިވެރިވާތަން ވަނީ ފެނިފަ އެވެ. ޝޯގެ ފޭނުން ގަބޫލުކުރާ ގޮތުގައި ޝޯ ބަލާހިތްވާ އެއްޗަކަށް ވެފައި ވަނީ ސަލްމާން ބައިވެރިވާތީ އެވެ.
"ވީކްއެންޑް ކާ ވާރް"ގެ ނަމުގައި ހަފުތާ ބަންދުގައި ދައްކާ ދެ ޝޯ އަކީ އެންމެ ގިނަ ބަޔަކު ބަލާ ޝޯތަކަށް ވަނީ އެ ޝޯތަކުން ސަލްމާން ފެންނާތީ އެވެ.
ޝިލްޕާ ޝިންޑޭ ޓްރޮފީ ހާސިލުކޮށް "ބިގް ބޮސް"ގެ 11 ވަނަ ސީޒަން މިހާރު މިވަނީ ނިމިފަ އެވެ. އެއާއެކު ސަލްމާން ކުރިޔަށް އޮތް ތަނުގައި މި ޝޯއިން ފެނިދާނެތޯ އަނެއްކާވެސް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
ލީކުވެފައިވާ ގްރޭންޑް ފިނާލޭގެ ބެކްސްޓޭޖް ވީޑިއޯއެއްގައި، ދެން އަންނަ ސީޒަނަކާ ބެހޭ ގޮތުން ސަލްމާން ވާހަކަ ދައްކާތަން ވަނީ ފެނިފަ އެވެ. އަދި ޝޯގެ އިތުރު ސީޒަނަކުން އޭނާ ފެނިދާނެކަން ޔަގީން ނޫން ކަމަށް ސަލްމާން ބުނާތަން މި ވީޑިއޯއިން ފެނެ އެވެ.
"ބިގް ބޮސް" ސީޒަން 1 ހޯސްޓްކުރީ އަރްޝަދު ވާރްސީ އެވެ. ދެ ވަނަ ސީޒަން ޝިލްޕާ ޝެޓީ އެވެ. ތިން ވަނަ ސީޒަން އަމީތާބު ބައްޗަން އެވެ. އޭގެ ފަހުން ސަލްމާން ޚާން ހޯސްޓް ކުރަމުން އައިސް އެއްފަހަރު ފަރާ ޚާން އަނެއް ފަހަރު ސަންޖޭ ދަތު ހޯސްޓްކުރި ތަން ފެނުނެވެ. ބާކީ ހުރި ހުރިހާ ސީޒަނެއްގެ ހޯސްޓަކީ ސަލްމާނެވެ.