ޔުނައިޓެޑުން ހަތަރު ކުޅުންތެރިއަކު ވިއްކާލަނީ
ޔުނައިޓެޑުން ހަތަރު ކުޅުންތެރިއަކު ވިއްކާލަނީ

މެންޗެސްޓާ (ޖުލައި 12) - މެންޗެސްޓާ ޔުނައިޓެޑުގެ ސީނިއާ ހަތަރު ކުޅުންތެރިން ކަމަށްވާ ހުއާން މަޓާ، މާކޮސް ރޯހޯ، ބަސްޓިއަން ޝްވައިންސްޓައިގާ އަދި ޑެއިލީ ބްލިންޑް ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު މޮރީނިއޯ ވަނީ މިހާތަނަށް ތިން ކުޅުންތެރިއަކު ގެނެސްފަ އެވެ. އެއީ ވިޔަރެއާލްގެ އެރިކް ބެއިލީ އާއި ޕީއެސްޖީގެ ޒަލަޓާން އިބްރަހިމޮވިޗް އަދި ޑޯޓްމަންޑުގެ ހެންރިކް މިކިތާރްޔަން އެވެ. ޔުނައިޓެޑުން އިތުރު ކުޅުންތެރިން ގަތުމަށް ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިން ވިއްކާލަން ވަނީ ނިންމައިފަ އެވެ.

ބްލިންޑާއި ރޯހޯ އަކީ ވެން ހާލް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ޔުނައިޓެޑާ ގުޅުނުއިރު ގެނައި ދެ ކުޅުންތެރިންނެވެ. މަޓާ ގެނައީ ކުރީގެ ކޯޗު ޑޭވިޑް މޮއިސް އެވެ. އަދި ޝްވައިންސްޓައިގާ ގެނައީ މިދިޔަ ސީޒަނުގަ އެވެ. މި ހަތަރު ކުޅުންތެރިން ވިއްކައިގެން ޔުނައިޓެޑަށް މަދުވެގެން 60 މިލިއަން ޕައުންޑް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހަތަރު ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ހުށަހެޅުން ލިބިފައިވަނީ މަޓާ އަށެވެ. އޭނާ ހޯދަން އިނގިރޭސި ދެ ކްލަބް ކަމަށްވާ އެވަޓަން އާއި ވެސްޓް ހޭމް އަދި އިޓަލީގެ ޔުވެންޓަސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޝްވައިންސްޓައިގާ އަށް އެމެރިކާ ލީގުގެ ކްލަބްތަކުން ފާރަލަމުން އަންނައިރު، ރޯހޯ އާއި ބްލިންޑް ހޯދަން ލަލީގާ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.