އިންޑޮނީޝިއާގެ ތައުޒަން އައިލެންޑްސް ރާއްޖެއަށް "ބަދަލުކޮށްލަނީ"
އިންޑޮނީޝިއާގެ ތައުޒަން އައިލެންޑްސް ރާއްޖެއަށް "ބަދަލުކޮށްލަނީ"

އިންޑޮނީޝިއާގެ ޖާވާ ކައިރީގައި އޮންނަ "ތައުޒަން އައިލެންޑްސް"ގެ ރަށްތަކުގައި ދިވެހިރާއްޖެ ނަމޫނާ އަކަށް ބަލައިގެން ޓޫރިޒަމް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖަކާޓާގެ ގަވަރުނަރު ސާންޑިއާގާ އުނޯ ވިދާޅުވެއްޖެ އެވެ.

ސާންޑިއާގާއާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި ހަދާފައި ހުރި ފެންވަރަށް ދެތިން ރިސޯޓެއް ތަރައްގީކުރުމަކީ ވަރަށް ބޮޑު އަމާޒެކެވެ.

"އަޅުގަނޑު ބޭނުންވަނީ ތައުޒަން އައިލެންޑްސްގައި ވޯލްޑް ކްލާސް ދެތިން ރިސޯޓް ތަރަައްގީ ކުރަން. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މިއީ ދިވެހިރާއްޖެ ފަދަ ތަނަކަށް ބަދަލު ކޮށްލުމަކީ ނުވާނެ ކަމެއް ނޫން،" ސާންޑިއާގާ ވިދާޅުވި އެވެ.

ތައުޒަން އައިލެންޑްސް ރާއްޖެއަށް "ބަދަލުކޮށްލުމުގެ" ޕްރޮޖެކްޓަށް ފޮރިން އިންވެސްޓަރުން ހޯދުމަށް ސާންޑިއާގާ ވަނީ މިދިޔަ ނޮވެމްބަރު މަހު އޮތް އިންވެސްޓްމަންޓް ކޯޕަރޭޝަން ދުބާއީ (އައިސީޑީ) އާއި ގްލޯބަލް އިންވެސްޓްމަންޓް ފޯރަމްގައި މަޝްވަރާ ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ބޭރުގެ ބޮޑެތި ބައެއް ކުންފުނިތަކުން މިހާރު ވެސް އިންވެސްޓް ކުރަން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ. އަދި ބައެއް ކުންފުނިތަކުން އިންވެސްޓް ކުރަން ނިންމައި، އެކަމަށް ބޭނުންވާ ހުއްދަތަކަށް އެދެމުން އަންނަ ކަމަށެވެ.

ޓޫރިޒަމާ އެކު އެ ސަރަހައްދުގެ މަސްވެރިކަން ތަރައްގީކުރުމަށް ވެސް ސާންޑިއާގާ ވަނީ މަސައްކަތް ފައްޓަވައިފަ އެވެ.

ޖަކާޓާގެ ވަން ސްޓޮޕް އިންޓެގްރޭޓެޑް ސާވިސްގެ ވެރިޔާ އެޑީ ޖުނައިދީ ވިދާޅުވީ ތައުޒަން އައިލެންޑްގެ ތަރައްގީއާ އެކު، އެ ގައުމުން މި އަހަރަށް އަމާޒުކޮށްފައިވާ 100 ޓްރިލިޔަން ރުޕީސްގެ ފޮރިން އިންވެސްޓްމަންޓްގެ 20 ޕަސެންޓަށް ވުރެ ބޮޑު ބައެއް ކަވަރު ކުރެވޭނެ އެވެ.

އިންޑޮނީޝިއާގެ ތައުޒަން އައިލެންޑްގައި އޮންނަނީ 108 ރަށެވެ. މި ރަށްތަކުގެ ތެރެއިން ޓޫރިސްޓުންނަށް ހާއްސަކޮށްފައި ވަނީ މަދު ރަށްތަކެކެވެ.

އިންޑޮނީޝިއާގެ އިތުރުން ވެސް ބޭރުގެ ބައެއް އެހެން ގައުމުތަކުން ރާއްޖޭގެ ޓޫރިޒަމާއި، މަސްވެރިކަމުގެ ސިނާއަތް މިސާލަކަށް ބަލައިގެން ބައެއް ޕްރޮޖެކްޓްތައް މީގެ ކުރިން ވެސް ވަނީ ހިންގާފަ އެވެ.