މާޒިޔާ އިން އީސަ ފެންނާނެ، އަޑުބަރޭއާ މެދު ސުވާލުތަކެއް
މާޒިޔާ އިން އީސަ ފެންނާނެ، އަޑުބަރޭއާ މެދު ސުވާލުތަކެއް

މިދިޔަ ސީޒަނުގެ މެދުތެރެއިން މާޒިޔާއާ ގުޅުނު ހުނަރުވެރި މިޑްފީލްޑަރު އިސްމާއިލް އީސާ އެ ކްލަބާ އެކު ދެ އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާކަން ހާމަކުރިއިރު އަސްހަދު އަލީ (އަޑުބަރޭ) މިހާތަނަށް ކޮންޓްރެކްޓެއް އާކޮށްފައެއް ނުވެ އެވެ.

ގިނަ ބަޔަކު ހީކޮށްގެން ތިބީ އީސަ މާޒިޔާއާ ގުޅުނީ މިދިޔަ ސީޒަނުގެ ނިޔަލަށް ކަމަށެވެ. އެކަމަކު މާޒިޔާ އިން ބުނީ އޭނާ އަންނަ އަހަރުގެ ނިޔަލަށް މާޒިޔާއާ އެކު އެއްބަސްވުން ހަދާފައިވާ ކަމަށެވެ.

"އީސަ އަކީ ރާއްޖޭގެ އެންމެ މޮޅު އެއް އުފެއްދުންތެރި މިޑްފީލްޑަރު. އޭނާ ވަނީ އޭނާގެ ފެންވަރު މިދިޔަ ސީޒަންތަކުގައި ސާބިތުކޮށްދީފައި،" މާޒިޔާ އިން ބުނެފައިވެ އެވެ. "ޔަގީނުން ވެސް އީސަ ވެގެންދާނީ އަންނަ ސީޒަނުގައި މާޒިޔާގެ ސްކޮޑުގެ މުހިއްމު ބައިވެރިޔަކަށް."

ވިކްޓަރީން ކެރިއަރު ފަށައި ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް އަށް ވެސް ކުޅެފައިވާ އީސަ ވަނީ މީގެ ކުރިން ވެސް މާޒިޔާ އަށް ކުޅެފަ އެވެ.

އީސަގެ ހިދުމަތް އަންނަ ސީޒަނުގައި މާޒިޔާ އަށް ލިބޭނެކަން ޔަގީންވި ނަމަވެސް ތަޖުރިބާކާރު މިޑްފީލްޑަރު އަޑުބަރޭ އެ ކްލަބުން ފެނުމުގެ ފުރުސަތު ކުޑަ އެވެ.

މާޒިޔާ އިން ވަނީ އަންނަ ސީޒަނަށް ޓީސީ ސްޕޯޓްސް ކްލަބުގެ އެޓޭކިން މިޑްފީލްޑަރު ނާއިޒް ހަސަން (ދާދު) އާއި ގްރީން ސްޓްރީޓްސްގެ އުއްމީދީ މިޑްފީލްޑަރު އަހުމަދު ހަސަން (އައްމަޑޭ) އާއި އަހުމަދު ނިޒާމް އަދި ވެލެންސިއާގެ ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) ގެނެސްފަ އެވެ. މީގެ އިތުރުން އެ ޓީމަށް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި މޫސާ ޔާމީން (ޔާމްބެ) އާއި މުހައްމަދު އިރުފާން (އިރޭ) އާއި ސަމޫހު އަލީ (ސަމުއްޓެ) އަދި ޔަސްފާދު ހަބީބު (މުލަކޭ) ވަނީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ.

މާޒިޔާ ދޫކޮށްދިޔަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިއު ރޭޑިއަންޓަށް ބަދަލުވި މުހައްމަދު އުމެއިރެވެ.