15 ޖެނުއަރީ 2018 - 11:44

ޔޫތު ފުޓްބޯޅަ މުބާރާތުގެ ތަށި ކްލަބް އީގަލްސް އަށް ޖެހިޖެހިގެން ތިން އަހަރު ހޯދައިދިނުމަށް ފަހު އެ ކްލަބުގެ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އެ ކްލަބް ދޫކޮށް އެފްއޭއެމްއާ ގުޅިއްޖެ އެވެ.
އީގަލްސްގައި 17 އަހަރު ހޭދަކުރުމަށް ފަހު ޝާކިއްޓެ ވަކިވިއިރު އޭނާ އެފްއޭއެމުގައި މަސައްކަތްކުރާނީ ޔޫތު ކޯޗެއްގެ ގޮތުގަ އެވެ. އެގޮތުން 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޓީމުގެ އިތުރުން އެލީޓް ޓީމުތަކަށް އޭނާ އިރުޝާދުދޭނެ އެވެ.
"މިއީ އަޅުގަނޑު ދެކޭ ގޮތުގައި ރީތި ގޮތުގައި އެހެން ދިމާލަކަށް މޫވްކުރަން އެންމެ ރަނގަޅު ވަގުތު. ޔޫތު މުބާރާތުގެ ތަށި މިލްކްކޮށްދެވިއްޖެ. އަނެއް ސަބަބަކީ ކްލަބުގައި ވަރަށް ގިނަ ޒުވާން ކޯޗުން އެބަތިބި. އެ ކޯޗުންނަށް ވެސް ފުރުސަތުތަކެއް ދޭން ޖެހޭ،" ޝާކިއްޓެ ބުންޏެވެ.
ޝާކިއްޓެ އެ ކްލަބުން ވަކިވިއިރު ހެޑްކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ވެސް ވަނީ ކްލަބް ދޫކޮށް އެފްއޭއެމާ ގުޅިފަ އެވެ. އެފްއޭއެމުގައި ވެސް ޝާކިއްޓެ މަސައްކަތްކުރާނީ ސާންތީގެ ދަށުންނެވެ.
"ސާންތީ ހުރުމުން ފަސޭހަތަކެއް ވާނެ،" ޝާކިއްޓެ ބުންޏެވެ.
އީގަލްސްގެ އާ ކޯޗަކީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ.
ނިއު ރޭޑިއަންޓާއި ވެލެންސިއާ އަށް ވެސް ކުޅެފައިވާ ޝާކިއްޓެ މަޝްހޫރުވެފައިވަނީ އީގަލްސްގެ އޮރެންޖު ޖާޒީގަ އެވެ. އެގޮތުން އޭނާ އެ ކްލަބަށް 10 އަހަރު ކުޅެދިނެވެ. ޝާކިއްޓެ ބުނީ ކްލަބަކާ ދިމާލަށް ދާ ނަމަ ދެން ވެސް ފުރަތަމަ އިހުތިޔާރުކުރާނީ އީގަލްސް ކަމަށެވެ.
"އީގަލްސް އަށް އެންމެ ފުރަތަމަ އިސްކަންދޭނީ. އީގަލްސް އިން ފުރުސަތެއް ނެތިއްޔާ އެހެން ދިމާލަކަށް ދާނީ،" ޝާކިއްޓެ ބުންޏެވެ.